މިއުޒިކާއި ސަގާފީ މަސައްކަތްތައް ކުރުމަށް މިއުޒިޝަން ޔޫނިއަން އޮފް މޯލްޑިވްސް އާއި އެލައެންސް ފްރަންސެއިސް އެއްބަސްވެއްޖެއެވެ.
އެމް.ޔޫ.އެމް އާއި އެލައެންސް ފްރަންސެއިސް ގުޅިގެން ދެފަރާތަށް ފައިދާކުރުވަނިވި ގޮތަކަށް މަސައްކަތް ކުރުމުގެ މި އެއްބަސްވުމެއް އެމް.ޔޫ.އެމް ގެ ރައީސް އަޙްމަދު ޝިހާމް ސޮއެ ކުރެއްވި އިރު، އެލައެންސް ފްރަންސެއިސް ގެ ފަރާތުން ސޮއެ ކުރެއްވީ ޑައިރެކްޓަރ ޑިމިޓްރީ ވާރޖްއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކޮށްފައިވާ މި އެމް.އޯ.ޔޫ އަށް އަމަލު ކުރަން ފެށުމަށް ނިންމާފައިވަނީ އަންނަ މާރޗް މަހުއެވެ.
މި އެމް.އޯ.ޔޫ ގެ ދަށުން، އެލައެންސް ފްރަންސެއިސް އިން ހިންގާ ފްރެންޗް ބަސް ދަސްކޮށް ދިނުމުގެ ކޯހުގެ ކޮންމެ އިންޓޭކެއްގައި އެމް.ޔޫ.އެމް ގެ 2 މެންބަރުންނަށް ހިލޭ ބައިވެރި ވުމުގެ ފުރުސަތު ވެސް ވަނީ ހަމަޖައްސައި ދީފައެވެ.
އެހެންކަމުން 13 މާރޗް ގައި ފެއްޓުމަށް ހަމަޖެހިފައިވާ މި ކޯހުގެ ކުރިއަށް ދެންއޮތް ސެޝަން ގައި ޔޫނިއަންގެ ދެ މެންބަރުންނަށް “އިންޓްރޯޑަކްޝަން ސެޝަން” ގައި ހިލޭ ބައިވެރި ވެވޭނެއެވެ. މި އިންޓްރޯޑަކްޝަން ސެޝަންތައް ދެ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އިރު، ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހުގެ އިރުއޮއްސި 6 ން 7 އަށް މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ކުލާސްތަކުގައި ބައިވެރިވުމަށް މެންބަރުން ކުލާހަށް ހާޟިރުވެގެން ނުވަތަ އޮންލައިންކޮށް ބައިވެރި ވެވޭއިރު، ކުލާހަށް ހާޟިރުވެގެން ބައިވެރިވާ މެންބަރުން، ކޯހުގެ ފޮތްތަށް ހޯދުމަށްޓަކައި -/500ރ ދައްކަން ޖެހޭނެއެވެ. ނަމަވެސް އޮންލައިން ކޮށް ބައިވެރިވާ މެންބަރުން މި ފޮތްތައް ބައްލަވައިގަތުމަކީ އިޚްތިޔާރީ ކަމެކެވެ.
2008 ވަނަ އަހަރު އުފައްދާފައިވާ އެލައެންސް ފްރަންސެއިސް މާލެ އަކީ ވިޔަފާރި އާއި ޓުއަރިޒަމް އަށް އަމާޒު ކޮށްގެން ފްރެންޗް ބަސް ކިޔަވައި ދިނުމާއި އެހެނިހެން ހަރަކާތްތައް ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ހިންގަމުންދާ ހަމައެކަނި ފްރެންޗް ސެންޓަރެވެ.
މި ސެންޓަރަކީ ފްރާންސް އާއި ދިވެހިރާއްޖޭގެ ސަގާފަތް ކުރިއެރުވުމުގެ ގޮތުން އާރޓް އެގްޒިބިޝަން ތަކާއި މޫވީ ނައިޓްސް ފަދަ ކަންތައްތައްވެސް ރާވައި ހިންގާ ސެންޓަރެކެވެ.