English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ގއ. ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް އެއްމަސްދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އަލްއުސްތާޛު މުޙައްމަދު އިބްރާހިމް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެރަށު ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ތެރެއިން އޭނާގެ މަސްލަހަތު ފުށޫއަރާ މައްސަލައެއްގެ ކޯޓުއަމުރުތަކެއްގައި ސޮއިކުރި މައްސަލައިގައެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމާއި، އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ޙަވާލުވެހުރި މެޖިސްޓްރޭޓް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް ބުނެފައިވާތީ ކަމަށެވެ.

މީގެ އިތުރުން އެ ޤަޟިއްޔާއާ ގުޅިގެން ދަޢުވާލިބޭފަރާތާ މުޢާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ ވެސް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމަށްވާތީ، އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް މާދަމާ އިން ފެށިގެން އެއް މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް އޭނާ ނުކުތުން މަނާކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ޓެގު