English Edition
Dhivehi Edition

ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް ނިމި، އެކި ޢުމުރުފުރާތަކުން ޑްރީމް ޓީމު ހޮވައިފިއެވެ.

މާފަންނު ރަނިންގ ޓްރެކް ކައިރީ އޮންނަ ސިންތެޓިކް ނެޓްބޯލް އައުޓްޑޯރ ކޯޓުގައި މި މާރޗު މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދިޔަ މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މިއީ ނެޓްބޯޅައިގެ ހުނަރުވެރި ޒުވާނުން ކުޅުންތެރިން އުފައްދާ، އެ ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ނެޓްބޯލް އެސޯސިއޭޝަނުން މުޅިން އަލަށް މިއަހަރު ބޭއްވި މުބާރާތެކެވެ.

މި މުބާޜާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޕަރޕަލް ޗީޓަރސްއެވެ. ރަނަރ-އަޕް ޓީމަކަށް ފިއޮންޓީ އެކަޑަމީ ހޮވުނު އިރު، ތިންވަނަ ޓީމަކީ ގްރީން ވިންގްސްއެވެ. 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ފިއޮންޓީ އެކަޑަމީ ހޯދިއިރު، ރަނަރ-އަޕް ޓީމަކީ ޝޫޓިންގ ސްޓާރއެވެ. އަދި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ތަންޑަރ ބާރޑްސް ހޯދި އިރު، ރަނަރ-އަޕް ޓީމަކީ ފިއޮންޓީ އެކަޑަމީއެވެ.

ފޮޓޯ: އޭއޯ ނިއުސް

މި މުބާރާތް ނިމުމާއެކު އެކި ޢުމުރުފުރާއިން ޑްރީމުތައް ވަނީ ހޮވާފައެވެ. އެގޮތުން 12 އަހަރުން ދަށުގެ ޑްރީމުގައި ހިމެނެނީ ގްރީން ވިންގްސްގެ ފާތިމަތު ޝައުސާ ޝާކިރު، ޕާރޕަލް ޗީޓަރސްގެ އާލާ އަހްމަދު އިނާޒު، މަރިޔަމް ނަތާރާ ނަސީރު އަދި މަރިޔަމް އުޔޫން އިގްބާލް އާއި ފިއޮންޓީ އެކަޑަމީގެ ތާރާ އެލެނާ ޝިފާހު، އައިމިނަތު ސާރާ ހަލީމް އާއި ރޯޔަލް ބްލޫގެ ޢައިޝަތު ނޯޔާ ބިންތް ނަދީމްއެވެ.

14 އަހަރުން ދަށުގެ ޑްރީމް ޓީމުގައި ހިމެނުނީ ޝޫޓިންގ ސްޓާރގެ މަލަކް އިސްމާއިލް މާހިރު، ޢައިޝަތު ޝިނާ ޝަފީގު، ޒޯޔާ ޢަލީ މިސްބާހު އާއި ފިއޮންޓީ އެކަޑަމީގެ ތަޒްކިޔާ މުޙައްމަދު މައުޝޫގް، އައިމިނަތު އާނާ އަދި ޝިބާ ހުސައިން ސުހައިލް އާއި ކޮމެޓްސްގެ ޢައިޝަތު އައިލީން ނަދީމްއެވެ.

16 އަހަރުން ދަށުގެ ޑްރީމް ޓީމުގައި ހިމެނުނީ ތަންޑަރ ބާރޑްސްގެ ޢައިޝަތު ޔަފާ އަހްމަދު، އައިމިނަތު އައިނީ، ޢައިޝަތު ޢީޝަލް ޢަލީ، ޢައިޝަތު ސާޔާ ޝަފީގު އަދި ޢައިޝަތު މަލަކް ޢަލީއެވެ. އަދި ފިއޮންޓީ އެކަޑަމީގެ މަރިޔަމް ސާރާ އިސްމާއީލާއި ހަރިކޭންގެ މިޝްކާ އަފްރާޙް ޙަސަން ވެސް މި ޓީމުގައި ހިމެނެއެވެ.

ފޮޓޯ: އޭއޯ ނިއުސް

މިއަހަރުގެ މުބާރާތުގައި 12 އަހަރުން ދަށުގައި ބައިވެރިވެފައިވަނީ ރޯޔަލް ބްލޫ، ބްލެކް އީގަލްސް، ފިއޮންޓީ އެކަޑެމީ، ޕަރޕަލް ޗީޓަރސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް އަދި ގްރީން ވިންގްސްއެވެ. 14 އަހަރުން ދަށުގައި ކޮމެޓްސް، ފިއޮންޓީ އެކަޑަމީ ޖޫނިއަރސް، ޝޫޓިންގ ސްޓާރ އަދި ފިއޮންޓީ އެކަޑަމީ ބައިވެރިވެފައިވާ އިރު، 16 އަހަރުން ދަށުގައި ވާދަކުރަނީ ހަރިކޭން އާއި ތަންޑަރ ބާރޑްސް އަދި ފިއޮންޓީ އެކަޑަމީއެވެ.