English Edition
Dhivehi Edition
ބޮސްނިއާ އެންޑް ހާޒެގޮވީނާ ކޮޅަށް ލަނޑުޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެ މުބާރާތުގެ ސެމީ ފައިނަލް ދެ ޖާގަ އިޓަލީ އާއި ބެލްޖިއަމް ކަށަވަރުކޮށްފިއެވެ.

އިޓަލީން ފައިނަލް ބުރުގެ ޖާގައެއް ކަށަވަރުކުރީ ރަށުން ބޭރުގައި 2-0 އިން ބޮސްނިއާ އެންޑް ހާޒެގޮވީނާ ބަލިކޮށްގެންނެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމުން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ޑެންމާކް އަތުން މޮޅުވެފައެވެ.

ރޭގެ މެޗުތަކަށްފަހު އިޓަލީ ހިމެނޭ ލީގު އޭގެ އެއްވަނަ ގްރޫޕުގައި ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހަމަކޮށް އެއްވަނަ މަގާމު ކަށަވަރުކުރިއިރު، 11 ޕޮއިންޓާއެކު ދެވަނައަށް ދިޔައީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ޕޯޗުގަލް އަތުން ބަލިވި ނެދަލެންޑްސް އެވެ. ތިންވަނައިގައި ހަތް ޕޮއިންޓާއެކު ޕޮލެންޑް އޮތްއިރު، އެންމެ ފުލުގައި ދެ ޕޮއިންޓާއެކު އޮތް ބޮސްނިއާ ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.

ބޮސްނިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީ އަށް ލީޑްނަގައިދިނީ ޓޮރީނޯގެ ފޯވާޑް އަންދްރެއާ ބެލޮއްޓީ އެވެ. އެ ޓީމުގެ ފަހު ލަނޑު، ދެވަނަ ހާފުގައި ޖަހައިދިނީ ޑޮމެނިކޯ ބެރާޑީ އެވެ.

ބެލްޖިއަމްއާ ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ރަށުން ބޭރުގައި ޕޮލެންޑްގެ މައްޗަށް ނެދަލެންޑްސް އިން ކުރިހޯދީ 2-1 އިންނެވެ. ޕޮލެންޑްގެ ކަމިލް ޔޯވިއަކްގެ ގޯލުން މެޗުގެ ކުރީކޮޅު އެ ޓީމު ލީޑުނަގާފައިވަނިކޮށް ނެދަލެންޑްސް އިން ނަތީޖާ އަނބުރާލީ ފަހު 13 މިނެޓުގައި ދެ ގޯލު ޖަހައިގެންނެވެ. މެމްފިސް ޑިޕާއީގެ ޕެނަލްޓީން ނަތީޖާ ހަމަހަމަކުރިއިރު، މޮޅުވި ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޔޫރީ ޓީލަމެންސްގެ ގޯލުން ބެލްޖިއަމް ލީޑްނަގާފައިވަނިކޮށް ޑެންމާކްގެ ޔޮނަސް އޮލްޑަ ވިންޑް ވައްދާލި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ބެލްޖިއަމް މޮޅުވީ ދެވަނަ ހާފުގެ ގޯލުތަކާ އެކީ އެވެ. އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ ކެވިން ޑިބްރޭނާ އެވެ. ޑެންމާކްގެ ދެވަނަ ގޯލަކީ ބެލްޖިއަމްގެ ނާސިރު ޗަޑްލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ގްރޫޕުގައި ހިމެނޭ އައިސްލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0 އިންނެވެ. އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ދެލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޑެކްލަން ރައިސް އަދި މޭސަން މައުންޓް އެވެ.

ބެލްޖިއަމުން ސެމީގެ ޖާގަ ކަށަވަރުކުރީ ލީގު އޭގެ ދެވަނަ ގްރޫޕުން ހަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ ޑެންމާކާއި ތިންވަނައިގައި އޮތް އިންގްލެންޑަށް 10 ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކަށް ކުރިލިބުނީ ދެ ޓީމުގެ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ. މި ގްރޫޕުގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި ނިންމާލި އައިސްލެންޑް ވަނީ ރެލިގޭޓްވެފައެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ފިންލެންޑް އަތުން 3-1 އިން މޮޅުވެ ވޭލްސް އިން ލީގު އޭ އަށް ޕްރޮމޯޓުވިއިރު، ނޯވޭއާ ދެކޮޅަށް އޮސްޓްރިއާ ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުން އެ ޓީމު ވެސް ވަނީ ޕްރޮމޯޓުވެފައެވެ. ސްލޮވޭކިއާ އަތުން 2-0 އިން ޗެކް ރިޕަބްލިކް މޮޅުވިއިރު، ހަންގޭރީ ވަނީ 2-0 އިން ތުރުކީ ބަލިކޮށްފައެވެ. މިއާއެކު މި ދެ ޓީމު ވެސް ވަނީ ލީގު އޭ އަށް ޕްރޮމޯޓުވެފައެވެ.