English Edition
Dhivehi Edition

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން މި މަސައްކަތް ކުރާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެމްޓީސީސީގެ އައު ޑްރެޖަރު ބޮޑު ޖައްރާފު ރަސްމީކޮށް އިފްތިތާހު ކުރުމާ ވެސް އެކީގައެވެ.

ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރުކުރެވި، މިހާރުގެ ދާންދުއާ އަލަށް މި ހިއްކާ ބިން، ބްރިޖަކުން ގުޅާލެވެނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި އައު ބިން ވެގެންދާނީ، ޒަމާނީ ދާންދޫގެ އާ ހަޔާތެއްގެ ފެށުމަށް ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއު ނިމޭއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ އަތިރިމަތިތައް އޮންނާނެ ކަމަށް ވެސް ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 975،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގއ. ދާންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ އާއި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފުއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

1 ކޮމެންޓް
ރާއަލިފު
ސެޕްޓެމްބަރު 19, 2022
މަސައްކަތް ނުނިމެނީސް ތިޔަ ބޮޑު ބިޔަ ޖަރީމާ ހުއްޓި ބޭނުންނުހިފޭ ވަރަށް، ނޫނީ އެއަށްވުރެ މާ ޖަރީމާއެެއްގެ ނިވަލަށް ދާން ޖެހޭނެ ކަމެވެ.