English Edition
Dhivehi Edition

ދާންދޫ ކައުންސިލަރުންނާއި މަޖިލިސް މެމްބަރު ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލު ކުރައްވައިފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދާންދޫގައި ދެވިދާނެ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ދާންދޫ ދާއިރާގެ މަޖްލިސް މެންބަރު ޔައުޤޫބް ޢަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދާންދޫ ކައުންސިލަރުން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފައިވާ އިރު، މި ޑިސެމްބަރ މަހުގެ ބާރަވަނަ ދުވަހު އެ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ވެސް އެ ދާއިރާގެ މަޖިލިސް މެމްބަރު ޔައުޤޫބް ޢަބްދުﷲ ބައިވެރިވެވަޑައިގެންވި އެވެ.

ރައީސް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މިވީހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވެ، އެ ކައުންސިލުން ވަނީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.

މީގެ އިތުރުން ދާންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައި ވެއެވެ.