English Edition
Dhivehi Edition

ރަަށްރަށުގެ ފަނޑިޔާރުގެތަކުގައި ހުރި މައްސަލަތަކުގެ އޮޑިޓެއް ހެދުމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުޤޫބު އަބްދުﷲ ގޮވާލައްވައިފިއެވެ.

އޭނާ މިފަދައިން ގޮވާލެއްވީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔައުގޫބު ވިދާޅުވީ ފަނޑިޔާރުންދަނީ އެކިއެކި ވިޔަފާރީގައި ޙަރަކާތްތެރިވަމުން ކަމަށާއި ރަށްރަށުގެ މެޖިސްޓްރޭޓުންގެ ޢަމަލުތައް ހުންނަގޮތްވެސް ޖޭއެސްސީން ބައްލަވަން ޖެހޭކަމަށެވެ.

މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ވަޢުދުކަން ފާހަގަ ކުރައްވާ ޔައުޤޫބު ވިދާޅުވީ އެކަންކަމުގެ ތެރޭގައިވެސް ބައެއް ފަނޑިޔާރުން އުޅޭކަމީ މިއަދު ހިތާމައާއެކީ ފާހަގަކުރާ ކަމެއް ކަމުގައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައިވެއެވެ.