English Edition
Dhivehi Edition

މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން ޕާކިސްތާންގެ ސަގާފަތް ދައްކުވައިދޭ ފަންޑް ރެއިޒިންގ އިވެންޓެއް އިންތިޒާމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑިސެންބަރު މަހުގެ 5ވާ ހޯމަ ދުވަހުގެ ރޭ 08:45ގައި މެންހެޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށް ދާ “ޕާކިސްތާނީ ކަލްޗަރަލް ނައިޓް”ގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ ޑިނާއެއްގެ އިންތިޒާމުކުރުމުގެ އިތުރުން، ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ތަކެތި ހިމެނޭ މޭޒެއް ބެހެއްޓިފައި ހުންނާނެ އެވެ.

މި ހަރަކާތުގެ ތެރެއިން އުރުދޫ މިއުޒިކާއި ލަވަތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ފެނިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީއާއި ޕާކިސްތާން ހައިކޮމިޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕާކިސްތާނީ ކަލްޗަރަލް ނައިޓްގެ ޓިކެޓެއް ވިއްކަނީ 350 ރުފިޔާ އަށެވެ. މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

ޓިކެޓް ބޭނުންވާ ފަރާތްތަކުން ގުޅާނެ ނަންބަރަކީ 7942802 އާއެވެ.

ބީސީއެމްއަކީ 26 ޑިސެންބަރު 2021ގައި ޕާކިސްތާނުގެ ކުރީގެ ސަފީރު ހިޒް އެކްސެލެންސީ އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު އިފުތިތާހު ކޮށްދެއްވި ޖަމުޢިއްޔާއެކެވެ.