English Edition
Dhivehi Edition

“އިންޑިއާ އައުޓް”އާ ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅު އަޅަނާމަ އެ ފިޔަވަޅަން އަޅަން ޖެހޭނީ ރައީސް ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއް ގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި ބައިނަލްއަގްވާމީ ގޮތުން ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތައް އެންމެ ރަނގަޅަށް އެނގެން ޖެހޭ ބަޔަކީ ކުރީގެ ރައީސުން ކަމަށްވާއިރު، ގަސްތުގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ބަޔަކަށް އިނާޔަތް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

“ޔާމީން އިސްވެ ހުންނަވައި ރައްޔިތުންނާއި މި ސަރުކާރު “ޖައްސަން” ވެގެން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަކީ އޭގެ ސަބަބުން ރާއްޖެއާ އިންޑިއާއި ދެމެދު އޮންނަ ގުޅުމަށް ހީނަރު އަންނާނެ ކަމެއް. އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް. އެކަމުގެ ހިތި ނަތީޖާ ފެންނާނެ. ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން އެމަނިކުފާނަށް ސަރުކާރުން ދެއްވަމުން އަންނަ އިނާޔަތްތައް ކަނޑާލަން ޖެހޭ.” ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެކިއެކި ބޭނުމުގައި އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުމަކީ އެއީ “މިލިޓަރީ ޕްރެޒެންސް” އެއް ނޫން ކަމަށާއި ރާއްޖެއިން އެދިގެން އިންޑިއާ ސިފައިންގެ ބަޔަކު ތިބުމަކީ އެއީ މުޅިން ތަފާތު ކަމެއް ކަމަށެވެ.

ރައީސް ޔާމީން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައިވާތީ އިނާޔަތްތަކުގެ ގޮތުގައި މަހަކު 300،000ރ. ލިބިވަޑައިގަންނަވާނެއެވެ. އެއީ ކުރީގެ ރައީސެއްގެ ގޮތުން 50،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް 175،000ރ. އާއިބޭސްފަރުވާގެ ހަރަދަށް މަހަކު 58،333ރ. އެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ނަންގަވަނީ ކުރީގެ ރައީސެއްގެ އިނާޔަތާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު އެކަންޏެވެ.