English Edition
Dhivehi Edition

އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މިވީހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވެ، އެ ކައުންސިލުން ވަނީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.

ދާންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވާ އިރު، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކު ތެރޭގައި، ދިގު މުއްދަތުން ދައްކާ ޚަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު ޢިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ ޢިމާރާތް ބިނާކޮށްފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޤާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ޚިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީދިމާވާ ދަތިތަކާއި، ރަށުގައި އަލަށް ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ބޭނުންވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ދާންދޫ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައިދިނުމަށް ފެށުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށާއި، ބޭންކިންގ ޚިދުމަތް ބޭނުންވާކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭކަމުގައި ކައުންސިލަރުން ވިދާޅުވި އެވެ. އަދި ކައުންސިލުން ވަނީ ޖުމްލަކޮށް ރަށުގެ ތަރައްޤީގެ ކަންކަން ރަނގަޅުނަމަވެސް ޞިއްޙީ މަރުކަރުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ފާހަގަ ކުރައްވާފަ އެވެ.

ހަމަމިއާއެކު ކައުންސިލުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރު ވެސް އޮތްކަން. ފާހަގަކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދާންދޫ ދާއިރާގެ މަޖްލިސް މެންބަރު ޔައުޤޫބް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.