English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މޯލްޓާއިން ރާއްޖެ ވަޑައިގަންނަވާއިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބަހައްޓާފައިހުރި ފައިސާ ގެނެސްދެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

އޭނާ މިފަދައިން އެދިވަޑައިގެންނެވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ.

“މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ވަގަށް ނަގާފައިވާ ފައިސާ، މޯލްޓާގައި ހުންނާނެ. ރައީސް ނަޝީދުގެ މޯލްޓާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގަންނަވާއިރު އެ ފައިސާ ގެންނަވަން ވާނެ.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިގައުމުން ވަގަށް ނަގައިގެން މޯލްޓާގައި އަދީބު ބަހައްޓާފައި ހުރި ފައިސާ ހުރިތަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަބްދުލްއަޒީޒު ސައުދު އަލްބަޑަން ކަލްޗަރަލް ފައުންޑޭޝަންގެ “ވަރލްޑް ފޯރަމް ފޯ ކަލްޗަރ އެންޑް ޕީސް” ބައްދަލުވުމަކަށް ރައީސް ނަޝީދު މޯލްޓާ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައެވެ.

މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވެސް ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދާއި މަޖިލިސް ދެ މެމްބަރުން ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވާފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.