English Edition
Dhivehi Edition

މާފުށްޓަކީ ބޭރުގެ ގިނަ ފަތުރުވެރިންނާއެކު ދިވެހިން ވެސް ކުރު ޗުއްޓީ ހޭދަކޮށްލުމަށް މިހާރު އެންމެ ދާހިތްވާ އެއްތަނެވެ. ކުޑަކުޑަ ރަށެއްގައި ހިތްހަމަޖެހިގެން ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވާ ހުރިހާ ސިފަތަކެއް އެއްތަނަކުން ލިބެން ހުރި ގުދުރަތީ ރީތިކަން އެކުލެވޭ ނަލަނަލަ ރަށެއް މެއެވެ. ވޯޓާ ސްޕޯޓްސް ސެންޓަރު ތަކާއި ޑައިވް ސްކޫލްތަކާއި ދިވެހިވަންތަ ސާމާނު ހިމެނޭ ގިފްޓް ޝޮޕްސް ތަކާއި އެރަށަށް އަންނަ މެހްމާނުންނަށް ބޭނުންވާ އެކިކަހަލަ ޚިދުމަތް ތައް ދޭ ސެންޓަރުތަކާއި ތަފާތު އެކިގައުމުތަކުގެ ކާތަކެތިން ފުރިފައިވާ ހިތްގައިމު ރެސްޓޯރެންޓްތަކާއެކު ފެންވަރު ރަނގަޅު ގެސްޓްހައުސް ތަކުން އެރަށް ދަނީ ފުނި ޖެހެމުންނެވެ.

އެރަށަށް ކުރި ދަތުރުން ފާހަގަކުރެވުނު އެއްކަމަކަށް ވެގެން ދިޔައީ މާފުށީގެ ނަމާ ގުޅުވައިގެން ނަން ދީފައިވާ “މާފުށި ސްޕާއެންޑް ސެލޫން” އެވެ. އެތަން ޚާއްޞަވީ ގިނަ ސަބަބު ތަކަކާއެކުވެސް މެއެވެ!

ދުވާލު ހަތަރުދަމު ވޯޓާރ ސްޕޯޓްސްގައި ހޭދަކުރުމަށްފަހު އަނދާފައިވާ މޫނުގެ ހަންގަނޑަށް ފަރުވާއެއްދިނުމަށް އެރަށުން އެފަދަ ޚިދުމަތެއް ދޭ ތަނެއް ފޭސްބުކްގައި ހޯދާލުމުން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ “މާފުށި ސްޕާ އެންޑް ސެލޫން” މި ނަމެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް އަޅައިގަތީ އެ ޕޭޖްގައި އެންމެފަހުން ކޮށްފައި ހުރި ޕޯސްޓުގައެވެ.

ކުޑަ ޑައިލޮގް ކޮޅަކުން ގެނެސްދީފައިވާ އެ އެޑްގައި ވަނީ ފަތުރުވެރިއަކާއެކު ކޮށްފައިވާ ސުވާލުތަކެކެވެ. މިއަދުގެ އެކްސްކާރޝަން ކިހިނެއްހޭ އަހާލުމުން ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ވަރަށް ބޮޑަށް ސަންބާރން ވެފައިވާ ކަމަށް ބުނުމުން އެކަމާ ކަންބޮޑުނުވުމަށާއި މާފުށި ބުޓިކް ސްޕާއިން އެކަމަށް ހައްލު ހޯދޭނެކަމަށް ބުނެފައި އޮތް އިޝްތިހާރުކޮޅުން އެތަނަށް ދާހިތްވިއެވެ. ތަނުގެ ތަޖްރިބާ އަމިއްލައަށް ކޮށްލަން ބޭނުންވިއެވެ.

މާފުށި ސްޕާ އެންޑް ސެލޫން ހަމަ އަސްލުގައިވެސް ވަރަށް ތަފާތެވެ. ތަނުގެ އިންޓީރިއާއިން ފެށިގެން ދެވޭ ޚިދުމަތްތައް ވެސް މެއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވުނީ އެކިއެކި ޚިދުމަތްތަކަށް ތައްޔާރުކޮށްފައިވާ ކޮޓަރި ތަކަށް ދީފައިވާ ނަން ތަކެވެ. “ރެހެންދި” އާއި “ކޮއިމަލާ” ގެ އިތުރުން “ދޮށިމޭނާ” ފަދަ ދިވެހިވަންތަ ރަސްމަތިފުށު ނަންތަކުން ތަފާތު ފާހަގަ ކުރެވުނެވެ.

ހަގީގަތުގައި ވެސް އެތަނުން ދެނީ ރަސްމަތިފުށު ފެންވަރުގެ ޚިދުމަތެވެ. ދޮށިމޭނާ އާއި ކޮއިމަލާއަކީ ދެމަފިރިން ނުވަތަ އެކީގައި އަންނަ އެކުވެރިއަކާއެކު ޓްރީޓްމަންޓް ނަގާލުމަށް ބޭނުންކުރެވޭ ގޮތަށް ހަދާފައި ހުރި ކަޕަލްސް ރޫމްތަކެވެ. ރެހެންދި އަކީ އެ ގޮތަށް ހުންނަ ސިންގަލް ރޫމެކެވެ. ވަކިން ޚާއްޞަކޮށް “ރެހެންދި” އެއީ އަންހެން ކަނބަލުންނަށް ޚާއްޞަ ޚިދުމަތްދޭ ތަނެއް ގެ ގޮތުގައި ރެހެންދި ޚަދީޖާގެ ނަމާއި ގުޅުވައިގެން ތަނަށް ނަން ދީފައިވުމުން އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތް ވެސް އެތަނުން ދައްކުވައިދެއެވެ.

އަޔުރްވެޑިކް މަސާޖްއާއި ސަންބާރން ބޮޑީ ޓްރީޓްމަންޓާއި ފައިތިލައަށް ދޭ ޓްރީޓްމަންޓް ގެ އިތުރުން ރިލެކްސް ކޮމްބޯ އާއި އެތަނުގެ އަމިއްލަ ކޮކަނަޓް ބޮޑީ ސްކްރަބް ވެސް ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވުނެވެ. އަދި މި ތަނުގައި ޚިދުމަތް ދިނުމަށް ތިބި ތަޖްރިބާކާރު މުވައްޒަފުންގެ އެކުވެރި ހިނިތުން ވުމާއި މެހްމާންދާރީ އަކީ އެތަނަށް ލޯބި ޖެހޭނެ އިތުރު ސަބަބެކެވެ.

ދާދި ފަހުން ހުޅުވި މި ތަނުން ލިބޭ ޚިދުމަތަށް ވެސް ހަމަ ސަތޭކަ ޕަސެންޓް ދެވޭހައިވެއެވެ. މާފުށްޓަށް ޗުއްޓީ އަށް ދާނަމަ ޗުއްޓީ ނިންމާލަމުން މާފުށި ސްޕާ އެންޑް ސެލޫން އިން ޚިދުމަތް ހޯދާލުމަކީ މުޅި ޗުއްޓީއަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެކެވެ!

 

ޓެގު