English Edition
Dhivehi Edition

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިންތިހާބުން ބަލިވީ ޕީޕީއެމް ނޫން ކަމަށާއި އިންތިހާބުން ބޮޑު ތަނުން ބަލިވީ ވެރިކަން ކުރާ ކޯލިޝަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ބޮޑު ކޯލިޝަނަކާ ވާދަކޮށް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ޕީޕީއެމަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

“މި އިންތިހާބުން ބޮޑު ތަނުން ބަލިވީ މި ވެރިކަން ކުރާ ކޯލިޝަނޭ، ގާސިމް އިބްރާހިމޭ، މައުމޫނޭ، ރައީސް ނަޝީދޭ، ރައީސް ސޯލިހޭ. އަޅުގަނޑުމެންނަށް އެނގެއޭ މި އިންތިހާބަށް ވީ ގޮތް،” އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ހަގީގަތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުވީ ޕީޕީއެމްއަށް ކަމަށާއި އެބޭފުޅުން ޖެއްސެވި ހިސާބު އެހެން ބޭފުޅުންނަކަށް އެނގިނުލައްވަވާނެ ކަމަށެވެ،

“އަޅުގަނޑުމެން ޖެހި ހިސާބަކީ މި ގައުމު މިދާ މިސްރާބާ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ އެމްޑީޕީއަށްތޯ ޕީޕީއެމްއަށްތޯ،” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި އިންތިޚާބުން ޕީޕީއެމް އޮތް ހިސާބު މިހާރު ވަޒަން ކުރެވިއްޖެކަމަށެވެ. ގިނިކަންޏާ ނިކުމެ ބޮޑު ކޯލިޝަނަކަށް ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރެވުމަކީ މިއަދު ޕީޕީއެމްގެ ކާމިޔާބީކަމަށް އޭނާ ސިފަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދުރޭ ވިދާޅުވީ އެ އިންތިޚާބުގެ ނަތީޖާ އައިގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރައްވާނެކަން ޔަގީން ވެފައިވާކަަމަށެވެ.