ގއ. ކޮނޑޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އާތިފް ވިދާޅުވީ މިކަމުން ހާމަވެގެންދަނީ ކޮނޑޭ ކައުންސިލުން އެރަށުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާ މިންވަރު ކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެކަމަށެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ވެސް ތިބީ ކައުންސިލްތަކުން ބޭނުންވާ މިފަދަ ކޮންމެ އެއްބާރުލުމެއް ދީގެން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރަން ކަމަށެވެ.
“އެގޮތުން އަޅުގަނޑު ގަބޫލުކުރަނީ މިއަދަކީ އެގޮތައް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް. ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ހަމަ އިރާދަކުރެއްވިއްޔާ ހަމަ ޓޫރިޒަމް މިނިސްޓްރީން މިކަހަލަ ކޮންމެ ކަމެއްގައި ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ.” އާތިފް ވިދާޅުވިއެވެ.
ކޮނޑޭ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ހަކީމް ވިދާޅުވީ މިއީ މި ދައުރު ފެށުނީއްސުރެ ކައުންސިލުން ކުރަމުންދިޔަ މަސައްކަތަކަށް ނިމުން އައި ދުވަސްކަމަށާއި ކައުންސިލާއި މިނިސްޓްރީއާއި ގުޅިގެން މިކަމުގެ ނަތީޖާ ނެރެދޭނެކަމަށެވެ.
މިއީ ވަރަށް ދުރުރާސްތާ ޕްލޭނެއް އަޅުގަނޑުމެން ކައުންސިލުން މި ދައުރު ފެށުނީއްސުރެ މަސައްކަތްކުރަމުންދިޔަ މަސައްކަތެއް މިއޮތީ ނިމުމަކަށް އައިއްސަ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މި މަސައްކަތް ފެށިގެންގޮސް މީގެ ނަފާ ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ކޮނޑޭ ރައްޔިތުންނާއި އަދި ރާއްޖެއިން އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވިގެންދާނެ.” ކޮނޑޭ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ހަކީމްއެވެ.
މި އެއްބަސްވުމަކީ ކޮނޑޭ ކައުންސިލްގެ އެދުމުގެ މަތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް އެރަށުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގެ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް އެހީތެރިކަން ކައުންސިލަށް މިނިސްޓްރީގެ ފަރާތުން ދިނުމާބެހޭ އެއްބަސްވުމެކެވެ.
ކޮނޑޭގައި ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ކޮނޑޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަމުގައި ކައުންސިލަށް އެ ފަރާތްތަކަށް ދެވެންއޮތް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ކައުންސިލުން ބުނެއެވެ.