English Edition
Dhivehi Edition

ބަލަން ޖެހެނީ އިންޑިއާ ސިފައިން އައިސް ތިބި އެގްރީމެންޓް ތަކަކީ ނުރައްކާތެރި އެގްރީމެންޓްތަކެއްތޯ ކަމަށް އެމްޑިއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާމް ވިދާޅުވީ ގޯސްކުރަންވީ، ރާއްޖޭގައި ވަކި ގައުމެއްގެ ސިފައިން ތިބުން ނޫން ކަމަށެވެ. އަދި ވަކި ގައުމެއްގެ ސިފައިން ފައިބާން ގޮވުމަކީ ސިޔާސީ ކަންތައްތައް ކުރިއަށްގެންދާ ގޮތް ނޫން ކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިނަށް އިޝާރާތް ކުރައްވާ ސިޔާމް ވިދާޅުވީ ޖަރުމަނުވިލާތަކީ މުޅި ޔޫރަޕްގައި އޮތް އެންމެ ބޮޑު ގައުމު ކަމަށްވާ އިރު، އެކަމަކު އެގައުމުގައި ވެސް އެމެރިކާ ސިފައިން އެބަތިބި ކަމަށެވެ.

“ފްރާންސްގައިވެސް އެމެރިކާސިފައިން އެބަތިބި، މިއަދުގެ ދުނިޔެއަކީ ހުޅުވާލާފައޮތް ދުނިޔެއެއް، އެހެންވީމާ މި ދުނިޔޭގަ އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭނެ އެކަކު އަނެކަކަށް އެގްރީމެންޓްތައް ހުންނާނެ،” ސިޔާމް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ އެއްވެސް ބަޔަކު ގައުމުތަކާ ދިމާކުރަން ނުޖެހޭ ކަމަށާއި ސިޔާސީ މީހުން މިހާރު އެއަށްވުރެ ބޮޑުވެ، ތަސައްރަފު ފުދެން ޖެހޭ ކަމަށެވެ. އަދި ކޮންމެ ގައުމަކަށް ވެސް ފައިދާ ވާނީ އެހެން ގައުމުތަކާ އޮންނަ ގުޅުންތަކާއި ގާތްކަމުގެ މައްޗަށް ކަމަށެވެ.

އެގޮތުން އިންޑިއާއީ ޗައިނާއާ ދެގައުމުން ރާއްޖެއަށް ލިބެމުން އަންނަ އެހީތައް ފާހަގަކުރައްވައި ރާއްޖެއަކީ އެތަނުން އެއްވެސް ގައުމަކާ ދުރުގައި އޮވެވޭނެ ގައުމެއް ނޫން ކަމަަށް ވެސް ވިދާޅުވިއެވެ.