English Edition
Dhivehi Edition

އެވިޑު ކޮލެޖުން ނ. މަނަދޫ ޕްރީ ސްކޫލް ޓީޗަރުންނަށް ދިން ސްކޮލަރޝިޕަށް ހޮވުނު ތިން ފަރާތަށް ލިޔުން ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ސްކޮލަރޝިޕަށް ހޮވުނު ޓީޗަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ.

މިއީ މަނަދޫ ކައުންސިލުން ހިންގާ މަނަދޫ ޕްރީސްކޫލްގެ އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތަކަށް އެވިޑް ކޮލެޖުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާވައިފައިވާ ޕްރޮގްރާމްގެ ދަށުން ދިން ތިން ފުރުސަތެކެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ކައުންސިލްގެ މެމްބަރުންނާއި ސްކޮލަރޝިޕްތަކަށް ހޮވުނު ފަރާތްތައް ވަރޗުއަލްކޮށް، ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެވިޑު ކޮލެޖުގެ މި ސްކޮލަރޝިޕްތަކަށް ހޮވިފައިވަނީ ނ. މަނަދޫ، މުރަކަ، ޒާހިދާ ހަސަނާއި ޑޭޒީމާގޭ، އައިމިނަތު ސާނިހާއި، ފިނިފެންމާގެ، ޝަޒުރާ އަބޫބަކުރެވެ.

މި ސްކޮލަރޝިޕް ދަށުން މިތިން ފަރާތަށް އެވިޑް ކޮލެޖުން ހިންގާ 3 އަހަރު ދުވަހުގެ ބެޗްލަރސް އޮފް އަރލީޗައިލްޑްހުޑް ޕްރޮގްރާމް ގައި ބައިވެރިވެވޭނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމުގެ ފުރުޞަތު އަތްފޯރާފަށުގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ހިންގާ ތަފާތު ދާއިރާތަކުގައި ތަފާތު ދަރަޖައިގެ ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލިމު ހާޞިލްކުރަމުންގެންދެއެވެ.