English Edition
Dhivehi Edition
އީނާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމުގެ ޝައުގުވެރިކަން މިހާރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އާމިނަތު އީނާ ފާޅުކޮށްފިއެވެ.

އައްޑޫ ސިޓީ އުފެދުނު ފަހުން މޭޔަރުކަމުގެ މަގާމަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އީނާ ބުނީ މި މަގާމަށް ކުރިމަތިލި އެންމެ ބޮޑު ސަބަބަކީ މިހާރުވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސް ދިނުމުގެ އުއްމީދާއެކު ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން ކަމަށެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ މަގާމަށް މީގެ ކުރިން އަންހެނަކު ވާދަކޮށްފައި ނުވާއިރު އީނާ ބުނީ އަންހެނަކަށް ވީތީ މިކަމުގައި ފަސްޖެހުމެއް ނެތް ކަމަށެވެ. އަދި އަންހެނަކަށް ވީތީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ގަބޫލުކުރާ ކަމަށާއި މަސައްކަތުގެ މާހައުލުގައި، ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށެވެ.

އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާއިވެސް ގާތް ގުޅުމެއް ބާއްވަމުން އަންކަން ފާހަގަކޮށް އީނާ ބުނީ މި މަގާމަށް ކުރިމަތިލީ އެއްވެސް ތަފާތުކުރުމެއް ނެތި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޝައުގާއެކުގައި ކަމަށެވެ.

މިހާރު ފޭދޫ ދާއިރާގެ ޕީއެންސީ ސްޓިއަރިން ކޮމިޓީގެ އަންހެނުންގެ ރައިސާގެ މަގާމު އަދާކުރަމުން އަންނަ އީނާ ސިޔާސީ މައިދާނަށް ނުކުތީ 2009 ވަނަ އަހަރުގައެވެ. އަބަދުވެސް ސިޔާސީ ވެރިންގެ ވާހަކަތައް އަޑުއަހާ، އެ ކަންކަން ތަޖުރިބާކުރަން އަންނަ އީނާ ވިދާޅުވީ މުޖްތަމައުއަށް ހިދުމަތްކުރުމަކީ އަބަދުވެސް ކުރާ ހިތްވާ މަސަކަތެއް ކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ އީނާ ބުނީ އެ މަސައްކަތުގައި އުޅޭއިރު އަލަށް ދިމާވާ މީހުންގެ ހިޔާލާ މަޝްވަރާ ހޯދާ ކަންކަން ކުރިއަށް ގެންދާނެ އިތުރު ގޮތްތައް އަބަދުވެސް ދަސްކުރަމުންދާ ކަމަށެވެ.