އުމުރުން 13އަހަރުގެ އަންހެން ކުއްޖާ ގޭގައި ބަހައްޓާފައި މަންމަ ބާޒާރަށް ދިޔުމުން އެގެއަށް މީހަކު ވަދެ އެކުއްޖާ ރޭޕްކޮށް މަރާލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ މެކްސިކޯގެ ދެކުނުގެ އަވަށެއް ކަމަށްވާ ނޮގޭލްސްގައެވެ.
ކޮވިޑް19 އާއި ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުންގައިވާ އިރު މެކްސިކޯވެސް ވަނީ ލޮކްޑައުންކޮށްފައެވެ. އެހެން ކަމުން ޕޯލާ ނަމަކަށް ކިޔާ އެކުއްޖާ ގޭގައި ބަހައްޓާފައި މަންމަ ދިޔައީ ގެއަށް ބޭނުންވާ ތަކެތި ގަނެލުމަށް ބާޒާރަށެވެ. މެކްސިކޯގެ ފުލުހުންނާ ހަވާލާދީ ދަ ސަންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނަ ޕޯލާގެ މަންމަ ބާޒާރުގައި ހުއްޓާ އެކުއްޖާގެ ބައްޕަ އެކުއްޖާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭކަމަށް ބުނުމުން މަންމަ އަވަހަށް ގެއަށް ދިޔައިރު ފުލުހުން އެގޭގައި ތިއްބެވެ.
ފުލުހުން ބުނީ އެގެއަށް ވަތްއިރު ކޮޓަރިތެރޭގައި އޭނާ ޕޯލާގެ ފުރާނަނެތް އަށިގަނޑު އޮތް އިރު މޫނުމަތިން އަނިޔާކޮށްފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
“އަހަރެންގެ ދަރިފުޅު މިވަގުތު ދުނިޔެދޫކޮށް އެދިޔައީ، އަހަރެން އުފާކުރަން އޭނަ 13 އަހަރުވަންދެން މިދުނިގޭގައި އުޅެން ފުރުސަތު ލިބުނުކަމަށް” އޭނާގެ މަންމަ ބުންޏެވެ. މިހާދިސާ އާއި ގުޅިގެން މެކްސިކޯގެ އެކި އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އޭނާ ޕޯލާ އަށް އިންސާފް ހޯދުމަށް އަޑު އުފުލަމުންނެވެ. އޭނަގެ ދައްތަ ފޭސްބުކް ގައި ބުނެފައިވަނީ އޭނަގެ ކޮއްކޮ ގެ ގެއަށް މީހަކު ވަގަށްވަދެ ރޭޕްކޮށް މަރާލުމުން މިދުނިޔެދޫކޮށް އެދިޔައީ އުމުރުން އެންމެ 13އަހަރުގައި ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އެހެން ނަމަވެސް ފުލުހުން ދަނީ މި ޖަރީމާ ހިންގި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.