English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު، ގއ. ދާންދޫ ކައުންސިލް އިދާރާގަ އެވެ.

މިބައްދަލުކުރެއްވުމުގައި، ދާންދޫ ކައުންސިލުން ވަނީ މިސަރުކާރުން ދާންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ޝުކުރުދަންނަވާފަ އެވެ. އަދި އެބޭފުޅުން ވަނީ މިއީ ފާއިތުވި 10 އަހަރު ތެރޭގައި ވެސް ރައީސަކު ދާންދޫއަށް ޒިޔާރަތްކުރައްވައި ދާންދޫ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި މިގޮތަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުން ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

ދާންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފެށުމަށާ، ނަރުދަމާ ޤާއިމްކުރުމަށް ބޭނުންވާކަމަށާއި، ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށާއި، އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްޤީކުރުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި އެވެ. އަދި ދޮރެގަލާ ދާންދޫގެ އިޙްތިޞާޞްގައި ހިމަނަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފަ އެވެ. ކައުންސިލް މެންބަރުން ވަނީ ސްކޫލްގެ ތަޢުލީމީ މަންހަޖަށް ކޮމްޕިއުޓަރ ސްޓަޑީސް އާ އައިސީޓީ އިތުރުކޮށްދެެއްވުމަށް ވެސްދަންނަވާފަ އެވެ.

ދާންދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ޤާއިމްކުރުމާއި އިނޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.