އިސްރާއިލާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ބުނެ އެމެރިކާއިން ޔުނެސްކޯގެ މެންބަރު ކަމުން ވަކިވެގަތުމަށް ހުށައަަޅައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް ސައެންޓިފިކް އެން ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ވަކި ވުމަށް ނިންމާފައިވާ ކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާން، ހެދާރ ނޯއާޓް ބުނެފައިވަނީ މިކަމާ ގުޅިގެން ވަނީ އޮބްސާވާރ އެއްގެ ގޮތުގައި ކުރިއަތް އޮތްތާ ޔުނެސްކޯގައި ހަރަކާތްތެރި ވުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމެރިކާއިން ޔުނެސްކޯއިން ވަކިވުމާ ގުޅިގެން އިސްރާއިލުގެ ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ނިންމާފައިވަނީ ތެދުވެރި އަދި ހިއްވަރުގަދަ ނިންމުމެއް ކަމުގައެވެ. އަދި އިސްރާއިލުން ވެސް އެމެރިކާއާއި އެކު ޔުނެސްކޯއިން ވަކިވުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އިރީނާ ބޮކޯވާ ވަނީ މިކަން ދުނިޔޭގެ ގައުމުތަކުގެ ގުޅުންތަކަށް ހީނަރު ކަމެއް ގެނުވި ކަމެއް ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެމެރިކާގެ ނިންމުމާ މެދު ދެރަވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. މީގެ އިތުރުން އެނާ ވިދާޅުވީ އެމެރިކާއަކަށް މިހާ ދުވަހު ޔުނެސްކޯ މުހިންމު ވެފައި ނުވާ ކަމަށާއި އަދި ޔުނެސްކޯ އަށް ވެސް އެމެރިކާ ވަކި މުހިންމު ނޫން ކަމަށެވެ.
އެމެރިކާ ޔުނެސްކޯ އާއި މެދު ހިތްހަމަ ނުޖެހިގެން މިގޮތަށް އަމަލު ކޮއްފައި މިވަނީ ކުއްލި ގޮތަަކަށް ނޫނެެވެ. 2011 ވަނަ އަހަރު އިސްރާއިލުން ވަރަށް ގަދަ އަށް ދެކޮޅު ހަދަމުން ދަނިކޮށް ފަލަސްތީނު ޔުނެސްކޯގެ މެންބަރަކަށް ހެދުމުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮއްފައެވެ. އެ އަހަރު އެމެރިކާއިން ޔުނެސްކޯ އަށް ފައިސާގެ އެހީ ދިނުން ވަނީ ހުއްޓާލާފައެވެ.
ފަލަސްތީނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ފަލަސްތީނިއަން ނޭޝަނަލް އިނީޝިއޭޓިވް ގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެފައި ވަނީ މިއީ އެމެރިކާގެ ދޯހަޅި ފިޔަވަޅެއް ކަމުގައެވެ. އަދި މިކަމުން ދޭހަ ވެގެން ދަނީ އެމެރިކާގެ ސިޔާސަތު ތަށް ކަނޑައަޅާނީ އިސްރާއިލުން ކަމަށް އެނާ ވިދާޅުވިއެވެ.
އިސްރާއިލާއި ޔުނެސްކޯ ދެމެދު ވަނީ ބޮޑެތި ހިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. އެ ގޮތުން ޖުލައި މަހު ޔުނެސްކޯއިން ވަނީ ހުޅަނގު އައްސޭރީގައި އޮންނަ ހިބްރޮން ވޯލްޑް ހެރިޓޭޖް ސައިޓުގައި ހިމަނާފައެވެ. މިކަމާ ގުޅިގެން ނަތަންޔާހޫ ސަރުކާރުން އ.ދ އަށް 1 މިލިއަން ޑޮލަަރުގެ އެހީ ވަނީ ކަނޑާލާފައެވެ. އަދި ޖެރުސަލެމް ގައި އިރުމަތީ ސަރަހައްދު އިސްރާއިލުން އަތް ގަދަ ކުރަމުން ދިއުމާ ގުޅިގެން ޖުލައި މަހު ވަނީ ޔުނެސްކޯއިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.