English Edition
Dhivehi Edition

އައްޑޫ ސިޓީގައި ކޮވިޑު ކޭސްތަކުގެ އަދަދު 300 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) ގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާ އިރު، އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް، އަލަށް 62 ކޭސް ވަނީ ފެނިފައެވެ.

އީއޯސީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ހިތަދޫގައި 146، މީދޫގައި 55، ފޭދޫގައި 34، ހުޅުދޫގައި 32، މަރަދޫފޭދޫގައި 15 އަދި މަރަދޫގައި ހަތް ކޮވިޑުގެ ކޭސް ވަނީ ފެނިފައެވެ. އެވެ. އަދި ރިސޯޓްތަކުން ނުވަ ކޭސް ފެނިފައިވާ އިރު، އެހެން ތަންތަނުން ހަ ކޭސް ފެނިފައިވެއެވެ.

މުޅި ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު އަނެއްކާ ގޯސްވެފައިވާ މި ދަނޑިވަޅުގައި އައްޑޫ ސިޓީގައި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 304 އެވެ.

އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހައިތަނަށް ނިޔާވެފައިވަނީ 14 މީހުންނެވެ. އައްޑޫ ސިޓީގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް 3،342 މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ކޮވިޑްގެ ހާލަތު އައްޑޫ ސިޓީގައި އަނެއްކާ ވެސް ގޯސްވަމުންދާތީ އީއޯސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

“ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ކޮންޓްރޯލުން ނެއްޓިއްޖެ ނަމަ ފަރުވާދޭން ވެސް ދަތިވެދާނެ.” އީއޯސީންނާއި އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ފަހަކަށް އައިސް މުޅި ރާއްޖޭގައި ކޮވިޑް ކޭސްތައް އަނެއްކާ ގޯސްވެފައި މިވަނީ ކޮވިޑްގެ އާ ވެރިއަންޓް އޮމިކްރޮން ފެނުނު ފަހުންނެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ އަދަދުތައް އިތުރުވަމުން އައިސް އިއްޔެ ވެސް ވަނީ މުޅި ރާއްޖޭން 1،200 އަށް ވުރެ ގިނަ ކޭސް އަލަށް ފެނިފައެވެ.