ދައްކަންމިއުޅެނީ އެއްވެސް މީހަކަށް އާ މޫނެއްގެ ވާހަކައެއް ނޫނެވެ. ހާއްސަކޮށް އަންހެން ކަނބަލުންނަށް މިއީ ހަމަ ޔަގީނުންވެސް ބީރައްޓެހި މޫނެއް ނޫނެވެ. ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ‘ވިމެން އެންޑް ޑިމޮކްރަސީގެ’ ރައީސް އަދި ފައުންޑަރ ސަފާތު އަހްމަދު ޒާހިރުގެ ވާހަކައެވެ. ސަފާތު ދަންނަނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި ބައްދަލުވުންތަކާއި ހަފްލާތަކުގައިވެސް ސަފާތުގެ ނަން އިވެއެވެ. ސަބަބަކީ ސަފާތަކީ ހަމައެކަނި ނަމަކަށް ނުވާތީއެވެ. އަންހެނުންގެ ހައްގުތަކަށާއި ވަޒީފާގެ މާހައުލުގައި ހުންނަ ޖިންސުގެ ތަފާތުތައް ނައްތާލުމަށް މަސައްކަތް ކުރާ ސަފާތަކީ ބްރޭންޑެކެވެ
އައްޑޫ ސިޓީ ހުޅުދޫއަށް އުފަން ސަފާތު ގެ ދިރިއުޅުމުގެ ބޮޑު ބައި ހޭދަވީ އުފަން ރަށާއި ދުރުގައެވެ. އިސްކަންދަރު ސުކޫލުން ތައުލީމީ ބިންގާ އެޅިގެން ދިޔަ ސަފާތަކީ ސްކޫލް ދައުރުގައިވެސް ފާހަގަކޮށްލެވޭފަދަ މޮޅު ދަރިވަރެކެވެ. އޭނާގެ ތައުލީމީ ހަޔާތުގެ ބޮޑުބައި ހޭދަވީ ރާއްޖެއިން ބޭރުގައެވެ. އޭ ލެވެލް އާއި ފުރަތަމަ ޑިގްރީ ފުރިހަމަކުރީ މެލޭޝިއާ އިންނެވެ. ފައިނޭންސް އަދި އިންވެސްޓްމަންޓް ދާއިރާ އިން ފުރަތަމަ ޑިގްރީއަށް ފަހު ހަމަ އެ ރޮނގުން މާސްޓާސް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ. ބޭރުން ކިޔަވައި ނިންމުމަށްފަހު ރާއްޖެ އައިސް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ކުރަންފެށުމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ފެނި އެކަމަށް ހައްލެއް ހޯދައިދީ އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ސަފާތު ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އެއީ މީގެ 06 އަހަރު ކުރިން އޭނާ ފެށި މަސައްކަތެވެ.
ފުލްޓައިމް ކަމެއްގެ ގޮތުގައި ވިމެން އެންޑް ޑިމޮކްރަސީ ގެ މަސައްކަތް ސަފާތު ފެށީ ވަރުގަދަ އަޒުމެއްގައެވެ. ވިމަން އެންޑް ޑިމޮކްރަސީގެ މަގުސަދަކީ ދިވެހި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުވުމެވެ.ސިޔާސީ މައިދާނަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ހޯދައިދިނުމެވެ. އަންހެނުންނަށް މާލީ ގޮތުން ފުދުންތެރި، މިނިވަން އަދި އަބުރުވެރި ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމެވެ. އެ ދާއިރާތަކުން ހޭލުންތެރިކޮށް، ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ.
އަންހެނުންގެ މަދަނީ އެކިއެކި ހައްގުތައް ރައްކާތެރިކުރުމަށާއި ސިޔާސީ ދާއިރާގައި އެމީހުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސަފާތު އަށްވަނީ ކޮމަންވެލްތު ގައުމުތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް އިނގިރޭސި ރާނީ އެލިޒަބަތުގެ ފަރާތުން ދެމުން ގެންދާ “ކުއީންސް ޔަންގް ލީޑާސް އެވޯޑު”, ރާނީގެ އަތްޕުޅުން 2016 ވަނަ އަހަރު އަރުވާފައެވެ.
މަޝްހޫރު ފޯބްސް މެގަޒިން އިން ހޮވާ އޭޝިއާގެ އެންމެ ނުފޫޒުގަދަ 30 ޒުވާނުންގެ ތެރޭގައިވެސް ސަފާތު ހިމެނިފައިވާއިރު އޭނާއަކީ ފޯބްސްގެ ލިސްޓެއްގައި ހިމެނުނު ފުރަތަމަ ދިވެއްސަކަށް ވުން ވެގެން ދިޔައީ މުޅި ރާއްޖެވެސް ސަފާތަށްޓަކައި ފަޚުރުވެރިވި ކަމަކަށެވެ. 2016 ވަނަ އަހަރު އދ. ގެ ތަރައްޤީގެ 17 ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހޮވި 17 ޒުވާނުންގެ ތެރޭގައިވެސް ސަފާތު ހޮވިފައިވާއިރު އޭނާ ހޮވިފައިވަނީ ތަރައްޤީގެ އެއް ލަނޑުދަނޑި ކަމަށްވާ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރުމުގެ ދާއިރާއިންނެވެ. އދ. ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް 15 އަހަރުގެ ތެރޭގައި ޙާސިލްކުރަން ޖެހޭއިރު، ސަފާތު އަންނަނީ އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ސަފާތުވަނީ ޖިންސީ ހަމަހަމަކަން ނެތުމުގެ މައްޗަށް ބިނާކޮށް 2017 ގައި މެނިފެސްޓޯއެއް ހަދައި އެ މެނިފެސްޓޯއަށް ބިނާކޮށް، އަށް ދާއިރާއަކުން އަންހެނުންގެ ކަންކަން ރަނގަޅުކުރަން ހާއްސަ ކަރުދާހެއް ސަރުކާރަށް ހުށަހަޅާފައެވެ،މިހާ ހިސާބުންވެސް އެ މަސައްކަތް ހުއްޓާލީއެއް ނޫނެވެ. ވިމެން އެންޑް ޑިމޮކްރަސީން އަންހެނުންނަށް އަމާޒުކޮށްގެން ޕޮލިޓިކަލް ޓްރެއިނިން ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.އަށް މޮޑިއުލް ހިމެނޭ މި ޕްރޮގްރާމްގައި ލީޑާޝިޕް، ކެމްޕެއިންކުރާނެ ގޮތް އަދި އާންމު ތަންތަނުގައި ވާހަކަ ދެއްކުމުގެ ހުނަރު އަންހެނުންނަށް ދަސްކޮށްދީ އަންހެނުންނަށް ކުރިއަށް ދިއުމުގެ މަގު ކޮށާދިނެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މިކަމުގެ ނަތީޖާވެސް ރަނގަޅެވެ.
ސަފާތުގެ ޖަމިއްޔާއިން މިހާތަނަށް 800 އާ ގާތްވާ އަދަދަށް އަންހެނުން ތަމްރީނުކޮށްފައިވާ އިރު, އަންހެނުންނަށް ދިމާވާ ނަފްސާނީ އަދި ޖިސްމާނީ މައްސަލަތަކުގައި އެ ޖަމިއްޔާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމަށް ކޮންމެ އަހަރަކުވެސް މުޅި ރާއްޖެ ކަވަރު ކުރާގޮތަށް ހާއްސަ ޕްރޮޖެކްޓްތަކެއް އަންނަނީ ހިންގަމުންނެވެ. ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ހުރިހާ އަތޮޅަކަށް އަންހެން ކެނޑިޑޭޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާއިރު އެއީ ސިޔާސީ ގޮތުން އަންހެނުންގެ ހުނަރުތައް އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މުހިއްމު ޕްރޮގްރާމެކެވެ.
ނިމިގެންދިޔަ 2021 ވަނަ އަހަރު ސަފާތު ވަނީ ވެބް ކޮންފަރަންސް މެދުވެރިކޮށް އޭނާ ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރާނީ އެލިޒަބެތަށް އަރުވާފައެވެ.އިނގިރޭސި ރާނީއަށް ސަފާތު އެރުވީ، އަނިޔާ އާއި ކުރިމަތިލަމުން އައި 130 އަށް ވުރެ ގިނަ އަންހެނުންގެ ހާލަތުގެ ތަފްސީލެވެ. އެމީހުންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައިދިނުމަށް ކުރި މަސައްކަތެވެ. އަދި އެމީހުންނަށް ޖިސްމާނީ ރައްކާތެރިކަމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ސައިކޯސޯޝަލް ކައުންސިލިން ފަދަ ރަނގަޅު ހިދުމަތްތަކެއް ދިން ވާހަކައެވެ. ސަފާތުގެ ޖަމިއްޔާގެ މަސައްކަތްތަކަށް ތައުރީފުކުރަމުން އިނގިރޭސި ރާނީ ވިދާޅުވީ އެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ތާރީހީ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ކޮމަންވެލްތުގެ ހަތަރު ގައުމެއްގެ ހަތަރު ޒުވާނުންނަށް ލިބުނުއިރު، ސަފާތުގެ ޖަމިއްޔާ ހިންގަމުން އަންނަނީ އިނގިރޭސި ރާނީގެ ފަރާތުން ދެއްވާ ކުއީންސް ކޮމަންވެލްތު ޓްރަސްޓް ފަންޑުގެ އެހީގައެވެ.
ދިވެހި އަންހެނުންގެ ހާލަތު ބަދަލުކޮށް އިގްތިސާދީ އަދި ސިޔާސީ ގޮތުން އެ މީހުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަފާތު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބުގައި އަންހެނުންގެ ރައީސް ކަމަށް ވާދަކުރަން ނިންމާ ކެމްޕެއިން ފަށާފައެވެ. މިހާރުވެސް ސަފާތުއަކީ ސިޔާސީ މައިދާނުގައި އަންހެނުން ކުރިއަރުވައި، ސިޔާސީ އިސް މަގާމުތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ނަމޫނާއެކެވެ .ބަސްބުނުމުގައި ބައިވެރިވެ ގޮތް ނިންމާ މަގާމުތަކަށް އަންހެނުން ގެނައުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސަފާތު ގަބޫލުކުރެއެވެ. އިޖުތިމާއީ ހިދުމަތުގައި ދެ ގޮތެއް ނުވެ ސާބިތުވެ ހުރި ސަފާތު އަކީ އަންހެނުންނާއި ނިކަމެތިންގެ ހައްގުގައި އަޑުއުފުލަން ބޭނުންވާ ކަނބަލެކެވެ.
މިއީ އެމްޑީޕީ މެމްބަރުންނަށް އަންހެނުން ބާރުވެރިކުރުވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އަދި މީގެ އެތައް ޒަމާނެއް ކުރިން، ސަފާތު ކުރަމުން އައި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާއަށް ލިބުނު ރަގަޅު ފުރުސަތެކެވެ. މިހާރުވެސް އަންހެނުންގެ ހައްގަށް މަސައްކަތްކޮށް ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ސަފާތު މި މަގާމަށް އިންތިހާބުވެއްޖެ ނަމަ މިއީ އެމްޑީޕީގެ އަންހެނުންގެ އިތުރުން މުޅި ޕާޓީއަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީހުން ބިނާކުރުމާއި، އެހެން މީހުންގެ ހައްގުތައް ހޯދައިދިނުމާއި މަތީ މަގާމުތަކުގެ އިތުރުން ދިރިއުޅުމުގެ އަޑިގުޑަންތަކުން އަންހެން ސަލާމަތްކުރުމަށް ސަފާތުކުރަމުންދާ މަސައްކަތަކީ ނަމޫނާއެކެވެ.