English Edition
Dhivehi Edition

އައްޑޫސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ބަލައިގެންފި އެވެ.

ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ކޯޓަށް ހުށަހެޅީ ސ. މީދޫ، މުރިގު، އަބްދުﷲ ނުޒައިރު އެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ޕްލޭންކޮށްފައިވާ ގޮތަށް އައްޑޫގެ އެތެރެވަރިން ވެލިނައިގެން އެ މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ އެކަމުގެ ސަބަބުން އިއާދަ ވެސް ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އާންމުން ރައްޔިތުންނާއި ތިމާވެއްޓާއި އަދި އަންނަ އޮތް ޖީލުތަކަށް ކުރާނެ ކަން ދިރާސާއިން ހަމާވެފައި ވާތީ ކަމަށް ބުނެއެވެ. އަދި އެ މަޝްރޫއު އަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ގެއްލުން ބޮޑު ކަމަކަށް ވާނެތީ އާންމު މަސްލަހަތު ހިމާޔަތްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އެ މައްސަލަ ހުށަހެޅީ ކަމަށެވެ.

މީދޫ ކޯޓުން އެ މައްސަލަ ބަލައިގަތްއިރު، އެ މަޝްރޫއުގެ ސަބަބުން އައްޑޫ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.

އެ މަޝްރޫއު އަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، މިކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ / މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްޤީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

1 ކޮމެންޓް
ގޫބައްޑާ
ފެބުރުއަރީ 25, 2022
ބުއްގަޅޭ މެން ކޮންތާކުން ދިރާސާ ހެދީ ؟ ރާއްޖެ ތިބިހެއި ފަޅާއި ގިރިއޭއި ހިއްކި ކޯ މިވެރިން ކޮބާތާ ؟ އައްޑޫއެ ކަމަށް ކެރާއް ވީހެއިލަހައް ފާޑުފާޑި ޖަމއްޔާތަކާއި ޕާޓީތައް ވަގުތުން އެކްޓިވް ވެގަނި😏