English Edition
Dhivehi Edition

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި މައްސަލައިގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި އަހަރު އެޕްރީލު 8 ވަނަ ދުވަހުގައި ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށިގަނޑުވަނީ ބޮޑެތި ޒަހަމްތަކެއް ފެނިފައެވެ. މި މައްސަލައިގައި މިހާތަނަށް ތިން މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ވަނަވަރެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނައިމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 20 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް

ނައިމާގެ މަރުގެ މައްސަލައިގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު މަނަދޫން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 23 އަހަރުގެ މީހާ އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އެގޮތުން އެ މައްސަލައިގައި، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ،މަނަދޫން ހައްޔަރުކުރި އުމުރުން 23 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް މަނަދޫގެ ކޯޓުން ވަނީ ޖަހާފައެވެ. އަދި ކޯޓު އަމުރުގައިވާ ގޮތުން، އެ މީހާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެއެވެ.

މީގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި 20 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ. އަދި ބަންދުގެ މުއްދަތު ޖެހުމަށްފަހު ވަކީލަކު އައްޔަން ކުރަން ފުރުސަތު ވަނީ ދީފައެވެ.