ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް ޖަމިއްޔާ ” ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓް ” (ޕީ.އެމް.އައި) ގެ އޮތޮރައިޒްޑް ޓްރެއިނިންގ ޕާރޓނަރަކަށް އެވިޑް ކޮލެޖް ހަމަޖެހުމާގުޅިގެން އެކަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެކަން އިފްތިތާހްކޮށްދެއްވީ ބީހައިވް ހޮޓެލްސްގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމީ ހަފްލާގައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.
މިހަފްލާއި ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް އާއިބެހޭ ތަފާތު މަޢުލޫމާތު އެކުލެވިގެންވާ އިންޓްރޮޑަކްޓަރީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިއްސާކުރެވުނެވެ. އަދި ހަމައެހެންމެ ޕީ.އެމް.އައި ގެ އިންސްޓްރަކްޓަރއަކަށް ހުސެން ހަލީމް ހަމަޖައްސަވައި އެކަމުގެ ބެޖްވެސް މިހަފްލާގައި އެފަރާތާއި ހަވާލުކުރެވުނެވެ.
ޕީ.އެމް.އައި ޓްރެއިނިންގ ސެންޓަރ އިފްތިތާހް ކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ މިކަމުގެ ސަބަބުން އެވިޑް ކޮލެޖްގެ ތާރީޚްގައި އަނެއްކާ ވެސް ކުލަގަދަ ސަފުހާއެއް އިތުރުވީ ކަމުގައެވެ. އަދި އެކަމަށްޓަކައި ނުހަނު ހިތްހަމަޖެހޭކަމުގައެވެ.
އަބަދުވެސް އެމަނިކުފާނުގެ އެއްމަޤްޞަދަކީ ދިވެހިރާއްޖެއަށް މިފަދަ އާކަންކަން ތައާރަފްކޮށް އެވިޑް ކޮލެޖް މެދުވެރިވެގެން އެކަންކަމުގެ ފައިދާ ދިވެހިންނަށް ލިބުން ކަމަށާއި ދިވެހިންނަށް ޚިދްމަތްކުރުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރޮޖެކްޓް މެނޭޖްމެންޓަށް ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް އެވިޑް ކޮލެޖް މެދުވެރިވެގެން ޕްރޮޖެކްޓް މެނޭޖްމެންޓް ކެރިއަރ ފަށައިގެން ކުރިއަށް ގެންދެވޭނެކަމުގައެވެ.
އިތުރު ލެވެލަކަށް ވާޞިލްވެ ކެރިއަރ އެޑްވާންސް ކުރުމުގެ ފުރުޞަތުވެސް އެބައޮތް ކަމަށާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގެ ތަޖުރިބާކާރު މީހަކަށްވެ އޭގެފައިދާ ބޮޑަށް ކުރާނެ ކަމަށް ވެސް މުސްތާގު ވިދާޅުވިއެވެ.
ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ ބޭފުޅުންނާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބެފުޅުން ބައިވެރިވެލެއްވިއެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި މަތީ ތަޢުލީމުގެ ފުރުސަތު އަތްފޯރާފަދަ އަގެއްގައި ދިވެހިންނަށް ފޯރުކޮށްދެމުން ގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ.