ފެނަކަ ކޯޕަރޭޝަން އިން ފުވައްމުލަކުގައި ޤާއިމްކޮށްފައި ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރެވިއްޖެކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަށް މިހާރުގެ މެނޭޖްމެންޓާއެކު ކާމިޔާބު ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތްތައް ނިންމުމުގެ ގޮތުން ބޭއްވި ޙަފުލާގައެވެ.
މި ޙަފުލާގައި ފެކަނަކައަށް ވޭތުވެ ދިޔަ ތިން އަހަރުގައި ހޯދުނު ކާމިޔާބީ ފާހަގަކުރަމުން އެމްޑީ ސަޢީދު ވިދާޅުވީ ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާ ދަތި އުދަނގޫ މައްސަލައިން އަރައިގަނެވުނީ ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބުރާންޗުގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމުގައެވެ. ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބުރާންޗުގެ ކާމިޔާބީގެ ތިން އަހަރު ފާހަގަކުރަމުން އިތުރަށް ސަޢީދު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ތެރޭ ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަށް 90 މުވައްޒަފުން އިތުރު ކުރެވިއްޖެކަމާ އަދި 45 މުވައްޒަފުން މިނިވަން ވޭޖްގެ ވަޢުދު ރަނުން ރަނަށް ފުއްދާ ދެވިފައިވާނޭ ކަމުގައެވެ. އަދި ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމުގައިވެސް އެމްޑީ ވިދާޅުވިއެވެ.
ކާމިޔާބު ތިން އަހަރު ފާހަގަކުރުމަށްޓަކައި މުވައްޒަފުންގެ މެދުގައި ބެޑްމިންޓަން މުބާރާތަކާއި ވޮލީއާއި ފުޓްސަލް މުބާރާތެއް ބާއްވާފައިވެއެވެ. ނިންމުމުގެ ރަސްމިޔާތު ބާއްވާފައިވަނީ ފެބްރުވަރީ 9 ވަނަ ދުވަހުގެ ރޭ ގައެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުން އޮތެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކުންވެސް އެންމެ ރަނގަޅު މުވައްޒިފަކު ހޮވާފައި ވެއެވެ.
ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަކީ އެމް އީ ބީ ނުވަތަ ސްޓެލްކޯ ގެ ނަމުގައި ކަރަންޓްގެ ޚިދުމަތް ދޭން ފެށުމަށްފަހު 2010 ގައި ސަދަން ޔުޓިލިޓީއަށް ބަދަލުވުމަށްފަހު 2013 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަންގެ ނަމަށް ބަދަލުވެފައިވާ ތަނެކެވެ.ފެނަކައިން މިހާރު އަންނަނީ ފުވައްމުލަކުގެ ރައްޔިތުންނަށް ކަރަންޓާއި ފެނާއި ނަރުދަމާނިޒާމްގެ ޚިދުމަތް ފޯރުކޮށްދީ ދިމާވާ މައްސަލަ ހައްލުކޮށްދެމުންނެވެ.