English Edition
Dhivehi Edition

ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

އެ ކޮމެޓީން ފާސްކޮށްފައިވަނީ ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ފިޔާތޮށިގެ ޙަސަން ޞާބިރު އައްޔަންކުރެއްވުމަށެވެ.

ކޮމެޓީއަށް ވަޑައިގެންނެވި 8 މެމްބަރުންގެ ވޯޓުން މި ދެބޭފުޅުން އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވާ އިރު، މިނަންފުޅުތަކަށް މަޖިލީހުންގެ ތަޅުމުން ވޯޓަށް އަހައި މަޖިލީހުން ރުހުން ދިނުމަށް މިހާރުވަނީ ކޮމެޓީން ފޮނުވާފައެވެ.

ޢުމަރު ޢަބްދުއްރައްޒާޤު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ. ޙަސަން ޞާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ.

އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީން މަރސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ޢުމަރު ޢަބްދުއްރައްޒާޤު ވަނީ ސަރުކާރުގެ އިސް ބައެއް މަޤާމުތައް ވެސް ފުރުއްވާފައެވެ. އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ޙަސަން ޞާބިރަކީ ވެސް ސަރުކާރުގެ ގިނަ މަގާމުތަކާއި މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ހަސަން ސޯބިރު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.