މަންޓާ އެއަރގެ ދަތުރުތައް އައްޑޫ ސިޓީއަށް މި މަހު ފަށަން ނިންމައި، އެކަން އިޢުލާންކޮށްފިއެވެ.
މި ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ދަތުރު ފެށުމަށް ނިންމާފައިވާ މި ދަތުރުތަކާއި ގުޅޭގޮތުން މަންޓާ އިން ބުނީ ޑޮމެސްޓިކް ދަތުރުތަކުގެ އަގުތައް ފެށޭނީ ކޮމްފޯޓް ސޭވަރ ޕެކޭޖުން 1450 ރުފިޔާއިން ކަމަށެވެ. އަދި އިތުރު އަގަކާއިނުލާ، ފުރާ ދުވަސް ކިތަންމެ ގިނައިންވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.
މި ދަތުރުތަކުގެ ސަބަބުން ޑޮމެސްޓިކް ދަތުރުތަކުގެ މުޅިން އައު ތަޖުރިބާއެއް ކުރެވޭނެ ކަމަށާއި މި ދަތުރުތައް ގިނަބަޔަކު ބަލައިގަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް މަންޓާ އެއަރ އިން ބުންޏެވެ.
މީގެ އިތުރުން އެ އެއަރ ލައިނުން ބުނީ މިވަގުތަށް ނިންމާފައިވަނީ ކޮންމެ ދުވަހަކު ވެސް އެއް ފްލައިޓު އައްޑޫ ސިޓީއަށް އެޅުމަށް ކަމަށާއި ހޮނިހިރު ދުވަހު ސްރީލަންކަންގެ ޝެޑިއުލްއާ ދިމާކޮށް ހުވަދޫއަށް ވެސް މަންޓާ އެއަރގެ ދަތުރުތައް ބާއްވަން ތައްޔާރުވަމުންދާކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓް ވިއްކާ ހަމައެކަނި އެއަރލައިނުން އައްޑޫއަށް ކުރާ ދަތުރުތަކުގައި ވެސް ކޮމްފޯޓް ކްލާސް ނުވަތަ އިކޮނޮމީ ކްލާހާއި ސެފަޔަރ ކްލާސް ނުވަތަ ބިޒްނަސް ޓިކެޓުތައް ވިއްކުމަށް ވަނީ ނިންމާފައެވެ.
ކޮމްފޯޓް ކުލާހުގައި 22 ކިލޯގެ ލަގެޖް އެލަވެންސެއް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ. އަދި ސެފަޔަރ ކްލާހުގައި 35 ކިލޯ ލަގެޖް އެލަވެންސް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ.
މަންޓާއިން ހާމަ ކުރާ ގޮތުގައި އެކުންފުނީގެ އުދުހުންތަކުގައި ބޭނުން ކުރާ އޭޓީއާރު 72-600 މަރުކާގެ ބޯޓުތަކަކީ ދަތުރު ކުރާ ފަރާތްތަކަށް ރަނގަޅު ފެންވަރެއްގައި ޚިދުމަތް ދެވޭ އަދި ކެބިންގައި އެކަށީގެންވާ ޖާގަ ލިބޭނެ ގޮތަށް ގޮނޑިތައް އަތުރާލެވިފައިވާ ބޯޓުތަކެކެވެ.
އައްޑޫއާއި މާލެއާއި ދެމެދު ދަތުރުތަކަށް މިހާރު ޓިކެޓް ވިއްކަން ފަށާފައިވާއިރު، އެކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އަދި ޓިކެޓް ވިއްކާ އޭޖެއްޓެއް މެދުވެރިކޮށްވެސް ޓިކެޓް ލިބޭނެ ކަމަށް މަންޓާއިން ހާމަ ކުރެއެވެ.
Finally the wait is over, the Manta's are coming to #AdduCity on 24th February. Who is excited to fly #LikeAManta!
book your seat at https://t.co/j1RJWBhGNs#YourTropicalWayToFly #MyMantaExperience #YourFavouriteAirline #MantaAir pic.twitter.com/tJVYNWFsoL— Manta Air (@MantaAir) February 17, 2022