English Edition
Dhivehi Edition
ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ތަންޑަރ ބާރޑްސް ގެ މަރިޔަމް ޝަބާނާ ޢަބްދުﷲއަށް އިނާމު ދެނީ - ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން

މިއަދު ހެނދުނު ފެށި ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް ގެ 16 އަހަރުން ދަށުގެ ފުރަތަމަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ހަރިކޭން ކާމިޔާބުކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ ތަންޑަރ ބާރޑްސް އާ ވާދަކޮށް 32 ޕޮއިންޓު 8 ޕޮއިންޓުންނެވެ.

މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ތަންޑަރ ބާރޑްސް ގެ މަރިޔަމް ޝަބާނާ ޢަބްދުﷲއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ 14 އަހަރުން ދަށުގެ މެޗެކެވެ. ހަވީރު 5 ޖަހާ އިރު ފަށާ މި މެޗުގައި ބައްދަލުކުރާނީ ކޮމެޓްސް އާއި ފިއޮންޓި އެކަޑެމީ ޖޫނިއަރސްއެވެ.

މިއަހަރު މުޅިން އަލަށް ފެށި މި މުބާރާތުގައި ތިން ޢުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.

12 އަހަރުން ދަށުގައި ރޯޔަލް ބްލޫ، ބްލެކް އީގަލްސް، ފިއޮންޓީ އެކަޑެމީ، ޕަރޕަލް ޗީޓަރސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އަދި ގްރީން ވިންގްސް ވާދަކުރާއިރު، 14 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ކޮމެޓްސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް، ޝޫޓިންގ ސްޓާރ އަދި ފިއޮންޓީ އެކަޑަމީ އެވެ. އަދި 16 އަހަރުން ދަށުގައި ވާދަކުރަނީ ހަރިކޭން އާއި ތަންޑަރ ބާރޑްސް އަދި ފިއޮންޓީ އެކަޑަމީ އެވެ.

މާފަންނު ރަނިންގ ޓްރެކް ކައިރީ އޮންނަ ސިންތެޓިކް ނެޓްބޯލް އައުޓްޑޯރ ކޯޓުގައި ކުރިއަށްދާ މި މުބާރާތް މި މާރޗު މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

މި މެޗުތައް ބެލުމަށް ދާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އިހްތިރާމުކޮށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ނެޓްބޯލް އެސޯސިއޭޝަނުން އެދެއެވެ.