English Edition
Dhivehi Edition
ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް ގެ ކުޅުން މިއަދު ހެނދުނު ފަށައިފިއެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ 12 އަހަރުން ދަށުގެ ތިން މެޗެވެ.

ފުރަތަމަ މެޗުގައި ރޯޔަލް ބްލޫ އާއި ބްލެކް އީގަލްސް ބައްދަލުކޮށް، 0-9 އިން މެޗު ކާމިޔާބުކުރީ ރޯޔަލް ބްލޫ އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ފާތިމަތު މައިޝާ ޝިޔާޒެވެ.

ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ކާމިޔާބުކުރީ ފިއޮންޓީ އެކަޑަމީންނެވެ. ޕާރޕަލް ޗީޓަރސް އާ ވާދަކޮށް 4 ޕޮއިންޓު 3 ޕޮއިންޓުން ކާމިޔާބުކުރި މި މެޗުގެ ކްއީން އޮފް ދަ މެޗު ހޯދީ ތާރާ އެލައިން ޝިފާހްއެވެ.

މިއަދު ކުޅުނު ތިން ވަނަ މެޗު ކާމިޔާބުކުރީ ގްރީން ވިންގްސްއެވެ. އެޓީމުނ މި މެޗު ކާމިޔާބުކުރީ ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އާ ބައްދަލުކޮށް އަށް ޕޮއިންޓު އެއް ޕޮއިންޓުންނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ލިބުނީ ފާތިމަތު ޝައުސާ ޝާކިރަށެވެ.

ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން

މި މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 4 ޖަހާއިރު އޮންނަ އިރު، މިއަދު ހަވީރު ކުޅޭނީ 16 އަހަރުން ދަށުގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ހަރިކޭން އާއި ތަންޑަރ ބާރޑްސްއެވެ. މި މެޗު ފަށާނީ 16:30ގައެވެ.

ނެޓްބޯލް އެސޯސިއޭޝަނުން ބުނީ މި މުބާރާތަކީ މުޅިން އަލަށް މިއަހަރު ފަށާ މުބާރާތެއް ކަމަށާއި މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޓީމުތައް ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން 12 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ރޯޔަލް ބްލޫ، ބްލެކް އީގަލްސް، ފިއޮންޓީ އެކަޑެމީ، ޕަރޕަލް ޗީޓަރސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އަދި ގްރީން ވިންގްސް އެވެ. 14 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ކޮމެޓްސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް، ޝޫޓިންގ ސްޓާރ އަދި ފިއޮންޓީ އެކަޑަމީ އެވެ.

މިއަހަރުގެ މުބާރާތުގައި 16 އަހަރުން ދަށުގެ ބައިގާ ބައިވެރިވެފައިވަނީ ހަރިކޭން އާއި ތަންޑަރ ބާރޑްސް އަދި ފިއޮންޓީ އެކަޑަމީ އެވެ.

ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން

މި މާރޗު މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތު ކުޅޭނީ މާފަންނު ރަނިންގ ޓްރެކް ކައިރީ އޮންނަ ސިންތެޓިކް ނެޓްބޯލް އައުޓްޑޯރ ކޯޓުގައެވެ.

މި މެޗުތައް ބެލުމަށް ދާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އިހްތިރާމުކޮށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ނެޓްބޯލް އެސޯސިއޭޝަނުން އެދެއެވެ.