މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ މެމްބަރުންނަށް ޕްރޯ ބޯނޯ ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމަށް އެސް އެންޑް އޭ ލޯޔާރޒް އެލްއެލްޕީ އާއިއެކީ ޓާރމްސް އޮފް އެންގޭޖްމަންޓް (ޓީ.އޯ.އީ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޔޫނިއަންގެ ރައީސް އަހުމަދު ޝިހާމް އަދި އެސް އެންޑް އޭ ލޯޔާރޒްގެ ޕާރޓްނަރއެއް ކަމަށްވާ މުހައްމަދު ޒައިން އަހުމަދު ޝަހީދެވެ.
މި އެއްބަސްވުމުގެ ދަށުން ޔޫނިއަންގެ އިދާރީ ކަންކަމުގައި ލަފާދިނުމާއި ގާނޫނީ ލަފަޔާއި އިރުޝާދު ދިނުމަށާއި ގާނޫނު، ގަވާއިދު އަދި ހުދުކަރުދާސް ފަދަ ލިޔުންތައް ފަރުމާކުރުމަށާއި ޔޫނިއަންގެ މެމްބަރުންނަށް ގާނޫނީ ލަފާ ދިނުމަށާއި ޔޫނިއަންއަށް ބޭނުންވާ އެހެނިހެން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ވަނީ ނިންމާފައެވެ.
1994 ވަނަ އަހަރު އުފެދުނު އެސް އެންޑް އޭ ލޯޔާރޒް އަކީ ދިވެހިރާއްޖޭގައި ނަން މަޝްހޫރު، އަދި ގާނޫނީ ދާއިރާއިން އެންމެ ކުރިއަރާފައިވާ ވަކީލުން ހިމެނޭ ފުލް-ސާރވިސް ލޯ ފާރމެކެވެ.
މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއާއި އެސް އެންޑް އޭ ލޯޔާރޒްއާއި އެކީ ގުޅިގެން މަސައްކަތްކުރުމަށް ކުރެވުނު މި އެއްބަސްވުމުގެ ސަބަބުން ޔޫނިއަންގެ މެމްބަރުންނަށް ބޭނުންތެރި ހިދުމަތްތަކެއް ފޯރުކޮށްދެވި، ފަންނުވެރިންގެ މަސައްކަތުގެ މާހައުލައް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރެއެވެ.