English Edition
Dhivehi Edition

ވަރލްޑް ކަޕާއި ޗެމްޕިއަންސް ލީގު މުބާރާތުން ރަޝިއާގެ ޓީމުތައް ސަސްޕެންޑް ކުރި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި ރަޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެޕީލް ކޮށްފިއެވެ.

ރަޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްޔޫ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ބައިނަލްއަގުވާމީ ހުރިހާ މުބާރާތަކުން ރަޝިއާ ސަސްޕެންޑް ކުރި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) ގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

އަދި ރަޝިއާގެ ހުރިހާ ފިރިހެނުންނާއި އަންހެނުންގެ ގައުމީ ޓީމުތަކާއި ކުލަބުތައް ހިމެނޭ ވޮތަށް ފުޓްބޯޅަ މުބާރާތް ތަކުގައި ވާދަ ނުކުރެވޭނޭ ހެން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށާއި މި އީ ވަރަށް ބޭއިންސާފުން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ސަސްޕެންސަނާއި ގުޅިގެން އިންސާފު ހޯދުމަށާއި މިކަމުގެ ސަބަބުން ރަޝިއާގެ ފުޓްބޯޅައަށް ލިބެމުންދާ އަދި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް ފީފާ އަދި ޔޫއެފާއާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފައި ވާ ކަމަށް ވެސް ރަޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ފީފާ އާއި ޔޫއެފާ ހިންގި މި ނާއިންސާފު އމަލަކީ އެއްވެސް ޤާނޫނީ އަސާސެއްގެ ދަށުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ގައުމީޓީމުތަކަށާއި ކުލަބުތަކުގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

” ފީފާ އަދި ޔޫއެފާ އިން ރަޝިއާ ބައިނަލްއަޤުވާމީ ފުޓްބޯޅައިންނާއި ކުލަބު ފުޓްބޯޅައިން ސަސްޕެންޑް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން. މިއީ ނާއިންސާފުން ހިންގާފައިވާ ބޮޑު ޖަރީމާއެއް. މިކަން ކުއްވެރި ކުރަން. އަދި މިއީ އެއް ވެސް ޤާނޫނީ އަސާސެއްގެ ދަށުން ކޮށްފައިވާ ކަމެއް ވެސް ނޫން. ފީފާ އާއި ޔޫއެފާގެ މި އަމަލުގެ ސަބަބުން ރަޝިއާ ފުޓްބޯޅް ކުލަބުތަކުގެ އަސާސީ ހައްޤުތައް ވަނީ ގެއްލިފަ. މިކަމުގެ ބަދަލު ހޯދަން ދައުވާ އުފުލާނަން.” ރަޝިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ފީފާ އާއި ޔޫއެފާ އިން ރަޝިއާގެ ޓީމުތައް ފުޓްބޯޅަ މުބާރާތްތަކުގައި ވާދަ ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނީ ރަޝިއާއިން އިސްވެ ޔުކްރެއިންނާއި ދެކޮޅަށް ކުރާ ހަނގުރާމައާއި ގުޅިގެން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ. ޔޫއެފާ އާއި ފީފާއިން ރަޝިއާ ފުޓްބޯޅައިން ސަސްޕެންޑް ކުރީ ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.