English Edition
Dhivehi Edition

ޕާކިސްތާންގެ ޤައުމީ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސް އިން ބުނެފިއެވެ.

އެއާލައިންގެ ސީއީއޯ އަރުޝަދު މާލިކާއި ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވަނީ ކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްއިން އަލަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ މަންޒިލްތަކަކީ އޮސްޓްރޭލިއާ، ދިވެހިރާއްޖެ އަދި ހޮންގކޮންގ ކަމަށެވެ. އަދި މީގެ އިތުރުން އެއަރލައިނުން ދަނީ އިނގިރޭސިވިލާތަށާއި، އެމެރިކާ އަދި ޔޫރަޕުގެ ޤައުމުތަކަށް ބާއްވަމުން އައި ދަތުރުތައް އަލުން ފެށުމަށްޓަކައި ކަމާއި ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުން ކަމަށް ވެސް އެއާލައިނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުރިން ދަތުރުތައް ބާއްވަމުންދިޔަ އިސްތަންބުލް އަދި ބެންކޮކަށް އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށްވެސް މާލިކް ވިދާޅުވެފައިވެއެވެ.

ޕާކިސްތާނަކީ ދިވެހިން އާއްމުކޮށް ދަތުރުކުރާ ޤައުމެއް ނޫންނަމަވެސް ތައުލީމު ހާސިލުކުރުމަށް މަދުން ނަމަވެސް ދިވެހިން ޕާކިސްތާނަށް ދެއެވެ. އަދި ރާއްޖޭގެ އެކި ދާއިރާތަކުގައި ޕާކިސްތާނަށް ނިސްބަތްވާ މީހުން ވަޒީފާ އަދާކުރަމުންދާއިރު 2019ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 6095 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 2021 ވަނަ އަހަރު މި އަދަދުވަނީ 13764 އަށް އިތުރުވެފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.