English Edition
Dhivehi Edition
ޢަބްދުﷲ ފާރޫޤު ޙަސަން

“އަޅުގަނޑުގެ ޙަޔާތުގެ އެންމެ ފަހުގެ އެދުމަކީ އަޅުގަނޑުގެ ދަރިފުޅު އިސްލާމްވުމެވެ. އެހެނީ އިސްލާމްދީނަކީ އަރަހުށި މާތް ﷲ ތަބާރަކަ ވަތަޢާލާ ވީރާނާވެފައިވާ ހިތްތަކާއި، ފިކުރުބޮޑުވެ ޙައިރާންވެފައިވާ ސިކުނޑިތަކަށް ހަމަޖެހުމާއި، ހިތްގައިމުކަން ދެއްވާ އަލިކަމެކެވެ. އެއީ އެކަލާނގެ މަގުދެއްކެވުމެވެ. މި އަހަރުގެ ފިނިމޫސުމުގައި އަޅުގަނޑުގެ ދަރިފުޅު ފެނުމުން އީމާންކަމުގައި ވެސް އޭނާ އަޅުގަނޑާ ބައްދަލުކުރާނެކަން އަޅުގަނޑަށް ޔަޤީންވިއެވެ. އަޅުގަނޑުގެ ދަރިފުޅު ވިޔަފާރީގައި ކިތަންމެ ކާމިޔާބު ކަމުގައި ވިޔަސް އަދި އެކަމުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައި ވިޔަސް އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުގެ މި އެދުން ފުރިހަމަވާނެ ކަމުގައެވެ.”

މިއީ އަލްޖޭރިޔާއާއި މޮރޮކޯގައި ޖަރުމަން ވިލާތުގެ ސަފީރެއްގެ ޙައިޘިއްޔަތުން ޚިދުމަތްކުރައްވައިފައިވާ ޑޮކްޓަރ މުރާދު ހޮފްމަން ((Wilfred Hoffman އޭނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ވިދާޅުވެދެއްވަން ފަށްޓަވައިގެންނެވުމުގައި ބޭނުންފުޅުކުރެއްވި ޢިބާރާތެވެ.

ޑޮކްޓަރ މުރާދު ހޮފްމަން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ޖުލައި 1931 ގައި ޖަރުމަން ވިލާތުގައެވެ. ޖަރުމަން ވިލާތުގެ ކެތަލިކް ކްރިސްޓިއަން ޢާއިލާއަކުންނެވެ. އޭނާ ބޮޑުފުޅުވެ ތަރުބިޔަތު ލިބިވަޑައިގަތީ އެ މާޙައުލުގައެވެ. އިބްތިދާއީ ތަޢުލީމް ޙާޞިލްކުރެއްވީ ވެސް އެ ވެށީގައެވެ.

މަތީ ތަޢުލީމު ޙާޞިލްކުރެއްވުމަށްޓަކައި އޭނާ އެންމެ ފުރަތަމަ ވަޑައިގަތީ އެމެރިކާއަށެވެ. އެމެރިކާގެ ހާވަޑް ޔުނިވަރސިޓީގެ ލޯ ކޮލެޖުން އެލް. އެލް. އެމް. ގެ ޑިގްރީ ޙާޞިލްކުރެއްވިއެވެ. އެއަށްފަހު ޖަރުމަން ވިލާތަށް އެނބުރިވަޑައިގެން ޤާނޫނީ ރޮނގުން ޑޮކްޓަރޭޓް ހޯއްދެވިއެވެ.

ޑޮކްޓަރ މުރާދު އެންމެގިނަދުވަހު ޚިދުމަތްކުރައްވައިފައި ވަނީ ޖަރުމަންވިލާތުގެ ޚާރިޖީ ދާއިރާގައެވެ. ނޭޓޯގެ ޑައިރެކްޓަރ އޮފް އިންފޮމޭޝަންގެ މަޤާމުގައިވެސް މަސައްކަތްކުރެއްވިއެވެ. ޑޮކްޓަރ މުރާދު ވަނީ އޭނާގެ ޢިލްމީ އަދި ސައިންސީ ޚިދުމަތްތަކުގެ ސަބަބުން ޢިލްމީ ދުނިޔޭގައި ވަރަށް ބޮޑަށް މަޝްހޫރުވެވަޑައިގެންފައެވެ.

ޑޮކްޓަރ މުރާދު އޭނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ.

“ކްރިސްޓިއަން ދީނުގެ އުނގަންނައިދިނުންތަކާ އެދީނުގެ ޢަޤީދާތަކާ މެދު އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި ޝައްކުތަކަށް ޤުރްއާނުން އަޅުގަނޑަށް ވަނީ ޖަވާބުލިބިފައެވެ. ﷲ އާއި، މަލާއިކަތުންނާއި، ވަޙީއާއި، އާޚިރަތާއި، އަޚްލާޤީ އުޞޫލުތަކާ ބެހޭގޮތުން ޤުރްއާނުން އަޅުގަނޑަށް ލިބުނު ތަފްޞީލުތަކުން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުނެވެ. އަޅުގަނޑުގެ ހިތް އިސްލާމްދީން ޤަބޫލުކޮށްފިއެވެ.”

މިއަދު އަޅުގަނޑު މި ކިޔައިދޭ ވާހަކަތަކަކީ އަޅުގަނޑުގެ މާޒީއަށް ދަތުރެއްކުރުން ފަދަ ކަމެކެވެ. ވިހިވަނަ ސައްތައިގައި އިސްލާމްދީން ދިރުވުމަށް ހިންގުނު ޙަރަކާތްތަކުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ލިބިފައިވަނީ ދެ ބޭފުޅެއްގެ މަސައްކަތްޕުޅަށާއި، އެ ދެބޭފުޅުންގެ ފަރާތްޕުޅުން ހިންގުނު ޙަރަކާތްތަކަށެވެ. އެ ދެބޭފުޅުންނަކީ ޝަހީދު ޙަސަނުލް ބަންނާއާއި، ސައްޔިދު އަބުލް އަޢުލާ މައުދޫދީއެވެ.

އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ޖަވާބުދިނުމަކީ އުނދަގޫ ކަމެއްކަމުގައި ވިޔަސް އެ ސުވާލަށް ވަރަށް ތެދު ޖަވާބެއް ދެވެން އެބައޮތެވެ. އެ ޖަވާބަކީ އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ މާތް ﷲގެ ހެޔޮ ތައުފީޤުން ކަމުގައި ބުނުމެވެ. އެކަލާނގެ އަޅުގަނޑުގެ ހިތް އިސްލާމްދީނަށް ލެންބެވިއެވެ. އެއް ނަޒަރަކުން ބަލާއިރު މި ސުވާލަކީ ފިރިޔަކު ކުރެން އޭނާގެ އަނބިމީހާ ދެކެ ލޯބިވަނީ ކީއްވެގެންތޯ ސުވާލުކުރުން ފަދަ ކަމެކެވެ. އަނތްބަކު ކުރެން އޭނާގެ ފިރިމީހާ ދެކެ ލޯބިވަނީ ކީއްވެތޯ އެހުން ކަހަލަ ކަމެކެވެ. މި ސުވާލަކީ އެއްވެސް މަންޠިޤީ ޖަވާބެއް އޮންނަ ކަހަލަ ސުވާލެއް ނޫނެވެ. އާދެ، އަޅުގަނޑު ދަންނަވަން މިއުޅެނީ ބައެއް ސުވާލުތަކަކީ އެ ސުވާލުތަކަށް މަންޠިޤީ ޖަވާބެއް ނުދެވޭނެ ސުވާލުތަކެއް ކަމުގައެވެ. ކަންހުރީ މިހެން ކަމުގައި ވިއަސް އަޅުގަނޑު އިސްލާމްވުމުގެ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ވަރަށް ގިނަ ކަންތައްތަކެއް އެކަމަށް މެދުވެރިވިއެވެ.

އަޅުގަނޑު ދުނިޔެއަށް އައީ ޖަރުމަންވިލާތުގެ ދީންވެރި ކެތަލިކު ޢާއިލާއަކުންނެވެ. އެ ދުވަސްވަރު ޖަރުމަންގައި އޮތީ ނާޒީވެރިކަމެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ އޭގެ އެންމެ ޖޯޝާއި ފޯރީގައި ކުރިޔަށް ދެއެވެ. ޖަރުމަނުން ގެންދިޔައީ އިނގިރޭސިވިލާތާއި، އެމެރިކާއާއި އެނޫންވެސް އިއްތިޙާދީ ބާރުތަކާ ވަރުގަދަޔަކަށް ހަނގުރާމަ ކުރަމުންނެވެ. ޖަރުމަންވިލާތުގައި ބީ.ބީ.ސީ. އަޑުއެހުމަކީ މަރުގެ އަދަބު ދެވޭ ކުށެކެވެ. އަޅުގަނޑު ކިޔަވާކުދިންގެ ސިއްރު ޖަމާޢަތެއް ކަމުގައިވާ JESUITS އާ ގުޅިއްޖައީމެވެ. އެ ޖަމާޢަތުގެ މެމްބަރުންގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ ކުދީންނަކީ އެކުދީންގެ ކުލާސްތަކުގެ އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންނެވެ. އަޅުގަނޑުމެން އެ ޖަމާޢަތުގެ ސްޓޭޖުން ކްރިސްޓިއަންދީން ފަތުރަމުން ގެންދިޔައީމުއެވެ. ހިޓްލަރގެ ސިފައިން ބަލިވެ އެމެރިކާގެ ލަޝްކަރު ޖަރުމަނަށް އެރުމުން އަޅުގަނޑަށް ހީވީ މަރު އަޅުގަނޑުގެ ފަހަތުން ފަހައިދުވާހެންނެވެ. ނަތީޖާއަކަށްވީ ކޮންމެފަދަ ވަގުތެއްގައި ވެސް މަރާ ކުރިމަތިލާން ޖެހިދާނެކަން އަޅުގަނޑަށް އިތުރަށް ޔަޤީންވުމެވެ.

ދީންވެރި ކެތަލިކް ޢާއިލާއަކުން ދުނިޔެއަށް އައުމާއެކުވެސް ކްރިސްޓިއަން ޢަޤީދާތަކާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ. ޓްރިނިޓީއާއި، މަރިޔަމުގެފާނަކީ ކަލާނގެ މައިކަނބަލުންކަމުގައި ވުމާއި، އިންސާނާއަކީ ދުނިޔެއަށް އުފަންކުރައްވާއިރު ވެސް ފާފަވެރިޔަކަށް ވުމާއި (އާދަމުގެފާނު ކުރެއްވި ފާފައިގެ މަސްއޫލިއްޔަތު އެންމެހައި އާދަމުގެ ދަރީން އުފުލަންޖެހުމާއި،) އިންސާނިއްޔަތު ފާފައިން ސަލާމަތް ކުރެއްވުމަށްޓަކައި ޢީސާގެފާނު ޞަލީބަށްއަރައިވަޑައިގަތުމާއި މި ކަންކަން އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ. އަޅުގަނޑުގެ ގާތް ތިމާގެ މީހުނާއި މުދައްރިސުންނާ އަޅުގަނޑު އެ ޢަޤީދާތަކާ ބެހޭގޮތުން ސުވާލުކުރަމެވެ. އެބޭފުޅުން ޖަވާބުދެއްވަނީ އެއީ ހައްތާވެސް ވަންހަނާގައިވާ ކަންތައްތަކެއް ކަމުގައެވެ. ނަމަވެސް އެކަންކަން ޔަޤީންކުރަންޖެހޭނެ ކަމުގައެވެ. އަޅުގަނޑު ބުނަމެވެ. އަޅުގަނޑު މިހިރީ އެކަންތައް ޤަބޫލުކުރަން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑަށް އެކަންކަން ވިސްނައިގަނެވިގެންނެވެ. ކުޑަކުއްޖަކު ދުނިޔެއަށް އުފަންކުރެއްވުމާއި އެކުއްޖާ އިންތިހާ ދަރަޖައިގެ ނިކަމެތި ގޮތެއްގައި ޞަލީބަށް އެރުއްވުންފިޔަވައި އިންސާނިއްޔަތު ކުށުން ބަރީއަކުރެއްވޭނެ އެހެން ގޮތެއް ﷲ ތަޢާލާގެ ޙަޟްރަތުގައި ނެތީބާވައެވެ؟ އިންސާނިއްޔަތަށް ޢަފޫކޮށްދެއްވެން އޮތް ހަމައެކަނި ގޮތަކީ އެއީބާވައެވެ؟ އަޅުގަނޑަށް ޤަބޫލުނުކުރެވޭ އެހެން ދަޢުވާއެއްވެސް ކްރިސްޓިއަނުން ކުރަމުން ގެންދެއެވެ. އެދަޢުވާއަކީ ކްރިސްޓިއަނިޓީ އަކީ ލޯބީގެ މައްޗަށް ބިނާވެފައިވާ ދީނެއް ކަމުގައި ކުރާ ދަޢުވާއެވެ. ކްރިސްޓިއަނުން ކުރެ ގިނަ މީހުންގެ ޢަމަލުތައް ހުންނަނީ އޭގެ އިދިކޮޅަށެވެ. އަނެއްކޮޅުން އިސްލާމްދީނުގެ ޢަޤީދާތަކާއި އެދީނުގެ އުނގަންނައިދިނުންތައް އަޅުގަނޑަށް ފެނުނީ ހެއްކާއި ދަލީލުތައް ފުރިހަމަޔަށް ދެއްކޭނެ ކަންތައްތަކެއްގެ ގޮތުގައެވެ.

ޖަރުމަނުވިލާތުން އިބްތިދާއީ ތަޢުލީމު ޙާޞިލުކުރުމަށްފަހު މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އަޅުގަނޑު ދިޔައީ އެމެރިކާއަށެވެ. އެމެރިކާގައި ހުރިއިރު އަޅުގަނޑު ސަމާޖިއްޔާތު (ސޯޝިޔޮލޮޖީ) ވެސް ކިޔެވީމެވެ. އެ ދުވަސްވަރު ވަރަށް ގިނަ ދުވަސްދުވަހުގެ ހަވީރު އަޅުގަނޑު މަގުމަތީން ދުއްވާ ކާރުތަކުން ލިފުޓު ހޯދަމެވެ. ވަރަށް ގިނަ ތަންތަން ބަލަންގޮސް އުޅެމެވެ. އެއް ދުވަހަކު އަޅުގަނޑު އިން ކާރު އެހެން ކާރަކާ މުޑިއެރިއެވެ. އެއީ ވަރަށް ނުރައްކާތެރި ޙާދިޘާ އެކެވެ. ނަމަވެސް އަރަހުށި މާތްﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑު ސަލާމަތްކުރެއްވިއެވެ. އެ ޙާދިޘާގެ ތެރޭގައި ޑޮކްޓަރެއް އަޅުގަނޑާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. “މާތް ﷲ ކަލޭގެ ކިބައިން ކޮންމެވެސް މުހިންމު މުހުތާދެއް ފުރިހަމަ ކުރައްވަން އިރާދަކުރައްވަނީ ކަމުގައިވެދާނެއެވެ. އެހެން ނޫންނަމަ މިޙާދިޘާގައި ކަލޭގެ ސަލާމަތްވުމަކީ އެއްވެސް ވަރެއްގެ އެކަށޭނަ ކަމެއް އޮތް ކަމެއް ނޫނެވެ.” އެޙާދިޘާގެ ސަބަބުންވެސް އަޅުގަނޑަށް ޔަޤީންވީ މި ދުނިޔޭގައި ހިނގާ ކޮންމެ ކަމެއް ހިނގަމުންދަނީ މާތް ﷲގެ މިންވަރުފުޅާ އެއްގޮތަށް ކަމެވެ.

ދުވަސްތަކެއްގެ ފަހުން އަޅުގަނޑުގެ ޕްރޮސްޓޭޓް ގްލޭންޑުގައި މައްސަލައެއް އުފެދުނެވެ. އެކަން ހޯދައިގެނެވުނީ އަޅުގަނޑު ޖަރުމަންވިލާތުގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި ހިމެނުނު ފަހުންނެވެ. އޭރު އޮތީ އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވަން ހަމަޖެހިފައެވެ. އަޅުގަނޑުގެ ޞިއްޙީ އިމްތިޙާނުތައް ހެދުނެވެ. އެންމެ ފުރަތަމަ އިމްތިޙާނުތަކަށް ފަހު ޑަކްޓަރުން އެންގީ އަޅުގަނޑުގެ ބައްޔަކީ ކެންސަރ ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް އެކަން ޙަޤީޤަތަކަށް ނުވިއެވެ. އޅުގަނޑުގެ ކުރީގެ ކެތަލިކް އަންހެނުން ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ. އެކަމަކުވެސް އަޅުގަނޑު ފިކުރުބޮޑެއް ނުވެއެވެ. މާތް ﷲ އަށް އިތުބާރުކުރުމާއެކު ކެތްތެރިކަމުގައި ސާބިތުވެ ހުރީމެވެ. ހަމައެފަދައިން ދިމާވި ޞިއްޙީ އެހެން މައްސަލައެއްގައި އަޅުގަނޑު އެއް ކިޑުނީއިން ވެސް މަޙްރޫމުވިއެވެ. އޭރުވެސް އަޅުގަނޑު ވިސްނީ އަޅުގަނޑު އެއް ކިޑުނީ އިން މަޙްރޫމުވާން ޖެހޭ ފަދަ ބައްޔެއް ޖައްސަވައި އެއް ކިޑުނީ ގެންދެވުމުގައި ވެސް ކޮންމެވެސް އިލާހީ މަޞްލަޙަތެއް އޮންނާނެ ކަމަށެވެ.

ޚާރިޖީ ޚިދުމަތުގެ ދާއިރާއިން އަޅުގަނޑަށް އަލްޖޭރިޔާއަށް ދާންޖެހުނެވެ. އެފަހަރު އަޅުގަނޑު އަލްޖޭރިޔާއަށް ދިޔައީ ޚާއްޞަ މިޝަނެއްގައެވެ. އެ ދުވަސްވަރު އަލްޖޭރިޔާ އޮތީ ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައެވެ. ފަރަންސޭސީން ގެންދިޔައީ އަލްޖޭރިޔާގެ ރައްޔިތުންނަށް ބަޔާންވެސް ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ދެމުންނެވެ. ކޮންމެ މަހަކުވެސް އަލްޖޭރިޔާގެ ހާހަކަށް ވުރެ ގިނަ ރައްޔިތުން ފަރަންސޭސި ސިފައިން ގެ ވަޒަންތަކުން ތޮރުފި ހަލަނިތަކަކަށް ވަމުން ދިޔައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަލްޖޭރިޔާ މިނިވަންވީ ފަސްދޮޅަހުގެ އަހަރުތަކުގައެވެ.

އެ ދުވަސްވަރު އެއްދުވަހަކު އަޅުގަނޑު ދަތުރުކުރި ޓެކްސީއެއްގެ ޑްރައިވަރު ވާހަކަދެއްކިއެވެ. “އަޅުގަނޑުމެންގެ އާބާދީގައި ދިހަ މިލިއަން މީހުން އެބަތިއްބެވެ. ފަރަންސޭސީން އޭގެ ތެރެއިން މިލިއަނެއް ދެމިލިއަނެއްހައި މީހުން މަރައިލިކަމުގައި ވިޔަސް އަޅުގަނޑުމެން މިނިވަންކަމުގެ ދަޢުވާ ހުއްޓައެއް ނުލާނޫއެވެ. ކެތްތެރިކަމާއި، ސާބިތުކަމާއި، މާތް ﷲ އަށް ކުރާ އިޢުތިމާދު އެކަލާނގެ ވާގިފުޅާއެކު ދޫކޮށެއް ނުލާނޫއެވެ.” އަލްޖޭރިޔާގެ ރައްޔިތުންގެ ނުގުޑާފަދަ އީމާންކަމާއި، ކެރުމާއި، ހިތްވަރާއި ސާބިތުކަމުން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އަލްޖޭރިޔާގެ ރައްޔިތުން އެފަދަ ބަޔަކަށް ހެދި ދީނެއްގެ ސިއްރު ހޯދަން އަޅުގަނޑު ޝައުޤުވެރި ވިއެވެ. އަލްޖޭރިޔާގެ މީހުންނަށް އެފަދަ ބުންވަރަކާއި ފަންވަރެއް ހޯދައިދިނީ ކީރިތި ޤުރްއާނެވެ. އެހެންކަމުން ޤުރްއާން ކިޔަވަން އަޅުގަނޑު ބޭނުންވިއެވެ. އަލްޖޭރިޔާއިންވެސް އަޅުގަނޑަށް ފެނުނީ ކެތަލިކް ކްރިސްޓިއަނެއްގެ ޙައިޘިއްޔަތުން، ﷲ އާއި، ވަޙީއާއި، އާޚިރަތް ދުވަހާއި، މަލާއިކަތުންނާއި އަޚުލާޤީ އުސޫލުތަކާ މެދު އަޅުގަނޑުވެސް ޤަބޫލުކުރާ ކަހަލަ ޢަޤީދާތަކެއް އަލްޖޭރިޔާގެ މުސްލިމުން ވެސް ޤަބޫލުކުރާ ކަމުގައެވެ. އިސްވެ ދެންނެވި ޙާދިޘާ ހިނގިތާ މާގިނަ ދުވަހެއް ނުވެ ރަމަޟާން މަސް އަތުވެއްޖެއެވެ. އަޅުގަނޑު ޤުރްއާން ކިޔަވަން ބޭނުންވިއެވެ. އެކަމަށްޓަކައި ޢަރަބި ބަސް އުނގެނޭންވެސް ޖެހެއެވެ. އަޅުގަނޑަށް ލިބުނީ ކީރިތި ޤުރްއާނުގެ ފަރަންސޭސި ބަހުގެ ތަރުޖަމާއެކެވެ. އެ ތަރުޖަމާއަކީ މާރަނގަޅު ތަރުޖަމާއެއްވެސް ނޫނެވެ. އެކަމަކުވެސް އެތަރުޖަމާއިން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރު ކުރުވިއެވެ. ކީރިތި ޤުރްއާން މުޠާލިޢާކުރުމުގެ ތެރޭގައި އަޅުގަނޑަށް އަންނަނިވި އާޔަތް ފާހަގަކުރެވުނެވެ:“އަދި ފާފަވެރި އެއްވެސް ނަފުސެއް އެހެން ނަފުސެއްގެ ފާފައެއް ނުއުފުއްލާނެތެވެ.” (އަލްއިސްރާއު: 15)އަޅުގަނޑު އެއާޔަތާ މެދު ވިސްނަމުން ގެންދިޔައީމެވެ. އެއްފަހަރަކު އަލްޖޭރިޔާގެ ދެކުނުގެ ކަދުރުރުއްބާލެއްގައި އުޅެމުން އެތަނުން ދިމާވި މީހަކު ކުރެން އަޅުގަނޑު އެއާޔަތުގެ މަޠުލަބާމެދު ސުވާލުކުރީމެވެ. އޭނާ ބުންޏެވެ. “އެ އާޔަތަކީ ދެމީހެއްގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއްގެ މައްޗަށް އަލިއަޅުވާ އާޔަތެކެވެ. އަދި ހަމަ އެޔާއެކު އިސްލާމްދީނުގެ އަސާސީ އުޞޫލެއްވެސް ބަޔާންކޮށްދޭ އާޔަތެކެވެ. އިސްލާމްދީނުގައި ވާ ގޮތުން އެއްވެސް މީހަކު އަނެކަކު ކުރާ ފާފަޔަކަށް ޒިންމާވާކަށެއް ނުޖެހޭނެއެވެ.” އަޅުގަނޑު ވިސްނައިލީމެވެ. އެހެންވީއިރު އާދަމްގެފާނު ކުރެއްވި ފާފައެއް ނަގުލުވަމުން އެހެނިހެން އިންސާނުންނާ ހަމަޔަކަށެއް ނާންނާނެއެވެ. ކޮންމެ އިންސާނަކީ ވެސް ޚުދު އެމީހެއްގެ ޢަމަލުތަކަށް ޒިންމާ ވާން ޖެހޭނެ މީހެކެވެ. އަނެއް ކޮޅުން މާތް ﷲ އާއި އެކަލާނގެ އަޅާ އާ ދެމެދު އެއްވެސް އިތުރު ވަސީލަތަކަށް ބޭނުމެއް ނުވާނެއެވެ. މި މަޢުލޫމާތު ގެ އަލީގައި އަޅުގަނޑަށް އެނގި ކަށަވަރުވީ ކްރިސްޓިއަނިޓީގެ މުޅި ޢިމާރާތް ބިނާވެފައި ވަނީ ޚިޔާލީ ވާހަކަތަކެއްގެ މައްޗަށްކަމެވެ.

އެހައިތަނުން އަޅުގަނޑަށް އިޙްސާސްވީ ޙަޤީޤަތުގައި ޚިޔާލު ތަނަވަސް ބަޔަކީވެސް ތެދުވެރި މުސްލިމުން ކަމެވެ. ކޮންމެ މުސްލިމަކީ ޒިންމާދާރު މީހެކެވެ. ކްރިސްޓިއަނިޓީއާ މެދުވެސް މުސްލިމުންގެ ތެރޭގައި އެއްވެސް ކަހަލަ ސަރަޙައްދީ ތަޢައްޞުބެއް ނޯވެއެވެ. ކޮންމެއަކަސް އެކަކު އަނެކެއްގެ ފާފައިގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ އެންގެވުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަނެއްކޮޅުން ކްރިސްޓިއަން ދީނުގައި ވަނީ އާދަމުގެފާނު ކުރެއްވި ފާފަ މުޅި އިންސާނިއްޔަތަށް ނަގުލުވަމުން އަންނަ ކަމުގައެވެ. އެންމެން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމުގައެވެ. ޢީސާ ޢަލައިހިއްސަލާމް އެންމެހައި މީސްތަކުންގެ ފާފައިގެ ބުރަ އުފުއްލެވި ކަމުގައެވެ. ފާފައިން ސަލާމަތްވުމާއި، ފާފަވެރި ގޮތުގައި އުފަންވުމާ މެދު އަޅުގަނޑަށް ޙައްލުނުކުރެވިގެން އުޅުނު އަރަތް ކީރިތި ޤުރްއާނުގެ ސަބަބުން އަޅުގަނޑަށް ޙައްލުވެއްޖެއެވެ. اﻟﺣﻤﺪ لله އެވެ. އަޅުގަނޑު ހިތުން އިސްލާމްދީން ޤަބޫލުކޮށްފީމެވެ.

އެހައިތަނުން އަޅުގަނޑު އިސްލާމްދީން މުޠާލިޢާ ކުރަން ފަށައިފީމެވެ. ބުޚާރީއާއި މުސްލިމާއި، އަބޫ ދާއޫދާއި ތިރުމިޒީ އާއި އެނޫންވެސް ޙަދީޘުފޮތްތައް ކިޔައި ވިސްނައި ހެދީމެވެ. އިބްނު ކަޘީރުގެ ތަފްސީރާއި، އިމާމު ޠަބަރީގެ ތާރީޚާއި އިބްނު ސީނާއާއި، އިބްނު ރުޝްދުގެ ފޮތްތަކާއި އިބްނު ޚުލްދޫނުގެ ލިޔުއްވުންތައް މުޠާލިޢާ ކުރީމެވެ. އިސްލާމްދީން އައީ އަޅުގަނޑުގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގެމުންނެވެ. އެދުވަސްވަރު އަޅުގަނޑަށް އިޙުސާސްވަމުން ދިޔައީ ކާބަފައިންގެ ދީން ދޫކޮށް އަޅުގަނޑަށް އެހެން ދީނަކާ ދިމާޔަށް ދެވޭ ކަމަކަށެއްނޫނެވެ. އަދި ކީއްތޯއެވެ؟ އަޅުގަނޑަށް އިޙްސާސް ކުރެވެނީ އެތައް ދުވަހަކު ބޭރުގައި އުޅެފައި އަމިއްލަ ގެޔަށް އެނބުރި އާދެވޭހެންނެވެ. އަޅުގަނޑަށް މަގު އޮޅިގެން އުޅެވެނިކޮށް އަޅުގަނޑުގެ އަޞްލު މަންޒިލް ފެންނަން ފެށިހެންނެވެ.

އަޅުގަނޑުގެ ދަރިފުޅަށް އަށާރަ އަހަރު ފުރުނީ އެދުވަސްވަރުއެވެ. އަޅުގަނޑު އޭނާ ގާތު ބުނީމެވެ:

“ދަރިފުޅަށް އަށާރައަހަރުފުރޭ ދުވަހު ބައްޕަ ދަރިފުޅަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދޭނަމެވެ. އެ ހަދިޔާއަކީ މާއްދީ ގޮތުން ބަލާއިރު މާ އަގުބޮޑު އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް އެހަދިޔާ ވާނީ ވަރަށްވެސް އަގު ބޮޑު ހަދިޔާއަކަށެވެ. އެ ހަދިޔާ ވާނީ މިހާތަނަށް ބައްޕަގެ ޙަޔާތުގައި ކުރެވުނު ތަޖުރިބާތަކާއި، ހޯދުނު ހޯދުންތަކާއި ބައްޕައަށް ފޯރި އެކިއެކި އަސަރުތަކުގެ ޚުލާޞާ ކަމުގައެވެ.” ޢަޤީދާއާ ބެހޭ ގޮތުން އަޅުގަނޑު ވިސްނުން ހިންގި ގޮތާއި އަޅުގަނޑަށް އާދެވުނު ނަތީޖާ ސާދަ ޞަފްޙާގެ މަޒުމޫނެއްގެ ސިފައިގައި އެކުލަވައިލައި އަޅުގަނޑުގެ ދަރިފުޅުގެ އަށާރަވަނަ އަހަރީ ދުވަހުގެ ހަދިޔާއަކަށް އޭނާއަށް ދިނީމެވެ.

1980ވަނަ އަހަރު ޖަރުމަންވިލާތުގެ ޚާރިޖިއްޔާއިން އިސްލާމްދީނުގެ މައުޟޫޢުގައި ސެމިނާރެއް ބޭއްވިއެވެ. އެ ސެމިނާރއަށް އަޅުގަނޑު އެ މަޒުމޫނު ހުށަހެޅީމެވެ. އެ ސެމިނާރގެ މަޤްޞަދަކީ ޖަރުމަންވިލާތުގެ ސަފީރުންނަށް އިސްލާމްދީނައި، އިސްލާމީ ޤައުމުތަކުގެ ޙާލަތާއި ކަންހިނގާ މަގު އޮޅުންފިލުވައިދިނުމެވެ. އެ ދުވަސްވަރު މިޞުރުގެ އިމާމަކާ އަޅުގަނޑާ ބައްދަލުވިއެވެ. އަޅުގަނޑު އޭނާއަށް އަޅުގަނޑުގެ މަޒުމޫނު ބައްލަވާލައްވަން އެރުވީމެވެ. އޭނާ އެ މަޒުމޫނު ވިދާޅުވުމަށް ފަހު އަޅުގަނޑު ގާތު ވިދާޅުވިއެވެ.

“ސާދަ ޞަފުޙާގެ މައްޗަށް އެކުލެވިފައިވާ މި މަޒުމޫނުން އެނގެނީ ކަލޭ އިސްލާމްވެއްޖެ ކަމެވެ.” އެ އަޑު އިވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. މިޞުރުގެ އިމާމު އަނެއްކާވެސް ސުވާލުކުރެއްވިއެވެ. “އެ މަޒުމޫނުގައި ކަލޭ ލިޔެފައި ހުރި ވާހަކަތައް ކަލޭ ޤަބޫލުކުރަމުހެއްޔެވެ؟” އަޅުގަނޑު އާދޭހޭ ދަންނަވައި ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވެއްޖައީމެވެ.”

ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އިސްލާމްދީން ރޫޙާނީ ގޮތުން އޭނާގެ ހިތްޕުޅު މައިތިރިކޮށް ހަމަޖައްސައިދިނެވެ. އޭނާގެ ޙަޔާތްޕުޅު ވަޒަން ހަމަކޮށްދިނެވެ. އޭނާގެ އަމިއްލަފުޅު ނަފްސާމެދު ޔަޤީންކަން އުފައްދައިދީ އޭނާއަށް ހިތްގައިމުކަން ހޯދައިދިނެވެ. އޭނާ ވިދާޅުވެފައިވެއެވެ. “އިސްލާމްދީނުގެ ބަރަކާތްތެރި ދާއިރާއަށް ވަނުމުން އަޅުގަނޑަށް ވަރަށް ގިނަ އަޚުންތަކެއް ލިބިގެން ދިޔައެވެ. އެބައިމީހުންނާއެކު އަޅުގަނޑުގެ އުފަލާއި ހިތާމަ ޙިއްޞާކުރީމެވެ. އިސްލާމީ އުޚުއްވަތާއި އެއްބަނޑު އެއްބަފާކަމުގެ ދަގަތްފާނީބާރު އަޅުގަނޑަށް އެންމެ ބޮޑަށް އިޙްސާސްވީ 1988 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢުމްރާއެއް ވުމަށްޓަކައި އަޅުގަނޑު މައްކާއަށް ކުރި ދަތުރުގައެވެ. ޖިއްދާގެ ޕާސްޕޯޓު އޮފީހުގެ އޮފިސަރެއް ވަރަށް ފަރުވާތެރިކަމާއެކު އެތަކެއް ފަހަރު އަޅުގަނޑުގެ ވިސާ ޗެކްކުރިއެވެ. އޭނާހުރީ ވަރަށް ކަންބޮޑުވެފައެވެ. ކޮންމެވެސް މައްސަލައެއް އުޅެނީ ނޫންބާވައޭ އޭނާގެ ހިތަށް އެރިހެންހީވެއެވެ. ނަމަވެސް ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ އޭނާގެ ލޮލުން ކަރުނަ އޮހޮރިގަތްތަނެވެ. އޭނާ ދުވެފައި އައިސް އަޅުގަނޑާ އޮޅުލައިގަތެވެ. އޭނާގެ ހިތަށް ކުޅަ އަސަރުގެ ވަރުގަދަކަމުން ބޭއިޚްތިޔާރުގައި “އަހަރެންގެ އިސްލާމީ އަޚާއެވެ.” އޭނާއަށް ގޮވައިލެވުނެވެ.

އަޅުގަނޑަށް އެތައް ފަހަރަކު ފެނި ތަޖުރިބާކުރެވިފައިވާ ގޮތުގައި އިރުމަތީގެ މުސްލިމަކަށް އޭނާގެ މުސްލިމު އަޚަކު ފެންނަ އިރަށް އުފަލުން ނަށައިގަނެވެއެވެ. އުފަލުން ހަޅޭއްލަވައި ގަނެވެއެވެ. ހުޅަނގުގެ މީހުންނަށް އެ އިޙްސާސް ވިސްނައިގަނެވޭނީ ކިހިނަކުންތޯއެވެ؟ އެމީހުން ދަންނަ ގޮތުގައި މުސްލިމުންގެ މެދުން އިންސާނީ ޖަޒުބާތު ވަނީ ނެތިވެ ގޮސްފައެވެ.

25 ޑިސެމްބަރު 1980 ގައި ޑޮކްޓަރ މުރާދު އިސްލާމްވެވަޑައިގެންނެވި ކަން އިޢުލާން ކުރެއްވުމަށް ފަހު ކުރިޔަށްވުރެވެސް ވަރުގަދަޔަށް އިސްލާމްދީން އުނގެނިވަޑައިގަންނަވާން ފެށްޓެވިއެވެ.

ޑޮކްޓަރ މުރާދު އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ލިޔުއްވައިފައިވެއެވެ:

“އަޅުގަނޑުގެ ފޮތެއް ކަމުގައިވާ “ޑައެރީ އޮފް އަ ޖަރމަން މުސްލިމް” ލިއެފައި ޖަރުމަންގެ ޚާރިޖިއްޔާއަށް ހުށަހެޅުމުން ޚާރިޖިއްޔާއިން އެ ފޮތަށްދިނީ ވަރަށް އެދެވޭ ތަރުޙީބެކެވެ. ޚާރިޖިއްޔާއިން އެ ފޮތާ ޤަބޫލުވިއެވެ. ޚާރިޖިއްޔާއިން ދެކޭގޮތުގައި އިސްލާމީ ޤައުމުތަކުގައި ތިއްބަވާ ޖަރުމަން ސަފީރުންނަށް އިސްލާމްދީން އެނގިވަޑައިގަންނަވަން ޖެހޭނެއެވެ. އަޅުގަނޑުގެ ފޮތަކީ އިސްލާމްދީނުގެ މައުޟޫޢުގައި ވަރަށް ރަނގަޅު ފޮތެއްކަމުގައި ޚާރިޖިއްޔާއިން ބަލައިގަތެވެ. އިސްލާމީ ޤައުމުތަކުގައި ތިއްބަވާ ހުރިހާ ޖަރުމަނު ސަފީރުން މުޠާލިޢާ ކުރެއްވުމަށްޓަކައި އެފޮތް ފޮނުވުމަށް ޚާރިޖިއްޔާއިން އެންގިއެވެ. އެ ހުރިހާ ސަފީރުންވެސް އެފޮތާ ވަރަށް ޤަބޫލުފުޅުވިއެވެ. އެފޮތަށް ވަރަށް ތާރީފު ކުރެއްވިއެވެ.

އެއަށްފަހު އަޅުގަނޑު ބަދަލުވީ ސޯޅަ ޤައުމެއްގެ މައްޗަށް އެކުލެވޭ ނޭޓޯގެ އިންފޮމޭޝަނާ ބެހޭ އިދާރާގެ ޑައިރެކްޓަރަކަށެވެ.”

ޑޮކްޓަރ މުރާދަށް ނޭޓޯގެ ޑައިރެކްޓަރެއްގެ މަޤާމު ހޯދައިދިނުމަށް އެހީތެރިވީ އޭނާގެ ތިލަފަތްހަމަ ޚިޔާލުފުޅާއި، އޭނާގެ ތެދުވެރިކަމާއި، ވިސްނުންފުޅު ތޫނުކަމެވެ. ހުޅަނގުގެ މީހުންގެ ހިތްތަކުގައި އިސްލާމްދީނާމެދު އޮންނަ ރުޅިޔާއި، ޙަސަދައާއި، ހިތްނުބައިކަން އޭނާއަށް ރަނގަޅަށް އޮޅުންފިލައިވަޑައިގަތީވެސް އޭނާއަށް އެ މަޤާމު ލިބިވަޑައިގަތުމަށް ފަހުގައެވެ.

ނޭޓޯގެ ޑައިރެކްޓަރެއްގެ ޙައިޘިއްޔަތުން ޑޮކްޓަރ މުރާދު އޭނާގެ ތަޖުރިބާ އިތުރަށް ބަޔާންކުރައްވައިފައި ވަނީ މިދަންނަވާ މޭރުމުންނެވެ.

“ނޭޓޯގެ މައި އޮފީހަށް އަހަރަކު ތިރީހަކަށް ހާސްމީހުން ޒިޔާރަތްކުރެއެވެ. އެތާނގެ މަސައްކަތް ހުންނަގޮތް ބަލައިލުމަށެވެ. އަޅުގަނޑުމެން އެބައިމީހުންނަށް ނޭޓޯއާ ބެހޭ ފިލްމުތައް ދައްކަމުއެވެ. ނޭޓޯ މަސައްކަތްކުރާ ގޮތް އޮޅުންފިލުވައި ދެމުއެވެ. އެގޮތުން އަންނަ މީހުނާއެކު މެންދުރުގެ ކެއުމުގައި ބައިވެރިވާން އަޅުގަނޑަށް ޖެހެއެވެ. އަޅުގަނޑު ތަށްޓާއި އުލާއި ސަމުސަލާ ހިފައިގެން އެއްކަނެއްގައި މަޑުމަޑުން އިންނަމެވެ. ކެއުމުގައި ބައިވެރިއެއްނުވަމެވެ. އަޅުގަނޑު އުޅެނީ ބަލިވެތޯ މީހުން ސުވާލުކުރެއެވެ. އަޅުގަނޑު ޖަވާބު ދެމެވެ. ނޫނެކެވެ. އަހަންނަކީ މުސްލިމެކެވެ. ޙަލާލު ގޮތުގައި ނުކަތިލައި ހުންނަ ޖަނަވާރުގެ މަހާއި އެ ނޫންވެސް ޠާހިރުނޫން ތަކެތި ކައެއް ނުއުޅެމެވެ. ރޯދަމަހު އަޅުގަނޑު ކެއުމުގައި ބައިވެރިނުވާތީ ސުވާލުކުރާ މީހުންގާތު އަޅުގަނޑު މިހިރީ ރޯދައަށެވެ ފާޅުގައި ބުނަމެވެ.

މެންދުރު ކެއުމުގެ ވަގުތުގައި ވާހަކަދެކެވެނީ ހަމައެކަނި ނޭޓޯއާ ބެހޭ ގޮތަކުންނޫނެވެ. އިސްލާމްދީނާއި މުސްލިމުންނާ ބެހޭ ގޮތުންވެސް ވާހަކަދެކެވެއެވެ. އެވާހަކަފުޅުތަކާ ބެހޭ ގޮތުން ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އެގޮތުން ދެކެވޭ ވާހަކަފުޅުތަކުގެ ތެރޭގައި ޔޫރަޕްގެ ޒުވާނުން ކްރިސްޓިއަނިޓީއާ ދުރުހެލިވަމުންދާ ވާހަކަވެސް ދެކެވެއެވެ. އެފަދަ ވާހަކަފުޅު ތަކުގެ ތެރޭގައި ދުނިޔެއަށް މިވަގުތު ވަނީ ކްރިސްޓިއަނިޓީގެ ބަދަލުގައި އެހެން ދީނަކަށް ބޭނުންވެފައި ކަމަށް މުރާދު ވިދާޅުވުމުން އޭނާގެ ހުރިހައި އެކުވެރިން އެކަމާ އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ޑޮކްޓަރ މުރާދު އޭނާގެ އެކުވެރިންގެ އަރިހުގައި ޔޫރަޕަށް އެންމެ ރަނގަޅު ނިޒާމަކީ އިސްލާމްދީން ކަމުގައްޔާއި، ޚުދު އޭނާއަކީވެސް މުސްލިމެއް ކަމުގައި ވިދާޅުވުމުން އެބޭފުޅުން ހީފުޅުކުރައްވަނީ އޭނާ ސަމާސާކުރައްވަނީ ކަމުގައެވެ. ޑޮކްޓަރ މުރާދު އޭނާގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ލިޔުއްވައިފައިވެއެވެ.

އަޅުގަނޑު ނޭޓޯގެ ޑައިރެކްޓަރަކަށް ހުއްޓައި އަލްޖޭރިޔާއަށް ކަނޑައެޅިފައިވާ ޖަރުމަންވިލާތުގެ ސަފީރުކަމަށް އަޅުގަނޑު ބަދަލުކޮށްފިއެވެ. އަޅުގަނޑު އެ މަޤާމަށް ހަމަޖެއްސުމުގެ ކުރީން ޚާރިޖިއްޔާގައި ވަރުގަދަ ބަޙްޘެއް ހިނގިއެވެ. ކްރިސްޓިއަން ޤައުމެއްގެ ސަފީރުކަމަށް މުސްލިމަކު ޢައްޔަންކުރުމާ މެދުގައެވެ. އެންމެ ފަހުން ޖަރުމަން ސަރުކާރުން ނިންމީ ޖަރުމަންގެ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުން ދީނެއް އިޚްތިޔާރު ކުރެވިދާނެ ކަމުގައެވެ. ޖަރުމަންގެ ކޮންމެ ރައްޔިތަކަށްވެސް އެ ޤައުމުގެ ސަފީރުކަމުގެ މަޤާމުވެސް ފުރިދާނެ ކަމުގައެވެ.

މަޝްހޫރު މުޞައްނިފު ފުކުޔާމާ އޭނާގެ ފޮތެއްކަމުގައިވާ “ދަ އެންޑް އޮފް ހިސްޓްރީ” ލިޔުއްވީ އަޅުގަނޑު އަލްޖޭރިޔާގައި ހުންނަ ޖަރުމަންވިލާތުގެ ސަފީރުކަމުގެ މަޤާމުގައި ހުއްޓައެވެ. އެ ފޮތުގައި އޭނާ ލިޔުއްވައިފައިވަނީ މިހާރު އިންސާނިއްޔަތުގެ ތާރީޚުގެ އެންމެ ފަހު ބާބު ލިޔެވޭން ފެށިފައިވާ ކަމުގައެވެ. އިންސާނިއްޔަތުގެ އޮއްސުމުގެ ވަގުތު ޖެހިއްޖެކަމަށާއި، އިންސާނިއްޔަތު ސަލާމަތް ކުރެވޭފަދަ އެއްވެސް ނަޒަރިއްޔާއެއް ދުނިޔޭގައި ނެތްކަމުގައެވެ. ދުނިޔެ ވަނީ ހަލާކުގެ އޮޅިގަނޑުމަތީގައި ކަމުގައެވެ. ސޮވިއެޓް ޔޫނިއަން ރޫޅުމާއި ކޮމިޔުނިސްޓު ނަޒަރިއްޔާ ނާކާމިޔާބުވުމާއި ހުޅަނގުގެ އަޚުލާޤީ ވެއްޓުމާއި، ކެޕިޓަލިޒަމްގައި ހުއްދަނޫން ފައިދާ ހޯދުން އިންތިހާޔަށް ދިއުމާއި މިފަދަ މުހިންމު އެތައް ބާބުތަކެއް އެފޮތުގައި ހިމެނެއެވެ. އެފޮތުގައިވާ ގޮތުގައި މިހާރު ދުނިޔޭގައި އޮތީ ހަމައެކަނި ޖުމްހޫރީ ނިޒާމާއި، މޮޑަނިޒަމާއި، ސެކިޔުލަރިޒަމެވެ. އެފޮތްކިޔުމަށް ފަހު އަޅުގަނޑު ކަނޑައެޅީ އެފޮތަށް ޖަވާބުދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމުގައެވެ. އެހެންކަމުން އެފޮތުގެ ޖަވާބުގައި “އިސްލާމް ދި އޯލްޓަރނެޓިވް” ގެ ނަމުގައި އަޅުގަނޑު ފޮތެއް ލިޔަން ފަށައިފީމެވެ. ރެއެއްދުވާލެއް ނެތި މަސައްކަތް ކޮށްގެން ތިން ހަފްތާގެ ތެރޭގައި އެފޮތް ނިންމައިފީމެވެ.

އެފޮތުގައި އަޅުގަނޑު ބުނެފައިވާނީ ތާރީޚު ނިމުމަކަށް ނުދާ ކަމުގައެވެ. މިހައިތަނަށް ދުނިޔެއަށް ތަޢާރުފުވެފައިވާ ނިޒާމުތައް ނާކާމިޔާބުވުމަށް ފަހު އިންސާނިއްޔަތު ހަލާކުން ސަލާމަތްކޮށްދޭނެ ނިޒާމެއްގެ ޙައިޘިއްޔަތުން ބަދަލު ނިޒާމަކަށް އޮތީ ހަމަ އެކަނި އިސްލާމްދީން ކަމުގައެވެ. މިއަދުގެ ދުނިޔެ ހަލާކުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި އިސްލާމްދީނަށް ކަމުގައެވެ. އިސްލާމްދީނާމެދު މުޅި ދުނިޔެ ވިސްނައި ފިކުރުކުރަންޖެހޭނެ ކަމުގައެވެ. އިސްލާމްދީނަކީ އަފުރާދުންނާއި ޖަމާޢަތުގެ ހުރިހާ މައްސަލަތަކެއްގެ ހަމައެކަނި ޙައްލުކަމުގައެވެ. އިސްލާމްދީނަކީ އިލާހީ ނިޒާމެއް ކަމަށާއި، އެނިޒާމު އިންސާނީ ފިޠުރަތާއި އެއްގޮތް ކަމުގައެވެ. އިސްލާމީ ނިޒާމު ބާވައިލެއްވީ މާތް ﷲ ކަމަށާއި، އެކަލާނގެއީ އެންމެހައި އިންސާނުންގެ ޚާލިޤު ކަމުގައެވެ.

އެފޮތް ނިންމުމަށް ފަހު އަޅުގަނޑު އަށް ޕަބްލިޝަރެއްގެ ގާތަށް އެފޮތް ފޮނުވީމެވެ. އޭގެ ތެރެއިން ދެފަރާތަކުން އެފޮތް ޝާއިޢުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރިއެވެ. އެއް ޕަބްލިޝަރަކާއެކު އަޅުގަނޑު އެފޮތް ޝާއިޢުކުރުމުގެ އެގްރީމެންޓެއް ކޮށްފީމެވެ. އެއީ ޖަރުމަންވިލާތުގެ ވަރަށް މުހިންމު ޕަބްލިޝަރެކެވެ. އެބައިމީހުން އެފޮތް ޝާއިޢުކުރީ 1992 ވަނަ އަހަރުގެ ބަހާރު މޫސުމުގައެވެ.

އެފޮތް ބާޒާރަށް ނުކުތުމާއެކު ހަފަރާތުން އެފޮތަށާއި ފޮތުގެ މުޞަންނިފަށް ތަންޤީދު ކުރަންފަށައިފިއެވެ. ނޫސްތައް އެހެންހުރިހާ ކަމެއް އެއްފަރާތްކޮށްލުމަށް ފަހު އަތްދޮވެލައިގެން އަޅުގަނޑުގެ ފަހަތުން އަޅައިގަތެވެ. ނޫސްތަކުގެ ބޭރު ގަނޑުގައި އަޅުގަނޑަށް އިހާނެތިކޮށް ހިތުމުގެ ސުރުޚީތައް ޗާޕުވާންފަށައިފިއެވެ. ނޫސްތަކުގައި ލިޔަމުންގެންދިޔައެވެ. މީނާ ބުނަނީ ވައްކަން ކުރާ މީހުންގެ އަތްބުރިކޮށްލަންވީ ކަމުގައެވެ. ޒިނޭކުރާ މީހުން ރަޖަމުކުރަންވީ ކަމުގައެވެ. ހޮފްމަންގެ އަންހެނުން ފަކީރަށް ތިން ހަތުރަނބީންނާ ކުރިމަތިލާންޖެހޭނެ ކަމުގައެވެ.

ޚާރިޖިއްޔާއަށް އެތަކެއް ހާސްހާހަކުން ސިޓީތައް އޮހެމުންދިޔައެވެ. އަޅުގަނޑާއި އަޅުގަނޑުގެ ފޮތް އިންތިހާ ދަރަޖައަށް ކުށްވެރިކޮށްފައެވެ. އެ ހަމަނުޖެހުންގަނޑު ނޭފަތުކުރިޔާ ހަމަޔަށް އެރުމުން ޚާރިޖީ ވަޒީރު އޭނާގެ ތިން އެހީތެރިޔަކު ލައްވައި އެ ފޮތް ވަރަށް ފުންކޮށް ދިރާސާކުރުއްވިއެވެ. އެއަށް ފަހު ބަޔާނެއް ނެރުއްވިއެވެ. އެބަޔާނުގައި ވެއެވެ. “އެފޮތުގައި އިޢުތިރާޟުކުރަންޖެހޭ ފަދަ އެއްވެސް ވާހަކައެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އެފޮތުގައި ވަނީ އޮބްޖެކްޓިވް ގޮތަކަށް އިސްލާމްދީން ހުށަހަޅައިފައެވެ. އެފޮތަކީ އިސްލާމްދީން ތަޢާރަފުކޮށްދޭ ފޮތެކެވެ. ޖަރުމަންގެ ރައްޔިތަކު ހިންދީ ދީނާއި، އިސްލާމްދީނާއި، ބުދުދީނާއި މިއިން ކޮންމެ ދީނެއް ޚިޔާރުކުރަން ބޭނުންވި ކަމުގައި ވިޔަސް އެ ދީނެއް ޚިޔާރުކޮށް އެ ދީނަކަށް އުޅުމަކީ ޖަރުމަންވިލާތުގެ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ޙައްޤެކެވެ.”

އެދުވަސްވަރުގެ ނޫހެއްގައި ލިޔެފައިވެއެވެ. “ޖަރުމަންވިލާތުގެ ސަފީރެއް އަމިއްލަޔަށް މަރުވާން މީހުންނަށް އެބަ ހިތްވަރުދެއެވެ.” އެކަންވީ ގޮތަކީ ހަތަރު ހަފްތާއެއްހައި ދުވަހު އަޅުގަނޑުގެ ގާތުގައި މަސައްކަތްކުރި މީހަކު ކޮންމެވެސް ސަބަބަކާހުރެ އަމިއްލަޔަށް މަރުވީއެވެ. އެކަންވެސް އަޅުގަނޑުގެ ބޮލުގައި އެޅުވީއެވެ. އެހެން ނޫހެއްގައި ލިޔެފައިވެއެވެ. “މިކަލޭގެ އެމްބަސީގެ އަންހެން މުވައްޒަފުން ބުރުގާ އެބަ އަޅުވައެވެ.” އެއީވެސް ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެމްބަސީގައި މުސްލިމް އަންހެނުންވެސް މަސައްކަތްކުރެއެވެ. އެމީހުން ބުރުގާ އަޅައެވެ.

އިއްތިފާޤުން ދިމާވި ގޮތުން އަޅުގަނޑުގެ ފޮތް ބާޒާރަށް ނުކުތީ ސަލްމާނު ރުޝްދީގެ ބަދުނާމުވެފައިވާ ފޮތާމެދު އިޙުތިޖާޖުތައް ހިނގަމުން ދަނިކޮށެވެ. ހުޅަނގުގެ ޤައުމުތަކުން އިރާޤަށް ޙަމަލަދިނީ އޭގެ އަހަރެއްހާދުވަސް ކުރިންނެވެ. އެހެންކަމުން އަޅުގަނޑުގެ ފޮތަށް އާދަޔާޚިލާފު މަޤްބޫލުކަމެއް ލިބުނެވެ. ﺃﻠﺤﻣﺪ ﻟﻟﻪ އެވެ. މިއީ އެޙާލަތްތަކަކާ މުޤާބިލާކުރަމުން އަޅުގަނޑު އިސްލާމްވި ޙާލަތްތަކެވެ.

“އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަ ރަސްކަލާނގެ ޙަޟުރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަ ކަށަވަރުން، އިބަ ރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ،” (އާލު ޢިމްރާން: 8).

ޑޮކްޓަރ މުރާދު މޮރޯކޯގެ ސަފީރަކަށް ހުންނެވި ދުވަސްވަރު ޖަރުމަން ވިލާތުގެ ޓީ.ވީ. އަކުން އޭނާގެ ބަސްދީގަތުމަކަށް އެދުނެވެ. ޖަރުމަން ޓީ. ވީ. އިން ޑޮކްޓަރ މުރާދުގެ ބަސްދީގަތުން ދުރަށް ދެއްކީ ވަރަށް ބޮޑަށް ބަދަލުކޮށްގެން މުޅިން މާނަ އޮޅުވައިލައިގެންނެވެ. އެންމެ ފުރަތަމަ ދެއްކީ ޑޮކްޓަރ ނަމާދުކުރައްވާ މަންޒަރާއި ނަމާދުގައި ކުރެއްވި ދުޢާއެކެވެ. އެ ދުޢާގައި އޭނާ ވިދާޅުވީ “ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޖަރުމަނަކީ އިސްލާމީ ޤައުމަކަށްވުމުގެ އެކަށޭނަކަން ދެއްވާނދޭވެ!” މިފަދައިންނެވެ.

ޑޮކްޓަރ މުރާދު ޖަރުމަން ޓީ. ވީ. އަށް ދެއްވި ބަސްދީގަތުމުގައި އޭނާ ވާހަކަދެއްކެވީ އިންސާފުވެރިކަމާއި، ބަރުދާސްކުރުމާއި، ކެތްތެރިކަމާއި، އިސްލާމްދީނުގެ މުސްތަޤްބަލާ ބެހޭ ގޮތުންނެވެ. އެހެންކަމާއެކު ވެސް ޓީ. ވީ. އިން އެ ބަސްދީގަތުން ދުރަށް ފޮނުވުމުން އެމަންޒަރު ބައްލަވައިފައި ޚުދު އޭނާ ޙައިރާންފުޅުވިއެވެ. އޭނާގެ ވާހަކަފުޅުތައް ކަނޑައި އެޑިޓްކޮށްގެން ބަދަލުކޮށްފައިވަނީ އޭގެ ދިމާއިދިކޮޅަށެވެ. އެބަސްދީގަތުމާ ވިދިގެން ޑޮކްޓަރ މުރާދު ހޮފްމަން ޤަތުލުކުރުމަށް ޖަރުމަނުގެ ބައެއް ފަރާތްތަކުން ގޮވައިލިއެވެ. ނަމަވެސް ޚާރިޖީ ވުޒާރާއިން ޖަވާބުދިނީ ޖަރުމަނުގެ އެހެންވެސް ރައްޔިތުންނެކޭ އެއްފަދައިން ޑޮކްޓަރ މުރާދަށްވެސް އޭނާ ބޭނުންފުޅު ދީނެއް ޚިޔާރު ކުރެއްވުމުގެ މިނިވަންކަން ލިބިވަޑައިގެންފައިވާ ކަމުގައެވެ. ޑޮކްޓަރ މުރާދު ސީދާ ނުވަތަ ނުސީދާ ގޮތެއްގައިވެސް އޭނާގެ އަމިއްލަފުޅު މަޞްލަޙަތަށްޓަކައި އޭނާގެ މަޤާމުގެ ބޭނުންފުޅު ކުރެއްވިކަމެއް ސާބިތެއް ނުވިއެވެ. ހަމައެފަދައިން ޖަރުމަންވިލާތުގެ އެއްވެސް ޤާނޫނަކާ އޭނާ ޚިލާފުވެވަޑައިގެންނެވި ކަމުގެ ހެއްކެއްވެސް ނުލިބުނެވެ.

އެމްބެސެޑަރެއްގެ ޙައިޘިއްޔަތުން ޑޮކްޓަރ މުރާދު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުން ރިޓަޔަރްވެވަޑައިގަތުމަށް ފަހު އޭނާގެ ތުރުކީ އަނބިކަނބަލުންނާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ތުރުކީގައެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކުރައްވައިފައިވަނީ އިސްލާމްދީނުގެ ޚިދުމަތުގައެވެ. ދީނަށް ގޮވައިލެއްވުމާއި، ދީނީ ފޮތް ލިޔުއްވުމާއި، ހުޅަނގުގެ ތަހުޒީބުގެ ސާބިތުކަމެއް ނެތްކަމާއި، އެ ތަހުޒީބު އިންސާނިއްޔަތު ހަލާކާ ދިމާޔަށް ގެންދާގެންދިޔުން ބަޔާންކުރެއްވުމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރައްވަނީ އިސްލާމްދީނުގެ މުސްތަޤްބަލުގެ މައްޗަށް ފޮތެއް ލިޔުއްވުމަށެވެ. އެ ފޮތުގެ ޢަރަބި ތަރުޖަމާވެސް ވަނީ ނިމުމުގެ މަގުމަތީގައެވެ.

ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އޭނާގެ ފޮތެއްކަމުގައިވާ “The road to Makkah and Madinah” ކޮންމެވެސް އެހެން ބަހަކަށް ތަރުޖަމާކުރެއްވުމަކީވެސް އޭނާ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އޭނާ މި ދެންނެވި ފޮތް ލިޔުއްވައިފައިވަނީ މުޙައްމަދު އަސަދުގެ “ރޯޑް ޓު މައްކާ” އާ ވަރަށްގުޅޭ ކަހަލަ ގޮތަކަށެވެ. ޑޮކްޓަރ މުރާދު ވިދާޅުވެފައިވާ ގޮތުގައި މުޙައްމަދު އަސަދުގެ ފޮތުން އޭނާ ވަރަށް ގިނަ ކަންތައްތަކެއް ދަސްފުޅުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފޮތުގައި އޭނާވަނީ އިސްލާމްދީނަށް ގޮވައިލަންވީ ގޮތާއި، މުސްލިމުން އެހެން ދީންދީނުގެ މީހުނާ ކުރިމަތިލާންވީ ގޮތާއި، ޣައިރު މުސްލިމުންނާ ޚާއްޞަކޮށް ކްރިސްޓިއަނުންނާ ދީނީ ބަޙުޘް ކުރާންވީ ގޮތް ބަޔާންކޮށްދެއްވައިފައެވެ.

އިސްލާމްދީނާ ބެހޭ ގޮތުން ޑޮކްޓަރ މުރާދު ލިޔުއްވައިފައިވާ ވަރަށް ގިނަ ފޮތްތަކާއި މަޒުމޫނުތައް ވަނީ ޝާއިޢުވެފައެވެ. އޭނާ އެންމެ ފުރަތަމަ ލިޔުއްވި ފޮތް ކަމުގައިވާ “ޖަރުމަން މުސްލިމެއްގެ ޑައަރީ” ވަނީ މަޤުބޫލުކަމުގެ ރެކޯޑެއް ޤާއިމުކޮށްފައެވެ. އެ ފޮތްވަނީ ޢަރަބި ބަހަށާއި، ފަރަންސޭސި ބަހަށާއި، އިނގިރޭސި ބަހަށާއި، ރަޝިޔާ ބަހަށާއި، މި ނޫންވެސް ބައެއް ބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ. އޭނާގެ ފޮތެއްކަމުގައިވާ “އިސްލާމް – ހަމައެކަނިމަގު” ޖަރުމަންވިލާތުގެ އަންހެނުން އިސްލާމްދީނަށް ލެންބުމުގެ ވަރަށް ޚާއްޞަ ވަސީލަތަކަށް ވަނީ ވެފައެވެ.

ހުޅަނގުގެ މީހުންނަށް އިސްލާމްދީނުގެ ދަޢުވަތު ދިނުމާ ބެހޭގޮތުން ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން އެ ބަޔަކަށް އިސްލާމްދީނަށް ގޮވައިލާ މީހުންގެ ޠަބީޢަތަކީ ކޮބައިކަމާއި، އެމީހުންގެ މިޒާޖު ހުންނަގޮތް އެންމެ ފުރަތަމަ ދަސްކުރަންޖެހެއެވެ. މީހަކަށް ސީދާ ބަހުން އިސްލާމްދީނުގެ ދަޢުވަތު ދިނުމުގެ ކުރިން ތިމާގެ އަޚުލާޤިއްޔަތާއި ޝަޚްޞިއްޔަތު އެ މީހަކަށް އޮޅުންފިލުވައިދޭން ޖެހޭނެއެވެ. ހުޅަނގުގެ ގިނަ މީހުންނަކީ އެއްވެސް ސިފައެއްގައި މާތް ﷲގެ ރަސްކަންފުޅު ޤަބޫލުކުރާ ބައެއް ނޫނެވެ. އެހެންކަމުން އެފަދަ ބައެއްގެ ކުރިމަތީގައި މާތްﷲ މިވެނި ގޮތަކަށް ވަޙީކުރެއްވިއޭ ނުވަތަ އެވެނި ގޮތަކަށް އެންގެވިޔޭ ބުނުމަކީ އެންމެ އެދެވޭ ނަތީޖާ ޙާޞިލްވާނެކަމެއް ނޫނެވެ. ސީދާސާދާ ސައިންޓިފިކް އުސޫލުތަކެކޭ އެއްގޮތަށް ޤުރްއާނާއި ޙަދީޘާއި ސައިންސާމެދު ހުރި ގުޅުމަށް ޙަވާލާދީގެން މާތްﷲ މިވެނިހެން ވަޙީކުރެއްވިއޭ ބުނުމަކީ ޔޫރަޕްގެ ސިކުނޑިތަކަށް އެންމެ ފަސޭހައިން ވިސްނައިގަނެވޭނެ ގޮތެވެ. ޔޫރަޕްގައި އިސްލާމީ ދަޢުވަތު ދިނުމަށްޓަކައި ބޭނުންވަނީ ޒަމާނީ ގޮތްތަކާއި ވަސީލަތްތަކެވެ. ތިމާ އެމީހަކަށް ދީނަށް ގޮވާލާ މީހެއްގެ ނަފްސިއްޔާތާއި އެމީހެއްގެ ޝަޚްޞިއްޔަތު ދަސްކޮށް ވަޒަންކުރުމެއް ނެތި އެމީހެއްގެ ކުރިމައްޗަށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި އިތުރު ސާހިބާގެ ޙަދީޘްފުޅުތަކެއް އޮއްސައިލުމަކީ ތިމާގެ ހުރިހައި މަސައްކަތެއް ބޭކާރުވާނެ ކަމެކެވެ.

ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި ޔޫރަޕްގައި އިސްލާމްދީން ފެތުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޔޫރަޕްގެ މީޑޔާގެ ވަސީލަތްތަކުން އިސްލާމްދީނާ ދެކޮޅަށް ކުރެވެމުންދާ ޚާއްޞަ ޕްރޮޕެގެންޑާއެވެ. އެ ޕްރޮޕެގެންޑާގެ ޒަރީޢާއިން ޔޫރަޕިއަނުންގެ ސިކުނޑިތަކަށް އިސްލާމްދީން ސިފަކޮށްދީފައިވަނީ ވަރަށް ހުތުރު ބުރުސޫރައެއްގައެވެ. ވަރަށް އަނަރޫފަކޮށެވެ. އެހައިމެ ނާތަހުޒީބު ގޮތެއްގައެވެ. އެހެންކަމުން އެ ހުތުރު ސިފަ ވަނީ ޔޫރަޕިއަން ވިސްނުމުގެ ބަޔަކަށްވެފައެވެ. ވަރަށް ގިނަ ގޮތްގޮތުން ބަލާއިރުވެސް ދެވަނަ ހުރަހާ ގުޅެނީ މުސްލިމުންގެ ތަޢުލީމީ އިދާރާތަކާއެވެ. ހުޅަނގުގެ ތަހުޒީބާއި ޘަޤާފަތު ރަނގަޅަށް ދެނެގެންތިބި ޤާބިލް، ތަޢުލީމީ މީހުންނަކަށް އިސްލާމީ ތަޢުލީމީ އިދާރާތަކަކުން ޖާގައެއް ނުދެއެވެ. ޑޮކްޓަރ މުރާދު ވިދާޅުވާގޮތުގައި އިސްލާމްދީނަށް ގޮވައިލާ މީހުންނަކީ އެބަޔަކު ދީނަށް ގޮވާލާ ބައެއްގެ އަމިއްލަ ބަހުގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެތިބި ބަޔަކަށް ވާންޖެހޭނެއެވެ.

ޑޮކްޓަރ މުރާދު ހޮފްމަން ވިދާޅުވާ ގޮތުގައި މި ހުރިހައި ހުރަސްތަކާއެކުވެސް ޔޫރަޕްގައި އިސްލާމްދީނުގެ މުސްތަޤްބަލް އޮތީ ވަރަށް އުޖާލާކޮށެވެ. ޔޫރަޕްގައި އިސްލާމްދީން ފެތުރެމުންދަނީ ޔޫރަޕިޔަނުން އަޖައިބުވެ އަންތަރީސްވާ ފަދަ ހަލުވި ބާރުމިނެއްގައެވެ. ޑޮކްޓަރ މުރާދު ޔަޤީންކުރައްވާ ގޮތުގައި ޔޫރަޕްގައި އެހައި ހަލުވިކޮށް އިސްލާމްދީން ފެތުރެމުން ދިޔުމުގެ ސަބަބަކީ ހުޅަނގުގެ ޢާއްމުން ހުޅަނގުގެ މާއްދިއްޔަތަށް އަޅުކަންކުރާ ދިރިއުޅުމާ ދެކޮޅަށް ތެދުވަން ފަށައިފައިވުމެވެ. އެ މާއްދިއްޔަތުގައި ވާހައިވެސް އެއްޗަކީ ހަމައެކަނި މަޖާކުރުމާއި، މުދަލާއި ތަނަވަސްކަން ހޯދުމެވެ. އެނޫން އެހެން އެއްވެސް އަޚްލާޤީ އަގެއް ނެތެވެ.

ޑޮކްޓަރ މުރާދު މުސްލިމުންނަށް ގޮވައިލައްވަނީ ފަހަރެއްގައިވެސް މާޔޫސް ނުވުމަށެވެ. އުއްމީދު ކަނޑައިނުލުމަށެވެ. ތިމާމެންގެ ދީނަށް އާރާއި ބާރު ހޯދައިދިނުމަށްޓަކައި ތިމާމެންނަށް ލިބިފައިވާ ހުރިހައި ވަސީލަތެއްގެ ބޭނުންކުރުމަށެވެ. ލިބެންހުރި ކޮންމެ ފަސޭހައަކާއި ފުރުޞަތަކުން އިސްލާމްދީނަށް ހޯދެންއޮތްހައި ފައިދާއެއް ހޯދައިދިނުމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެކަމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަޔަށް އިންޓަނެޓް ބޭނުންކުރެވިދާނެއެވެ. އިންޓަނެޓްގެ ސްކްރީނުން އިސްލާމްދީނުގެ ރީތި ތަހްޒީބީ ސޫރަ ދުނިޔެއަށް ދައްކައިދެވިދާނެއެވެ.

ޑޮކްޓަރ މުރާދު ނިރުބަވެރިކަމާ ދިމާޔަށް އޭނާގެ ވާހަކަފުޅު އަމާޒުކުރައްވަމުން ވިދާޅުވިގޮތުގައި އަޅުގަނޑުމެން ހުޅަނގަށް ވިސްނައިދޭންވީ ޖިހާދާއި، ނިރުބަވެރިކަމަކީ ވަރަށް ތަފާތު ދެއެއްޗެއް ކަމެވެ. އޭނާ ވިދާޅުވިގޮތުގައި އަޅުގަނޑުމެން ހުޅަނގަށް ވިސްނައިދޭންވީ މުސްލިމެއްގެވެސް އަދި ޣައިރު މުސްލިމެއްގެވެސް ފުރާނަޔަށް ނުވަތަ މުދަލަށް ޙައްޤަކާ ނުލައި ގެއްލުމެއް ދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމެވެ. އިސްލާމްދީނުގައި ޖިހާދު ޝަރްޢުކުރެއްވީ އަނިޔާ ލިބޭ މީހުންގެ ޙިމާޔަތުގައި ކަމެވެ. އަނިޔާ ލިބޭ ބަޔަކީ ޣައިރު މުސްލިމް ބަޔަކަށް ވިޔަސްމެއެވެ.
*މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.