ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް މާދަމާ ފަށާނެ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ މިއީ މުޅިން އަލަށް މިއަހަރު ފަށާ މުބާރާތެއް ކަމަށާއި މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ.
އެގޮތުން 12 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ރޯޔަލް ބްލޫ، ބްލެކް އީގަލްސް، ފިއޮންޓީ އެކަޑެމީ، ޕަރޕަލް ޗީޓަރސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އަދި ގްރީން ވިންގްސް އެވެ. 14 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ކޮމެޓްސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް، ޝޫޓިންގ ސްޓާރ އަދި ފިއޮންޓީ އެކަޑަމީ އެވެ.
މިއަހަރުގެ މުބާރާތުގައި 16 އަހަރުން ދަށުގެ ބައިގާ ބައިވެރިވެފައިވަނީ ހަރިކޭން އާއި ތަންޑަރ ބާރޑްސް އަދި ފިއޮންޓީ އެކަޑަމީ އެވެ.
މާދަމާ އިން ފެށިގެން 19 މާރޗު ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާނީ ރޯޔަލް ބްލޫ އާއި ބްލެކް އީގަލްސް އެވެ. މި މެޗު ފަށާނީ ހެނދުނު 7 ޖަހާއިރުއެވެ. ދެވަނަ މެޗު 7:30 ގައި ފަށާއިރު މި މެޗުގައި ބައްދަލުކުރާނީ ފިއޮންޓީ އެކަޑަމީ އާއި ޕާރޕަލް ޗީޓަރސްއެވެ. އަދި ހެނދުނު 8 ޖަހާއިރު ފަށާ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އާއި ގްރީން ވިންގްސްއެވެ. މިއީ 12 އަހަރުން ދަށުގެ މެޗުތަކެވެ.
ނެޓްބޯލް ސިންތެޓިކް ކޯޓު އައުޓްޑޯރ ގައި ކުޅޭ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ. މި ރަސްމިއްޔާތަށް ފަހު 16:30 ގައި 16 އަހަރުން ދަށުގެ މެޗެއް ކުޅޭނެއެވެ. މި މެޗުގައި ވާދަކުރާނީ ހަރިކޭން އާއި ތަންޑަރ ބާރޑްސްއެވެ.
މި މެޗުތައް ބެލުމަށް އަންނަ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އިހްތިރާމުކޮށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ނެޓްބޯލް އެސޯސިއޭޝަނުން އެދެއެވެ.