ދަސްވާރު ޕްރޮގްރާމްގެ ދަށުން ވޯޓަރ ސްޕޯޓްސް ގައި ބައިވެރިވި 14 ދަރިވަރަކު ތަމްރީން ފުރިހަމަ ކުރުމަށްފަހު ސަން އައިލެންޑުން މާލެ އަތުވެއްޖެއެވެ.
ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން 2016 ވަނަ އަހަރުން ފެށިގެން، މޫދު ކުޅިވަރު ނުވަތަ ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން މަސައްކަތް ދަސްކުރަން ޝައުޤުވެރިކަން ފާޅުކުރުމާއި ގުޅިގެން ވިލާ ކޮލެޖްއާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފެށި މަސައްކަތުން ވިލާ ކޮލެޖުން ކުރިއަށްގެންދަވާ ‘އެކުއަޓިކް ރެކްރިއޭޝަން’ ލެވެލް 3 ކުރިއަށްގެންދަން ވަނީ ފެށިފައެވެ. އެގޮތުން ވިލާ ކޮލެޖުގެ ފަރާތުން މިހާތަނަށް މިފަދަ 20 ބުރުގެ ތެރެއިން 193 ދަރިވަރުން މިކޯސް ފުރިހަމަކޮށްފައިވެއެވެ. މީގެއިތުރުން ކޯސް ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން %86 ކުދިންނަކީ މިރޮނގުން ވަޒީފާއަދާކުރާކުދިންނެވެ.
މިކޯހުގެ ތަމްރީނުވުމުގެ ބައި ކުރިއަށްގެންދަނީ 2 މަސްދުވަހުގެ މުއްދަތަށް ސަންއައިލެންޑްގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައެވެ. މިކޯހުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ބައި ދަރިވަރުން ފުރިހަމަކުރަނީ އިތުރު އެއްމަސްދުވަސްވަންދެން ރިސޯޓެއްގައި މަސައްކަތްކުރަމުންނެވެ.މިބުރުގައި ތަމްރީނު ފުރިހަމަ ކުރުމަށްފަހު މާލެއައީ ދަސްވާރު ޕްރޮގްރާމްގެ 4 ވަނަ ތަމްރީނު ބުރު ނިންމި ދަރިވަރުނެވެ. މިކުދިންގެ ތަމްރީން ފެށިފައިވަނީ 25 އޮގަސްޓް 2017ގައެވެ.
ވިލާ ކޮލެޖާއެކު މިހާތަނަށް 55 ދަރިވަރަކު ދަސްވާރު ޕްރޮގްރާމްގެ ތެރެއިން މިކޯސް ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމަކީ ދަރިވަރުންނަށް އިތުރު ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމުގެ ގޮތުންނާއި އަދި ދަރިވަރުން ދަސްކުރާހިތްވާ، ވަޒީފާގެ ބާޒާރުގައި ވަޒީފާ ލިބެންހުރި ދާއިރާތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދަސްވާރު ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރެވިގެން ޓިވެޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ދަރިވަރުން ޢަމަލީ މަސައްކަތުގެ ތެރެއިން މަސައްކަތުގެ ހުނަރާއި އިލްމު ދަސްކޮށް ޓިވެޓް އޮތޯރިޓީގެ ސަނަދު ހާޞިލްކުރެއެވެ. މިއަހަރު ތެރޭގައި ދަރިވަރުން ޢަމަލީ މަސައްކަތު ތަޖުރިބާ ހޯދުމަށްޓަކައި 275 އަށްވުރެ ގިނަ ކުންފުނިތަކަށް ދެއެވެ. 2017 ވަނަ އަހަރު 157 ސްކޫލަކުން 1248 ދަރިވަރުން މިޕްރޮގްރާމް ފުރިހަމަކުރަމުންއެބަގެންދެއެވެ.
މިޕްރޮގްރާމަކީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަންފީޛުކުރެވެމުންދާ ޕްރޮގްރާމެކެވެ. މިވޭތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި 1641 ދަރިވަރުން މިހާތަނަށް ލެވެލް 3 ގެ ސަނަދު ހާޞިލްކޮށްފައިވެއެވެ. ދަސްވާރު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން %83 ދަރިވަރުން މިހާރު ތިބީ ވަޒީފާތަކުގައާއި އިތުރަށް ތަޢުލީމް ހާޞިލްކުރުމުގައެވެ.