English Edition
Dhivehi Edition
ހިއުމަން ރައިޓްސް ކޮމިޝަނުން ގުރައިދޫއަށް ކުރި ޒިޔާރަތުގެ ތެރެއިން

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ.ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.

މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިސްވެރިންނާއި، މުއައްޒަފުން އަދި މަރުކަޒުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 06 މާރިޗު 2022 އިން 08 މާރިޗު 2022 އަށް ކުރަމުންދާ މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާއި މުވައްޒަފުންގެ ޢާއްމު ޙާލަތު ދެނެގަތުމެވެ.

މި މޮނިޓަރިންގ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް އެއިދާރާއިން ތައްޔާރުކޮށް ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ޙިއްސާކޮށް މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނުން ފާސްވުމަށްފަހު ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު ބައްދަލުވުމެއް ބާއްވާ ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށްވެސް ވަނީ އެޗްއާރްސީއެމުން ހަމަޖައްސާފައެވެ.

ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2008 ވަނަ އަހަރުން ފެށިގެން ޤަވާއިދުން ކޮންމެ އަހަރަކު ޒިޔާރަތްކުރެއެވެ. އެގޮތުން ޖުމްލަ 14 ޒިޔާރަތެއް މިހާތަނަށްކޮށްފައިވާއިރު އެންމެފަހުން ޒިޔާރަތް ކޮށްފައިވަނީ 2021 ވަނަ އަހަރުގައިކަން ފާހަގަ ކޮށްލެވެއެވެ. 2021 ވަނަ އަހަރު ކުރި ފޮލޯއަޕް ޒިޔާރަތުގެ ރިޕޯޓް، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ 2021 އެޕްރީލް 26 ވަނަ ދުވަހު ވަނީ ޙިއްސާކޮށްފައެވެ.