މެކްސިކޯގެ އަންހެން ޓީޗަރަކަށް ކޮވިޑް19 ޖެހި ހާލުދެރަވެފައިވެ ބަލި ހާލަގައި އޮތްއިރުވެސް މަސައްކަތް ކުރީ މަރުވުމުގެ ކުރިން ދަރިވަރުންނަށް އޮންލައިންކޮށް ފިލާވަޅުނަގައި ދިނުމަށް ކަމަށް އޭނާގެ ބޭބެ ސީއެން އެން އަށް ދިން އިންޓަވިއު އެއްގައި ބުނެފިއެވެ.
އުމުރުން 44 އަހަރުގެ ބެލޯން ނަމަކަށް ކިޔާ މި އަންހެން ޓީޗަރު މަރުވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިހިނގާ ޑިސެމްބަރ މަހު 11 ވަނަ ދުވަހުއެވެ.
ބެލޯންގެ ބޭބެ ބުނީ ކޮއްކޮ ވަރަށް ގަދައަށް ރޯނގާޖެހިގެން ދެއްކުމުން ޓެސްޓް ހެދި އިރު ކޮވިޑަށް ޕޮސިޓިވްވެފައިވާ ކަމަށާއި އޭނަ އަށް ރަނގަޅަށް ނޭވާ ނުލެވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށް އޮކްސިޖަން ގުޅައިގެން ފަރުވާ ހޯދަމުން ދިޔަކަމަށެވެ. ނަމަވެސް 3 ދުވަސްފަހުން ކޮއްކޮ ބޭނުންވީ އޭނަ ކިޔަވައިދެމުން ދިޔަ 3ވަނަ ގްރޭޑްގެ ދަރިވަރުންނަށް އޮންލައިންކޮށް ކްލާސްނަގައި ދިނުމަށާއި އިންޓަރނެޓް ނުލިބޭ ދަރިވަރުންނަށް ފޯނުން ގުޅައިގެން ކިޔަވައި ދިނުމަށްކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުން ގެއަށް ބަދަލުވެ އޮކްސިޖަން ގުޅައިގެން ކޮއްކޮ ދަރިވަރުންނަށް ފިލާވަޅު ނަގައިދީ ހެދި ކަމަށްވެސް އޭނަގެ އިންޓަވިއުގައި ކިޔައިދިނެވެ.
ބެލޯންގެ ބޭބެ އިތުރަށް ބުނީ، ކޮއްކޮ އަށް ގޭގައި އޮކްސިޖަން އާއި އެކު ދަރިވަރުންނަށް ކިޔަވައި ދެވުނީ ހަފްތާ އަކަށް ކަމަށެވެ. އެއަށްފަހު ހާލު ގޯސްވެގެން އަނެއްކާ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް އޭނަ މަރުވީ ޑިސެމްބަރު 11ވަނަ ދުވަހުއެވެ. ބެލޯން މަރުވެފައިވަނީ ކޮވިޑްގެ ސަބަބުން ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެ ފުއްޕާމޭގައި ގަނޑުވެފަިއވާ ލޭކޮޅު އުފެދި ކިޑްނީވެސް ފެއިލްވުމަށްފަހު ވަރަށް ހާލުގޯސްވެގެން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ބޭބެ ބުނެފައި ވެއެވެ.
ކިޔަވައިދިނުމަށް ވަރަށް ފޯރި ހުންނަ މީހެއްގެ އިތުރުން ބެލޯން އަކީ އޭނަގެ ދަރިވަރުންދެކެ ވަރަށް ލޯބިވާ މީހެއްގެ ގޮތުގައި ބޭބެވަނީ ބެލޯން ސިފަކޮށްފައެވެ. އަދި ބެލޯން އަކީ އޭނަގެ ހުރިހައި ކަމަކަށްވުރެން ދަރިވަރުންގެ ކަންތައް އިސްކޮށް ވަރަށް ފަރުވާތެރިކަމާ އެކު ދަރިވަރުންނަށް ކިޔަވައިދިނުމުގައި އުޅުނުމީހެއްކަމަށެވެ.
ދަރިވަރުންދެކެ ލޯބިވާ ވަރުން ފުރާނަ އަށް ބެލުމެއްނެތި ކިޔަވައިދެމުން ދިޔަ ބެލޯން މަރުވި އިރު އޭނަގެ 3ކުދިންނާއި މާމަ ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.