English Edition
Dhivehi Edition

ދިވެހިރާއްޖޭގައި އަންނަ އަހަރުން ފެށިގެން ޑޮކްޓަރުން ތަމްރީނު ކުރަން ފަށާނޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމްބީބީއެސް ފެށުމަށްޓަކައި ޕާކިސްތާނު ސަރުކަރުން ރާއްޖެއަށް ފަސް މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައި ވާކަމަށެވެ. އަދި އެ ފައިސާއިން ކޯސް ފަށައިގަތުމަށް ބޭނުންވާ ލެބޯޓްރީތަކާއި ޓެކްނިކަލް ސާމާނު ހޯދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްބީބީއެސްގެ ފުރަތަމަ ބެޗުގައި އެންމެ މަދުވެގެން 50 ކުދިންނަށް ފުރުސަތު ލިބޭ އިރު މި އަހަރު ނިމުމުގެ ކުރިން އެކަމަށް ބޭނުންވާ ކަރިކިއުލަމާއި، އެ ކޯހުގެ ސްޓްރަކްޗާ އާއި ފީ ކަނޑައަޅައި ނިންމާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރަން ފަށާނީ ގައުމީ ޔުނިވާސިޓީ އިން ކިޔަވައިދޭ ގޮތަށް ކަމަށާއި އެ ޔުނިވާސިޓީއިން ކިޔަވައި ނިމޭކުދިންނަށް އައިޖީއެމްއެޗުން އިންޓާންޝިޕްގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބޭރުގެ ޔުނިވާސިޓީތަކުން ތިއަރީ ބައި ނިންމާފައި އިންޓާންޝިޕް ހަދަން ފުރުސަތު ނުލިބި ހުރި ކުދިންނަށްވެސް އައިޖީއެމްއެޗުން ތިއަރީ ބައި ނިންމުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ.