މެންދަމުން އަލިވެ 2 ޖެހީއެވެ. އަދިވެސް ނިޔާޒު ގެއަކަށް ނާދެއެވެ. ފޯނެއް ވެސް ނުކުރެއެވެ. މުޅި ދުވަހު މިހުންނަނީ އޭނާ ގުޅާލާނެ ކަމަށް ބަލަބަލައެވެ. ޑިއުޓީއަށް އިއްޔެ ދިޔަ ގޮތަކަށް ޚަބަރެއް ނުވެއެވެ. ގުޅީމަކާ ފޯނެއް ނުނަގައެވެ. އޮފީހަށް ގުޅީމާ ބުނަނީ މިވަގުތު ބިޒީ ކަމަށެވެ. އިރު އިރުކޮޅަކާއެއް ނުގުޅޭނެއެވެ.
އިރު އިރުކޮޅަކާ ނުވެސް ގުޅޭނެއެވެ. އެމީހުންނަށްވެސް ވާނީ ކިހާ ބޮޑު އުނދަގުލަކަށް ހެއްޔެވެ. އެހެން ނޫނަސް އެޔަކީ ނިޔާޒު ރުހޭ ކަމެއް ވެސް ނޫނެވެ. އޮފީހަށް ދާތަނުން ގުޅަނީ ކީއްކުރަންހޭ ކިޔައި ޝަކުވާ ކުރާނެއެވެ. އޮފީސް ގަޑީގައި ގުޅީމާ އުނދަގޫ ވަނީއެވެ. މަސައްކަތަށް ހުރަސް އެޅެނީއެވެ. މިއީ ނިޔާޒުގެ ބަސްތަކެވެ.
މިހާރަކަށް އައިސް ގިނަ ރޭރޭ ނުނިދިގެން އެތައް އިރަކު އެނދުގައި ފުރޮޅިފުރޮޅި އޮންނަން ޖެހެއެވެ. މިރޭވެސް މި ޖެހުނީ އެހެން ހާސްކަން މަތީ ނުނިދިފައި އޮންނާށެވެ. މިހާވަރަށް މި ހާސްވަނީ ކީއްވެ ކަމެއްވެސް ބުނާކަށް ނޭނގެއެވެ. ނިޔާޒާ ބެހޭގޮތުން އަޑެއް އިވުނީއެއް ވެސް ނޫނެވެ. އެކަމަކު ނިޔާޒް އަހަންނާމެދު ގުޅުން ދެރަކަން ކިތަންމެ ރަނގަޅަށް ވެސް ފާހަގަ ކުރެވެއެވެ.
ނިޔާޒު މިގޮތަށް ކަންތައް ކުރަނީ ކީއްވެ ކަމެއް ނޭނގެއެވެ. އިންތާ ކާރީގައި ކޮންމެ ދަންވަރެއްގައި އަޔަސް އަހަރެން ނިދާފައި އޮވެއްޖެއްޔާ ނަގާ ތެދުކުރާނެއެވެ. އަދި މަޑުމަޑުން އަހަރެން ކޮނޑަށްލައިގެން ބަދިގެތެރެއަށް ގެންގޮސް ވެސް ހޭލައްވައެވެ. އަހަރެން ލައްވާ މައިލޯ ހައްދައިގެން ބޮއިގެން ނޫނިއްޔަކާ ނުނިދާނެއެވެ. އޭރު އުޅުނީ އެހާ ލޯބިންނެވެ. އިންނަން އުޅުނު އިރުވެސް އެހާވަރެވެ.
އޭރު އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. ނިޔާޒު ހުރީ ރަށުގެ ޕޮލިސްޕޯސްޓްގައެވެ. އަހަރެން ފެނުނު ދުވަހުން ފެށިގެން އޭނާ އަހަންނާ އަޅައިގެންފިއެވެ. އަހަރެންގެ އުމުރުން ކިރިޔާ އަށާރަ ފުރުނީއެވެ.
މަންމަމެން ވަގުތުން އެއްބަސްވިއެވެ. ނިޔާޒަކީ ކިޔަވާގެން ހުރި ޒުވާނެކެވެ. ޕޮލިސް ޓްރޭނިންގ ނިންމާފައި ބަދަލުވީ އަހަރެމެންގެ ރަށަށެވެ. ގދ. ފަރެހަށެވެ. މަންމަމެން އަބަދުވެސް ބޭނުންވަނީ އަހަރެން ރަނގަޅުމީހަކާ އިނދެގެން ރިވެތި ދިރިއުޅުމެއް އުޅޭތަން ދެކޭށެވެ. އަބަދު ދައްކާނީ ރަށުގައި އުޅޭ ފިރިހެން ކުދީންގެ ގޯސްވާހަކައެވެ. އުޅުން ވިޔާ ނުދާ ވާހަކައެވެ. އަހުމަދުވެސް އެމީހުންނަށް ކަމު ނުދަނީ ވަޒީފާއަކަށް ނުގޮސް ހުންނާތީއެވެ. “މުޅި ރަށަށް ގިނަވެ ލާޗާރު ބިޗާރަވެގެން” އުޅޭ މީހަކާ އަހަރެމެންގެ ދަރި ކާވެނި ކުރުވާކަށް ބޭނުމެއް ނުވެޔޭ މަންމަމެން އަބަދު ބުނާނެއެވެ.
“ނަރީމާ! ނިޔާޒާ އިނދޭ!” މަންމަ އަމުރު ކުރިއެވެ. “އެއީ ބަލާލަން ހުތުރު ކުއްޖެއް ނޫން. އުމުރުގެ ގޮތުންވެސް ކަލެއާ ގުޅޭނެ. އޭނާއާ އިނީމާ ކަލެއަށް ރަނގަޅު ދިރިއުޅުމެއް ލިބިދާނެ. ކަލޭ ރަނެެއް މަލެއް ހެން ގެންގުޅޭނެ. ގެންގުޅެވޭނެ. އެމީހުންނަށް މިހާރު ނުލާހިކު ރަނގަޅު މުސާރަލިބޭ. ކިޔަވައިގެން ވަންނަ އެކަހަލަ ކުދިންނަށް ނިކަން އަވަހަށް މަތީ މަގާމުތައް ލިބޭނެ.”
ގިނަ ދުވަސްތަކެއް ނުވެ އަހުމަދު ރަށުގައި އުޅޭ ޑްރަގްބޯ ކުދިބަޔަކާއެކު އަތުލައިގެންފިއެވެ. މަންމަގެ ކުރިމަތީގައި އަހަރެންގެ އަނގަ ބަންދުވެއްޖެއެވެ. އެއީ ނިޔާޒު އަހަރެންގެ ކާވެންޏަށް އެދި ހުށަހެޅި ދަނޑިވަޅެވެ. އޭގެ އަނެއް ދުވަހުގެރޭ ކާވެނި ކުރެވިއްޖެއެވެ. ނިޔާޒު އޭނާގެ ހަޔާތުގެ ކޮށީގައި އަހަރެން ގައިދުކޮށްލިއެވެ.
ނިޔާޒު އަހަންނަށް ލޯބި ދިނެވެ. ހިތް އުފާކޮށްދިނެވެ. ދިރިއުޅުމުގައި ބޭނުންވާނެ ހުރިހާ ހިތްހަމަ ޖެހުމަކާ އަރާމެއް ދިނެވެ. އަހަރެންނާ މީހަކު ހަތަރުކަޅި ހަމަކޮށްލިޔަކަ ވެސް ނުދެއެވެ. އެހެން މީހަކު އަހަރެންގެ ހަޔާތަށް ހިޔަނި އެޅިޔަކަ ނުދެއެވެ. އެގޮތުގައި ދެތިން މަހެއް ހޭދަވިތަނާ ނިޔާޒު މާލެ ދާން ޖެހިއްޖެއެވެ. އަހަރެންވެސް މަންމަމެންނާ އާއިލާ ދޫކޮށް ނިޔާޒާއެކު މާލެ އަތުވެއްޖެއީމެވެ. ރުއީމެވެ. ކަރުނަ އޮހެރީމެވެ. އެހެންނަމަވެސް ނިޔާޒަކީ އަހަރެންގެ ފިރިމީހާއެވެ. އަނބިމީހާއަށް އޮތީ ކިޔަމަންތެރި ވުމެވެ.
މާލެއައިސް ފުރަތަމަ އުޅުނީ ނިޔާޒުގެ ދައްތައެއްގެ ގޭގައެވެ. އެމީހުންވެސް ނުލާހިކު ހެވެވެ. ހަމަ ގޭގެ މީހެކޭ ތަފާތެއް ނުކުރެއެވެ. އެހެންކަމުން ދުވަސްކޮޅެއް ނުވެ މަންމަމެނާއި ރަށްމަތިން މަޑުމަޑުން ހަނދާން ނެތެން ފަށައިފިއެވެ.
މަންމަ ނިޔާވީ ހަމަ ކުއްލިއަކަށެވެ. އެއްދުވަހު އަތިރިމައްޗަށް ގޮސްފައި އެނބުރި ގެޔަކަށް ނުދެއެވެ. މީހުންނަށް އެނގުނީ ތިންދުވަސް ފަހުންނެވެ. ފެނުނު އިރުވެސް އޮތީ މަރުވެފައެވެ.
މަންމަ މޫނު ދެކެން ނިޔާޒު އަހަރެން ގޮވައިގެން އެދުވަހު ރަށަށް ދިޔައެވެ. މަންމަ ވަޅުލައި ހުރިހާ ކަމެއް ނިމެންދެން އަހަރުމެން ރަށުގައި ތިބީމެވެ. ނިޔާޒު ނެތްނަމަ އަހަރެންގެ ހާލަކީ ކޮބައިކަމެއް ނޭނގެއެވެ. އަހަރެން އެ ދުވަސްކޮޅު އުޅުނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައެވެ. އެ ދުވަސްތައް އެގޮތަކުން މިގޮތަކުން މާޒީވެ ހިނގައްޖެއެވެ.
މާލެއައިސް ދުވަސްކޮޅެއް ނުވެ ނިޔާޒަށް މަގާމުގެ ކުރިއެރުން ލިބިއްޖެއެވެ. އޮފިސަރ ގްރޭޑް އެކަކަށް ބަދަލު ވެއްޖެއެވެ. މި އައި ބަދަލާއެކު އަހަރެމެންގެ ދިރިއުޅުމަށް ވެސް ބަދަލު ތަކެއް އަތުވެއްޖެއެވެ. އަހަރުމެންގެ ދިރިއުޅުން ފްލެޓަކަށް ބަދަލު ވެއްޖެއެވެ. ބޭނުންވާ ހުރިހާ ގެވެށިސާމާނުތައް ހޯދިއްޖެއެވެ. ޓީވީ ކޮމްޕިއުޓަރު ފަދަ މުހިންމު ހުރިހާ އެއްޗެއް ހަމަ ކުރެވިއްޖެއެވެ. ލިބޭ މުސާރައިން ކިތަންމެހާވެސް ރަނގަޅަށް އަރާމުގައި ދިރިއުޅެވޭ ވަރުވެއްޖެއެވެ. އެހެންނަމަވެސް އެ ބަދަލާއެކު އެހެން ބަދަލެއްވެސް އަތުވެއްޖެއެވެ. ނިޔާޒު ގޭގައި އުޅޭ ވަގުތު މަދު ވެއްޖެއެވެ. ގެޔަށް އަޔަސް ދައްކާނެ ވާހަކަވެސް މަދުވެއްޖެއެވެ. މޫނުމަތިން ހިނިތުންވުމެއް ފެންނަނީ މަދު ފަހަރަކު އެވެ. މަސައްކަތް ބުރައީއެވެ. މަސްއޫލިއްޔަތު ބޮޑީއެވެ.
މިއީ ގެވެހި އަތްނބެއްގެ ގޮތުން އަހަރެންވެސް ގަބޫލު ކުރަން ޖެހޭ ކަމެކެވެ. އަހަންނަށް ނުލިބޭ ދުންޔަވީ ހިތްހަމަ ޖެހުމެއް މިހާރަކު ނެތޭވެސް ބުނެވިދާނެއެވެ. މި ދުވަސް ދެކެން މަންމަ ދުނިޔޭގައި ހުރިނަމައޭ އަހަރެންގެ ހިތަށް އަރައެވެ.
މަތިމަތިން ބަލާލާއިރު ހުރިހާ އެއްޗެއް އަހަންނަށް ލިބިފައިވާ ކަމަށް އެހެން މީހުނަށް ފެނުނަސް އަހަންނަކަށް މިހާރަކު އުފަލެއް ނުލިބެއެވެ. ނިޔާޒުގެ ބައިވެރިވުމެއް ގާތްކަމެއް ނުލިބެއެވެ. އަޅާލުމެއް ލޯތްބެއްވެސް ނުލިބެއެވެ. އަދި އެއަށްވުރެންވެސް ހިތްދަތިވަނީ މިހާރަކަށް އައިސް މިހޭދަ ކުރަންޖެހޭ އެކަނިވެރިކަން ފިލުވާދޭނެ ދަރިއެއް ނެތް ކަމެވެ. ރެއާ ދުވާލު އުޅެން ޖެހެނީ މި ކުޑަ ފުލެޓް ތެރޭގައެވެ. މިއީ ފަސްވަނަ ބުރީގައި ހުންނަ ތަނެކެވެ. ހަނި ހަނި ސިޑިއަކުން ތިރިއަށް ގޮސް މައްޗަށް އަރަން ޖެހުމަކީ އަހުވައެކެވެ. އެއީ ރަނގަޅު ކަސްރަތެކޭ މިތަނަށް ބަދަލުވީ ދުވަހު ނިޔާޒު ބުންޏެވެ. ފަހުން އެކަންތައް ނިޔާޒަކަށް ވެސް ފަސޭހަވި ހެނެއް ހިއެއް ނުވެއެވެ. އެކަމަކު އޭނާ ގެއަށް އައުން މަދުވަނީ އެކަމާހެދިއެއް ނޫންކަން އަހަންނަށް އެނގެއެވެ.
އަހަރެންގެ ރައްޓެހިންނެއް މާލެއަކު ނުތިބެއެވެ. މިހެން އުޅެފާވެސް ގޮސް އުޅެނީ ހަމަ އެކަނި ނިޔާޒްގެ ދައްތަމެންގެ ގެޔަށެވެ. އެގެޔަށް ވެސް ދަނީ އެމީހުން ކިޔާވަރުން މަޖްބޫރު ވެގެންނެވެ. ކަމެއް ޖެހުނީމައެވެ. ހާލަކުން ފަހަރަކު ނިޔާޒާއެކީ ބޭރަށް ނުކުމެވޭ ފަހަރަކުއެވެ. މިހާރަކަށް އައިސް ނިޔާޒަށް އެފަދަ ހުސްވަގުތެއް އަންނަ ކަމަކަށް ނުވެއެވެ. އެމީހުންވެސް އެކަމާ ޝަކުވާ ކުރެއެވެ. “ނަރީމާއަށް ތިޔަހެން އުޅެވޭތަ؟” އެމީހުންވެސް ސުވާލު ކުރެއެވެ.
ނޫޅެ ކުރާނީ ކީތްހެއްޔެވެ؟ ފޫހިވެއެވެ. ހާސްވެސް ވެއެވެ. ބިރުވެސް ގަނެއެވެ. އެކަމަކު ކުރާނެ މާބޮޑު ކަމެއް އެކަމަކާ ނެތެވެ.
“ނިޔާޒު އަހަރެން ދެކެ ފޫހިވެފަ ހުންނަނީ ކީއްވެތަ؟” އަހަރެން އެއްފަހަރު އަހާލީމެވެ. “ގައިމު އަހަރެންވެސް އެކަނި އުޅޭ އިރު ފޫހިވާނެ ކަން އެނގޭނެއެއްނު؟ އަޅެ ފޯނެއް ކޮށްލާނަމަވެސް….
ޖަވާބުގައި ނިޔާޒު ބޯން އިން ސައިތަށި ހޫރާލިއެވެ. އަހަރެންގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. އެހާވަރު ގެ އެއްޗެއްވެސް އަހާލެވޭކަށް ނޯވެއެވެ. އެހާވެސް ނިޔާޒުގެ ރުޅިގަދައެވެ. މިވާގޮތެއް އަހަންނަކަށް ނޭނގެއެވެ. މަސައްކަތް ބޮޑުވާނެ ކަން އެނގެއެވެ. ކުރާ މުޒާހިރާތައް މެދު ނުކެނޑޭކަންވެސް އެނގެއެވެ. އެކަމަކު އެކަމާ އަހަރެން ދެކެ ރުޅިއަންނަން ވީ ކީއްވެ ހެއްޔެވެ؟ އަހަރެންމީ ޕާޓީއެއްގެ ވެސް މީހެއް ނޫނެވެ. އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟
އަހަރެން ފޫހިފިލުވަން މާގަސްތަކެއް ގެނަސްގެން ބެލްކަނީގައި މުށިގަނޑުގަނޑުގައި އިންދައިފީމެވެ. ކޮންމެ ދުވަހަކުވެސް ދެއިރު އެ ގަސްތަކަށް ފެން ދޭން ފަށައިފީމެވެ. އަހަރެންގެ ބެލުމުގެ ދަށުން މި ގަސްތައް ހެދި ފޯދެން ފެށުމުން ކޮންމެވެސް ވަރަކަށް ހިތަށް އުފަލެއް ލިބެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މި ގަސްތަކަށް ވެސް މީހެއްގެ އަޅާލުން ބޭނުންވެއެވެ. ފެން ބޭނުމެވެ. ފެން ނުލިބޭނަމަ ގަސްތައް މިލާނެއެވެ.
އަހަންނަކީ އިންސާނަކަސް އަހަންނަށް ވެސް އަޅާލުން ބޭނުންވެއެވެ. ކޮންމެ މީހަކަށް ވެސް ބޭނުންވާނެއެވެ. ކާން ލިބުނަސް ފެން ލިބުނަސް އިންސާނަކަށް އަޅާލުން ބޭނުންވެއެވެ. އެ ގަސްތަކަށް ފެން ބޭނުންވާ ފަދައިންނެވެ. އެހެން ނޫންނަމަ އެ ގަސްތައް ފަދައިން މިލާ މޯޅިވާނެއެވެ.
އަހަރެންވެސް މިވަނީ މިލާ މޯޅިވެފައެވެ. ނޭވާ މޭތެރެއަށް ނުފެތޭ ވަގުތު ގިނަވާން ފަށައިފިއެވެ. އަބަދު ހީވަނީ ކަރުތެރޭގައި އެއްޗެއް ތާށިވެފައި ހުންނަ ހެންނެވެ. ހާސްވެގެންގޮސް ބައެއް ފަހަރު އަތްފައި ފިނިވެއެވެ. ނިތްކުރިން ދާ ހިއްލައެވެ. މޭ ތެޅިގަނެއެވެ. ހަދާނެގޮތް ހުސްވެ ދެކޮޅަށް ހިނގައިގަނެވެއެވެ.
މިހެން ހާސްވާ ރޭރޭ ބެލްކަނީއަށް ނުކުމެވެއެވެ. ވަށައިގެން އޮންނަނީ އިމާރާތްތަކެވެ. ތިރިއަށް ބަލާލާއިރު ހީވަނީ އަނދިރި ފުން ވަޅުގަނޑެއް ހެންނެވެ. އެތަނުން ބޭރަށް ފުންމާލަން އަހަރެންގެ ހިތް އެދެނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެއެވެ. ފަހަކަށް އައިސް މިހެން ހަމަ ހިތަށް އަރަނީއެވެ. އެއަކީ ކޮށްގެންވާނެ ކަމެއް ނޫންކަން އެނގެއެވެ. ކިތަންމެ ހާސްވެ ކަންބޮޑު ވިޔަސް އެފަދަ ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ހަމަ އެގޮތަށް ހާސްވާއިރަށް އެތަނަން ނުކުމެވެއެވެ. މިހެން ވާން ފެށުމުން އަހަރެން ބެލްކަނީގެ ދޮރުތަޅުލައި ބޯލްޓް އަޅުވަމެވެ. ޚިޔާލެއް ނެތި ގޮސް އެތަނުން ފުންމާލެވިދާނެތީ ބިރުންނެވެ.
އަހަރެން މިވާހަކަ ދައްކާނީވެސް ކާކުގެ ގާތުގައި ހެއްޔެވެ؟ އަބަދު މިހުންނަނީ މި ގައިދުޚާނާގައެވެ.
އަހަންނަށް އަހުމަދާ ދިމާވީ ޕެނެޑޯލްގުޅައެއް ގަންނަން ފާމަސީއަކަށް ގޮސް ވަތް ތަނާއެވެ. ހާލު އޮޅުން ފިލުވުން ނޫން އިތުރު އެއްޗެއް ނުބުނެއެވެ. އެކަމަކު އޭނާ ފުރުމުގެ ކުރީގައި ބައްދަލު ކުރާށޭ ބުނީމެވެ. އެއީ މައިފުށުގެ ބޮޑު ދައިތަގެ ކުއްޖަކަށް ހަދިޔާއެއް ފޮނުވުމަށެވެ. ފުރަންވީމާ ގުޅާލުމަށް އަހަރެންގެ ނަމްބަރުވެސް ދިނީމެވެ.
ނިޔާޒް އެރޭ ގެޔަށް އައީ އަހަރެން މިހެން ހާސްވެގެން އުޅެފައި ނިދުނުތަނާއެވެ. އަހަންނަށް ހީވީ ބިރުވެރި ހުވަފެނެއް ފެނުނު ހެންނެވެ. ހޭލެވުނު އިރު އޮތީ ބިންމަތީގައެވެ. ހަމަ އެއްވެސް ބެލުމެއް ނެތި އަހަރެންގެ އެތަން މިތަނުގައި ނިޔާޒް ތަޅަނީއެވެ. މިވެގެން އުޅޭ ގޮތެއް ވެސް އަހަންނަކަށް ނޭނގުނެވެ.
“މީ ކާކަށްތަ ގުޅާފަ މިއޮތީ؟” ނިޔާޒު ހުރީ ރުޅިއައިސްގެން ގޮސް ފަޅައިގެންދާ ވަރު ވެފައެވެ. “ބުނޭ. ރަނގަޅަށް ބުނޭ. ކަލޭގެ އަނގައިން ބުނޭ.”
އަހަރެންގެ ހަނދާނުގައި އެކައްޗެއް ވެސް ނެތެވެ. “މީހަކަށް އަހަރެން ނުގުޅަން.” އަހަރެން ރޮމުން ރޮމުން ބުނީމެވެ.
“މަށަށް ދޮގުހަދަންތަ ކަލޭ ތިޔަ އުޅެނީ؟” މިހެން ބުނީވެސް ފައިކުރު ކޮށްފައި ބަނޑުގައި ޖަހާފައެވެ. “ކަލޭ ހީކޮށް ތިހިރީ މަށަށް އެއީ ކާކު ކަން ނޭނގޭނެެ ކަމަށްތަ؟ އެއީ ކަލޭ ހިތާވެގެން އުޅުނު އަހުމަދެއް ނޫންތަ؟ ކީއްކުރަން އޭނައަށް ގުޅީ؟”
“އަހަރެން… ” އިތުރަކަށް އެއްޗެއް ނުބުނެވެއެވެ. އަހަރެންގެ ގަޔަށް އަރަންފެށި ހަމަލަތަކެއްގެ ތަދެއް ފަހަކުން އިހްސާސެއް ނުވެއެވެ. އަހަރެންގެ ވަށައިގެން ވޭނާއި ބިރުވެރިކަމާއި އަނދިރިކަން ފެތުރިއްޖެއެވެ.
އަހަންނަށް ހޭލެވުނު އޮތީ އައިވީ ގުޅާފައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ފުރިހަމަ ބެލެހެއްޓުމުގެ ދަށުގައެވެ. އަހަރެންނަށް ގުޑިލަންވެސް އަމުރެއް ނެތެވެ. ވެގެން އުޅެނީ ކީތްކަން ވިސްނެންވެސް ފެށީވެސް އެތައް އިރެއްގެ ފަހުންނެވެ.
އޭރު ނިޔާޒުގެ ދައްތަ ސޯބިރާވެސް އެތާ އުޅޭކަން އެނގުނެވެ. އަދިވެސް އެގޭގެ ބައެއް މީހުން އައިސް ތިބިތަން ފެނުނެވެ. އަހަރެން މިތާ އޮންނަތާ ތިން ދުވަސް ވީކަން ވެސް އެނގުނީވެސް ސޯބިރާ ބުނީމައެވެ.
ނިޔާޒު އެދުވަހު އޮފީހަށްގޮސް ސޯބިރާއަށް ގުޅީއެވެ. ބުނީ އަހަރެން ސިޑިމަތިން ކައްސާލީ ކަމަށެވެ. އެކަމަކު ފަހުން އެވީގޮތް އެމީހުންނަށް ވެސް އެނގުނީއެވެ. ޑޮކްޓަރުން ކިޔާ ދިނީމައެވެ.
މިއަކީ ނިޔާޒު ކުރިޔަސް ރަނގަޅު ކަމެއް ނޫނޭ އެމީހުންވެސް ބުންޏެވެ. އެކަމަކު މިކަން ތަކުރާރުވާ ނަމަ ނިޔާޒު ގާތުން ވަރިވާން އެމީހުން ނަސޭހަތްތެރި ވިއެވެ. ކިތަންމެ ދުވަހަކު ހުންނަން ޖެހުނަސް އެގޭގައި އެމީހުންގެ ގާތުގައި އަހަރެން ބަހަށްޓާނަމޭ ވެސް ބުންޏެވެ.
އެދުވަހު އަހަރެން އެކަމާ ވިސްނީމެވެ. މިއަކީ އުޅެވޭނެ ގޮތެއް ނޫނޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދޫކޮށްލީމާ ރަށަށް ދާނީއެވެ. ގޮސް ރަށުގައި އުޅެވެން އޮތް ގޮތަކަށް އުޅޭނީއެވެ.
އެއީ ހަފްތާ ބަންދު ތެރެއެވެ. މާލެތެރޭގެ ހަލަބޮލިކަން ވަކީން ގަދައެވެ. އެކަން ޓީވީއިން އަހަންނަށް ފެނެއެވެ. ނިޔާޒު ހުންނާނީ އެކަންތަކުގެ ތެރޭގައެވެ. ހެނދުނު ޑޮކްޓަރ އައީމަ އަހަރެން ދޫކޮށް ދޭށޭ ބުނާނީއެވެ. ނިޔާޒަށް ވަގުތެއް ވެގެން މިތަނަށް އައުމުގެ ކުރީގައި އަހަރެން ފުރައިގެން ދާނީއެވެ.
އަހަރެން އެވަގުތު އަހުމަދުގެ މަތީން ހަނދާންވިއެވެ. އޭނާއަށް އަހަރެންގެ ނަމްބަރު ދިން ހަނދާންވިއެވެ. އަހަރެން ނަމްބަރު ދިނީ އޭނާއަށް ދިން މިސްކޯލަކުންނެވެ. އަހަރެންގެ ފޯނަށް އަހުމަދުގެ ނަމްބަރު އައިސް އޮންނާނެ ކަމެއް އަހަރެންގެ ހަނދާނަކަށް އެރެއަކު ނައެވެ. އަހަރެން ގުޅާފައި ހުންނަ ނަމްބަރުތައް ނިޔާޒު ބަލާނެ ކަމެއް ކުރިޔަކުން ހިތަކަށް ނާރައެވެ. އަހަންނަށް އެވަރަށް އަނިޔާ ލިބުނީ އަހަރެން ހަނދާން ނެތިގެން އެހެން ނުބުނެވުނީމައެވެ.
އަހަރެންގެ ފަރާތުން އެބާވަތުގެ ކަމެއް ނިޔާޒަށް ފެނިފައެއްވެސް ނުހުންނާނެއެވެ. ދޮގެއް ވެސް ހަދާފައެއް ނޯންނާނެވެ. ޝައްކު ކުރަންވީ އެހެންނަމަތާއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ދެން ދާނީއެވެ. ގުޅުން ނެތް ލޯތްބެއްގައި އޮންނާނީ ކޮން ފޮނި މީރު ކަމެއްހެއްޔެވެ؟ ހުރިހާ އެއްޗަކީ ދުނިޔޭގެ އަރާމެއް ނޫނެވެ. ހިތަށް ވެސް އަރާމު ލިބެން ޖެހޭނެއެވެ. އަޅާލުން ލިބެން ޖެހޭނެއެވެ. އެވަގުތު އަހަރެންގެ މާގަސްތަކުގެ މަތީންވެސް ހަނދާންވިއެވެ. އެ ގަސްތައްވެސް މިހާރު ވާނީ މިލާ މޯޅިވެފައެވެ. އަހަރެން ފަދައިން ދިރިހުއްޓާ މަރުވެފައެވެ.
ޑޮކްޓަރ އައުމާއެކު އަހަރެން ދޫކޮށް ދިނުމަށް އެދުނީމެވެ.
“ނޫން.” ޑޮކްޓަރ ރިޝްމާ ވިދާޅުވިއެވެ. “ނަރީމާ ތިޔަ ހާލުގައި ދޫކޮށެއް ނުލެވޭނެ. ހިނގާ ހަރަކާތްކޮށް ހަދަން ވެއްޖެ ނަމަ ދަރިފުޅު އެބޯޓް ވުންވެސް އެކަށީގެންވޭ.”
“ދަރިފުޅު!” އަހަރެންނަށް ލިބުނު ޝޮކެއްގެ ބޮޑުކަމުން ދެލޯ ބޮޑުވިއެވެ. “އަހަރެން…”
“އާނ! ޓެސްތަކުން ދައްކާ ގޮތުގައި ވަން މަންތު.” ޑޮކްޓަރ ބުންޏެވެ. “ނަރީމާގެ ބަނޑަށް ލިބުނު ގެއްލުމަށް ފަހުވެސް ދަރިފުޅު އޮތީ އަދި ސަލާމަތުން. އެކަމަކު އަދި ދެތިން ހަފްތާއަކަށް އަހަރުމެން ބަލަމުން ގެންދަން ޖެހޭނެ.”
ނިޔާޒް ހަމަ ވަގުތުން އަތުވެއްޖެއެވެ. ހުރީ ހަމަ އަސްލުގައިވެސް ދެރަވެފައި ކަން އެނގެއެވެ. އޭނާއާއި އަހަރެން އެކަނިވުމުން ހަމަ ގަދަ އަޑުން ރުޔެވެ. އަހަރެންގެ ގައިގައި ހިފައި އޭނާއަށް މައާފު ކޮށް ދިނުން އެދުނެވެ.
” ގޯސް ހެދުނީ އަހަންނަށް.” އޭނާ ރޮމުން ބުންޏެވެ. “އަހަންނަށް ނަރީ އާ މެދު އިހްމާލު ވެވުނީ. އެއީ އަހަރެންގެ ނުވިސްނޭ ކަމުން ކުރެވުނު ކަމެއް. އަހަންނަށް ފަހުން އެނގުނު ނަރީމާ އަހުމަދަށް ނަމްބަރު ދިން ސަބަބުވެސް. އަހަންނަށް ރުޅިއާދެވުނީ. އެހެން ކަމަކާ އައިސްފަ ހުރި ރުޅިއެއް ނަރީމާއަށް ބޭލުނީ. މިއަދުގެ ފަހުން އަހަރެންގެ ސެކްޝަންވެސް ބަދަލު ކުރާނަން. ދެން އަލުން އެކަމެއް ތަކުރާރެއް ނުވާނެ. އެއީ އަހަރެންގެ އިހުމާލު.”
“އެއީ އަހަރެންގެ ވެސް އިހުމާލު.” ކާވެނީގެ ފަހުން ފިރިމީހާއަށް ނޭނގި އެހެން މީހެއްގެ ގާތުން ކަމަކު އެދިގެން ނުވާނެ. ދެމީހުންނަށް ވެސް ދެމީހުންގެ ހުރިހާ ކަމެއްވެސް އަބަދު އެނގެން ޖެހޭނެ.”
“އާނ! އެކަކު ވާތަން އަނެކަކަށް އެނގެން ޖެހޭނެ.” ނިޔާޒު އަހަރެންގެ ކަރުނަ ފޮހެދިނެވެ. “އެންމެ ކުޑަމިނުން ކެއީ ކޯންޗެއްކަން ނިދީ ކޮން އިރަކުކަން ވެސް ދެން އަހަރެން ބަލާނަން. “
އޭނާ ޖީބުން ފޯން ނަގާފައި އަހަރެންގެ ނަމްބަރަށް ގުޅާލިއެވެ. “ހަލޯ، ނަރީ. އަވަހަށް ގަދަވޭ! އަހަރެންގެ ދަރިފުޅު ދެކެން ބޭނުން.”
އެތައް ޒަމާނަކަށް ފަހު އަހަރެންގެ ތުންފަތަށް ހިނިތުން ވުމެއް އަތުވެއްޖެއެވެ. އަހަރެންގެ ހަޔާތުގެ ބަގީޗާ އަނެއްކާވެސް އަލުން އާރޯ ކަމާއެކު ހެދިގެންފިއެވެ. ފުރިހަމަ ލޯތްބާއި އަޅާލުމާ އެކުގައެވެ. އަހަރެންގެ ބެލްކަނީގައި ހުރި މާގަސްތަކަށްވެސް ދެން ފެން ނުލިބިއެއް ނުހުންނާނެއެވެ. ލޯތްބާއި އަޅާލުމުގެ ވާރޭ ވެހެން ފެށުމުން އިހުމާލަކަށް ދެނެއް ޖާގައެއް ނެތެވެ.
ނިމުނީ