English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް ގެ 14 އަހަރުން ދަށުގެ ފުރަތަމަ މެޗު ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ ކޮމެޓްސް އާ ވާދަކޮށް، ވާދަވެރި ކުޅުމަކަށް ފަހު 5 ޕޮއިންޓު 4 ޕޮއިންޓުންނެވެ.

މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ކޮމެޓްސް ގެ ޢައިޝަތު ޢައިލީން ނަދީމެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަރިކޭން އާއި ފިއޮންޓީ އެކަޑަމީއެވެ. 16 އަހަރުން ދަށުގެ މި މެޗު ފަށާނީ ހަތަރެއް ޖަހާއިރުއެވެ.

ދެވަނަ މެޗުގައި ފަހެއް ޖަހާއިރު ބައްދަލުކުރާނީ ޝޫޓިންގ ސްޓާރ އާއި ފިއޮންޓީ އެކަޑަމީއެވެ. މިއީ 14 އަހަރުން ދަށުގެ މެޗެކެވެ.

މިއީ ނެޓްބޯޅައިގެ ހުނަރުވެރި ޒުވާނުން އުފައްދާ، އެ ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް ނެޓްބޯލް އެސޯސިއޭޝަނުން މުޅިން އަލަށް މިއަހަރު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ.

12 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ރޯޔަލް ބްލޫ، ބްލެކް އީގަލްސް، ފިއޮންޓީ އެކަޑެމީ، ޕަރޕަލް ޗީޓަރސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އަދި ގްރީން ވިންގްސްއެވެ. 14 އަހަރުން ދަށުގައި ކޮމެޓްސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް، ޝޫޓިންގ ސްޓާރ އަދި ފިއޮންޓީ އެކަޑަމީ ބައިވެރިވެފައިވާ އިރު، 16 އަހަރުން ދަށުގައި ވާދަކުރަނީ ހަރިކޭން އާއި ތަންޑަރ ބާރޑްސް އަދި ފިއޮންޓީ އެކަޑަމީއެވެ.

މާފަންނު ރަނިންގ ޓްރެކް ކައިރީ އޮންނަ ސިންތެޓިކް ނެޓްބޯލް އައުޓްޑޯރ ކޯޓުގައި ކުރިއަށްދާ މި މުބާރާތް މި މާރޗު މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

މި މެޗުތައް ބެލުމަށް ދާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އިހްތިރާމުކޮށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ނެޓްބޯލް އެސޯސިއޭޝަނުން އެދެއެވެ.