English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ތުނޑި

ފުވައްމުލައް ސިޓީ ގެ އިޙްތިސާސް ހިނގާ ސަރަޙައްދުން ވެލި، އަކިރި، ގާ، މުރަކަ އަދި ފަސް ނެގުން މަނާކުރުމަށް އެކުލަވާލާފައިވާ ޤަވައިދު އާންމުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ޤަވައިދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ‘ޅ’ ގެ ދަށުން ބާރުލިބިގެން ހަދާފައިވާ ޤަވައިދެއް ކަމަށެވެ. މި ޤަވައިދުގެ ބޭނުމަކީ ފުވައްމުލައް ސިޓީ ގެ އިޙްތިސާސް ހިނގާ ސަރަޙައްދުން ވެލި، އަކިރި، ގާ، މުރަކަ އަދި ފަސް ނެގުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުން ހުއްޓުވުންކަމަށެވެ.

މި ޤަވައިދުގެ ދަށުން ދޮންވެލި، ވެލި، އަކިރި، ގާ، މުރަކަ އަދި ފަސް އަދި މި ނޫންވެސް ޤުދުރަތީގޮތުން ކަނޑާއި ރަށުގެ ވެށީގައި ލައްވާފައިވާ ތަކެތި، އެ ސިޓީގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުން ނެގުމަކީ މަނާކަމެއް ކަމަށެވެ.އެހެންނަމަވެސް މި ޤަވައިދުގައި ކަށުކަމާއި ކެމީގެ ކަންތައްތަކަށް ބޭނުންކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ހުއްދަ އާއި އެކު ނެގުމަށް މަނާނުކުރެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީއިން ބުނީ މި ޤަވައިދުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް ނަގަނިކޮށް ފެނިއްޖެނަމަ އަދި ގެއްލުންދީ ނައްތާލަން މަސައްކަތްކޮށްފި ނަމަ އެކަމުގައި ބައިވެރިވި ކޮންމެ މީހަކު 200 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ. އަދި އެ ތަކެތި އަޅާފައިވަނީ ގޯންޏަކަށް ނަމަ، އެކަމުގައި ޒިންމާވާ ފަރާތްތައް، ކޮންމެ ގޯންޏަކަށް 200 ރުފިޔާގެ މަގުން ޖޫރިމާނާކުރެވޭނެކަމަށެވެ. އަދި މިތަކެތި ގަންނަ ފަރާތްތައް ކޮންމެ ގޯންޏަކަށް 400 ރުފިޔާގެ މަގުން ޖޫރިމާނާ ކުރެވޭނެކަމަށް މި ޤަވައިދުގައިވަނީ ބަޔާންކޮށްފައެވެ.