ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފް އާާއި އޭއޯ ނިއުސް ގުޅިގެން އަންނަ ރަމަޟާން މަހު އޯޑިއޯ ކުރުވާހަކަ މުބާރާތެއް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
“އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގެ 1 ވަނަ އަށް 10،000 (ދިހަ ހާސް ރުފިޔާ) ހުށަހެޅިފައިވާއިރު 2 ވަނައަށް އަންނަ ފަރާތަކަށް 7،000 (ހަތް ހާސްރުފިޔާ) ގެ އިނާމު ވަނީ ހުށަހަޅާފައެވެ. އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ގެ އިނާމު ވަނީ ހުށަހަޅާފައެވެ.
މިއީ ދިވެހި ބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކުރުވައި، އެ ފަންނާމެދު މީހުން ޝައުޤުވެރި ކުރުވުން. އަދަބީ ގޮތުންނާއި، ފިކުރީގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހިކުރުމާއި، އެ ފަދަ އުފެއްދުންތަކުގެ ޒަރީޢާއިން، މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން ދިވެހި ބަހުން ކުރުވާހަކަ ލިޔުމުގެ ފަންނު ދިރުވައި އާލާކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްގައި އަޕްލޯޑު ކުރާއިރު ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހުށަހެޅިފައިވާ މި މުބާރާތުން 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ 5 ވަނައިގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މާރޗް މަހުގެ 15 ވަނަ ދުވަހުގެ 12:59 އެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު ތިރީގައިވާ ލިންކުން ލިބޭނެއެވެ. އަދި އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖުންނާއި ބައިސްކޯފް ގެ ފޭސްބުކް ޕޭޖުން ވެސް އެޕްލިކޭޝަން ފޯމާއި މުބާރާތުގެ ގަވާއިދު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
Application: AO Kuruvaahaka Mubaaraai 1443 (google.com)
މުބާރާތާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންނަމަ 9811115 ނުވަތަ 7782034 އަށް ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދެވޭނެއެވެ.
https://www.facebook.com/watch/?v=744388553200883&extid=NS-UNK-UNK-UNK-IOS_GK0T-GK1C&ref=sharing