މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުޞަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވައި ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުގެ ތެރެއިން ޙައްލު ހޯދުމަަށް ބޭނުންވެލައްވާ ގޮތްތަކާއި ފަންނުވެރިކަން ކުރިއެރުވުމަށް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވ ދިނުމަށް ހުރި ދަތިތައް ވަނީ ހިއްސާކޮށްފައެވެ. އަދި އެ ޔޫނިއަން ހިންގުމަށް އޮފީހެއް ނެތުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.
މީގެއިތުރުން ރިޒޯޓް މިއުޒިކް ކުޅުމަށް މިއުޒީޝަނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޖުމްލަގޮތެއްގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފަރާތުން ހިއްސާކުރެއްވި ދަތިތައް ޙައްލުކޮށްދެއްވުމަަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއުޒިކީ ފަންނު އިތުރަށް ކުރިއަރުވާ އާލާކުރުމާގުޅޭގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ޚިޔާލުބަދަލުކުރައްވާފައެވެ.