English Edition
Dhivehi Edition
އެމެރިކާގެ ރައީސް ޖޯބައިޑަން

ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ރައީސް ޖޯބައިޑަން އިޢުލާން ކުރައްވައިފިއެވެ.

ޔޫކްރެއިންގެ މަސްރަޙު ހޫނުވެ ރަޝިޔާއިން ޔޫކްރޭންއަށް ޙަމަލާން ދޭން ފަށާފައިވާ މި ދަނޑިވަޅު، އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ބުރާސްފަތި ދުވަހުގެ ރޭ ދެއްވި ޚިތާބުގައި ބައިޑަން ވަނީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދަށް މިހާރުން މިހާރަށް ގެއްލުން ވުމުގެ އިތުރުން މިކަމުގެ އަސަރު ދިގު މުއްދަތަކަށްފޯރާނެ ކަމަށް ވިދާޅުވެފައެވެ.

ދަތި ކުރުމުގެ ފިޔަވަޅުތަކުގައި އެމެރިކާގެ އިތުރުން އެޤައުމަށް ވާގިވެރިވާ އީޔޫގެ 27 ޤައުމާއި ޖީ7 ގެ ގައުމުތަކުންވެސް ބައިވެރިވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ރަޝިޔާ އާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި:

– ޑޮލަރ، ޔޫރޯ، ޕައުންޑު އަދި ޔެން ބޭނުންކޮށްގެން ރަޝިޔާއަށް ވިޔަފާރީގެ މުޢާމަލާތު ކުރެވޭނެ މަގުތައް ހަނިކުރުން

– ރަޝިޔާގެ އަސްކަރިއްޔާ ތަރައްގީކުރުމަށް މަގުފައިވާ ދާއިރާތައް ބަންދުކުރުން އަދި

– ރަޝިޔާގެ ބޭންކުތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އެއް ޓްރިލިއަން އެސެޓް ހިފެހެއްޓުން ހިމެނެއެވެ.

ބައިޑަން ވިދާޅުވީ މައި ހަތަރު ބޭންކެއް އެއްކޮށް ބްލޮކްކުރާނެ ކަމަށާއި އެގޮތުން އެމެރިކާގައި ހުރި އެބޭންކުތަކުގެ ހުރިހާ އެސެޓެއް ފްރީޒްކުރާނެ ކަމަށެވެ. މިހާތަނަށް އައިއިރު އެމެރިކާ، އީޔޫ، އަދި ޖަޕާނުންވެސް ވަނީ ރަޝިއާގެ ޢަމަލުތަކަށް ތާއީދު ނުކުރާކަން ހާމަކޮށް، ރަޝިޔާގެ ބޭންކުތަކާއި، ޕާލަމެންޓް މެމްބަރުންނާއި މަހުޖަނުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤްރީރުކުރައްވަމުން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ރަޝިޔާއާ ދެކޮޅަށް މީގެ ކުރިން ނާޅާވަރުގެ ހަރުކަށި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާކަން އިޢުލާންކުރައްވާފައެވެ. އެ ގޮތުން ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައް ކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުން ހިމެނެއެވެ. އަދި 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު އިނގިރޭސިވިލާތުން ހޯދުން މަނާކުރުންވެސް ޖޮންސަން އިޢުލާންކުރެއްވި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ޔޫކްރެއިނަކީ އީޔޫ އަދި ނޭޓޯގެ މެންބަރު ޤައުމެއް ނޫނެވެ. ޔޫކްރެއިނަށް ޙަމަލާ ދިނުމުގެ ކުރިން ރަޝިޔާއިން ބޭނުންވީ ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދުވަހަކުވެސް ނުދޭނެކަމުގެ ޔަޤީންކަން ހޯދުމެވެ.އެހެންނަމަވެސް އީޔޫގެ މެންބަރު ޤައުމުތަކާއި އަދި ނޭޓޯއިންވެސް އެފަދަ ޔަޤީންކަމެއް ދިނުމަށްވަނީ ދެކޮޅުހަދާފައެވެ. ޔޫކްރެއިންއަށް ރަޝިޔާ އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 57 މީހުން މަރުވެ 169 މީހުން ޒަޚަމްވެފައިވާކަމަށް ޔޫކްރެއިންއިން ވަނީ ހާމަކޮށްފައެވެ.

ރަޝިއާއިން ޔޫކްރެއިންއަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން،ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިދިޔަ 7 އަހަރު ވެސް ނުއުފުލޭހައި މައްޗަށް ވަނީ އުފުލިފައެވެ.