English Edition
Dhivehi Edition
ފޮޓޯ: ހޯމް މިނިސްޓްރީ ޓްވިޓަރ

މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ކުރެހުމުގެ މުބާރާތުގެ އެއްވަނަ ޝަޒުރާ ސައީދު ހޯދައިފިއެވެ.

މިއީ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި މި މުބާރާތަކީ އެސިޓީއަށް ހުޅުވާލައިގެން، ހޯމް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ބޭއްވި މުބާރާތެކެވެ.

މުބާރާތަށް ހުށަހެޅި ކުރެހުންތަކުން ވަނަތައް ހޮވާ, ކުރެހުންތައް ހިމެނޭ މައުރަޒު ޢާއްމުކޮށް ހުޅުވާލީ ރޭގައެވެ.

މުބާރާތުން އެއްވަނަ ވިންދު, ޝަޒުރާ ސައީދު ހޯދި އިރު، ދެވަނަ ހޯދީ ދާރީގެ, ފާތިމަތު މިލްނާއެވެ. ތިންވަނަ ހޯދީ ރޫބީ, އާއިޝަތު ސަބާއެވެ.

ވަނަތަކަށް ހޮވުނު ކުރެހުންތައް ހުށަހެޅި ފަރާތްތަކަށް ފައިސާގެ އިނާމް ހުށަހަޅައިގެން ބޭއްވި މި މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދިނުމަށް ހަމަޖެހިފައިވަނީ މިރޭ ފުވައްމުލައް ސިޓީގައި ބާއްވާ ޝަހީދުންގެ ދުވަހުގެ ޖަލްސާގައެވެ.

“ޤައުމިއްޔަތު” މި ތީމަށް ކުރެހުންތައް ހުށަހެޅި މި އެގްޒިބިޝަނާ ގުޅޭގޮތުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު ވިދާޅުވީ މިއީ ކުދިން މިފަދަ ދުވަސްތަކާ މެދު ވިސްނާ ފިކުރުކޮށްގެން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ފެނިގެންދިޔަ ކުރެހުންތަކެއް ހިމެނޭ މައުރަޒެއްކަމަށެވެ.

“ވަރަށްގިނަ ކުދިން ޤައުމިއްޔަތާ ދޭތެރޭ ވިސްނާ ޤައުމިއްޔަތު ރަމުޒުކޮށްދޭން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ. ހޯމް މިނިސްޓްރީއާއި, ފުވައްމުލަކު ސިޓީ ގުޅިގެން ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފައިދާ ޚާއްޞަކޮށް ފުވައްމުލަކު ސިޓީގެ ދަރިވަރުންނަށް, ޢާއްމުންނަށް ކުރާނެކަން އަޅުގަނޑަށް ޔަގީން.” މޭޔަރ ވިދާޅުވިއެވެ.

ކުރެހުންތައް ހިމެނޭ އެގްޒިބިޝަން ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީން ހަސަން، ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤު, މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރު އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.