English Edition
Dhivehi Edition

އެވިޑް ކޮލެޖުން ރިސަރޗް ގްރާންޓް ސްކީމެއް ތަޢާރަފްކޮށް، އެ ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިއީ އެ ކޮލެޖުގެ ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖްގެ ފެކަލްޓީ އޮފް ރިސަރޗް އެންޑް އިނޮވޭޝަންސްގެ ނަން “ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންސް “އަށް ބަދަލުކުރައްވިކަން ޢިއްލާން ކުރައްވާ، ރިސަރޗް ގްރާންޓް ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

މި ރަސްމިއްޔާތުގައި މުސްތާގު ވިދާޅުވީ މިއީ އެވިޑް ކޮލެޖްގެ ތާރީޚްގައި ލިޔެވި ފާހަގަވެގެންދާނެ އުފާވެރި ދުވަހެއް ކަމަށާއި ފެށިގެންމިދަނީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

“މިކަމުގެ ސަބަބުން ޢިލްމީ ދިރާސާތައްކުރައްވާނޭ ބޭފުޅުންތަކެއް އަލަށް އުފެދި ނުވަތަ އިތުރުވެ އެބޭފުޅުންގެ ދިރާސާތަކުގެ ސަބަބުން މުޅިމުޖުތަމައުއަށް ވަރަށް ފައިދާކުރާނެ. ޚާޢްޞަކޮށް އެވިޑް ކޮލެޖަށާއި އެވިޑް ކޮލެޖްގެ ސްޓާފުންނަށް އަދި ދަރިވަރުންގެ ކުރިއެރުމަށް އިތުރުމަގެއް ކޮށިގެން ދާނެ.” ޗެއަރމަން ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތާގު ވިދާޅުވީ ރިސަރޗް ގްރާންޓް ސްކީމް މިވަގުތު ޚާޢްސަކުރެވިފައިވަނީ ހަމައެކަނި އެވިޑް ކޮލެޖުގެ ސްޓާފުންނަށް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ސްކީމް ފުޅާކޮށް، ޢާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއަރމަންއަށް ލަފާ ދެއްވަވާ ޚާއްސަ މުޝީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އާއި އެވިޑް ކޮލެޖްގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރެއްވެވި ކޮންސަލްޓެންޓް ކަމުގައިވާ ޑރ. އަޙްމަދު ޢަލިމަނިކު އަދި އެވިޑް ކޮލެޖްގެ އެކަޑެމިކް ސްޓާފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.