ވަރލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫސިޓީ ކޯގަންނު ޤަބުރުސްތާނު ހިމަނައިފިއެވެ.
ދުނިޔޭގެ ޤަދީމީ އާސާރުތައް ޙިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދިނުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ވަރލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމަނާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުނީ މި އަހަރުގެ ލިސްޓަށް ނޮމިނޭޓްވި 225 ތަނެއްގެ ތެރެއިން ހޮވުނު 25 ތަނުގެ ތެރޭގައި ހިމެނިގެނެވެ. ބައިނަލްއަގްވާމީ އެ ލިސްޓުގައި ރާއްޖޭގެ އާސާރީ ބިނާއެއް ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުނީ އެ ސަރަހައްދަށް އަންނަ މޫސުމީ ބަދަލުތަކަށް ބެލުމަށްފަހުކަމަށެވެ.
އެ ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމެނުމުން ދެ ކަމެއް ހާސިލް ވާނެއެވެ. އެގޮތުން އެ ޤަބުރުސްތާނު ރައްކާތެރިކުމަށްޓަކައި ބޭނުންވާ އެކިއެކި އެހީތެރިކަން ލިބުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި އެ ޤަބުރުސްތާނު ޕްރޮމޯޓުވެ، ތާރީޚާ ގުޅޭ ގިނަ ރިސާޗުތައް ހެދޭނެކަމަށް ކަމަށާއި އަދި ކޯގަންނު ޤަބުރުސްތާނުގައި ހުރި ފަނޑިޔާރު މިސްކިތާއި ހިރިގަލުގެ އެހެން މިސްކިތްތައް އެ ލިސްޓުގައި ހިމެނޭނެކަމުގެ އުންމީދު މިހާރު އެބައޮތްކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ނުވަ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޯގަންނު ޤަބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަން އެންމެ ތާރީޚީ ޤަދީމީ ޤަބުރުސްތާނު ކަމަށްވާއިރު، މި ލިސްޓުގައި އައްޑޫ ކޯގަންނު ޤަބުރުސްތާނު ހިމެނިގެން ދިއުމަކީ އައްޑޫ ސިޓީގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއްކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއީ މުސްލިމުން ވަޅުލުމަށްޓަކާ ޤަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅާ ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ޤަބުރުސްތާނު ކަމަށް ތާޜީޚީ ލިޔެކިޔުންތަކުން ދައްކައެވެ.