English Edition
Dhivehi Edition

ޕާކިސްތާން ކަލްޗަރަލް ނައިޓް, މިނިސްޓަރ ޢާއިޝަތު ނަހުލާ އިފުތިތާހުކޮށްދެއްވައިފި އެވެ.

މިއީ މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) ގެ ފަރާތުން ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި ޕާކިސްތާންގެ ސަގާފަތް ދައްކުވައިދޭ ފަންޑް ރެއިޒިންގ މި އިވެންޓްގައި ޖުމުލަ 80 ޓިކެޓް ވިކިފައި ވެއެވެ.

ޕާކިސްތާން ކަލްޗަރަލް ނައިޓްގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ ޑިނާއެއްގެ އިތުރުން، ޕާކިސްތާނުގެ ސަގާފަތާއި އަތްތެރި މަސައްކަތް ދައްކުވައިދޭ ތަކެތި ހިމެނޭ މައުރަޒެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އުރުދޫ މިއުޒިކާއި ލަވަތައް ހުށަހަޅައިދިނުމުގެ އިތުރުން ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ފެނިގެން ގޮސްފައި ވެއެވެ.

ޕާކިސްތާނީ ކަލްޗަރަލް ނައިޓްގެ ޓިކެޓުތައް ވިއްކައިގެން ލިބިފައިވާ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ސެނިޓަރީ ތަކެއްޗާއި، ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީއާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އަދި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަޙީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ބީސީއެމްއަކީ 26 ޑިސެންބަރު 2021ގައި ޕާކިސްތާނުގެ ކުރީގެ ސަފީރު ހިޒް އެކްސެލެންސީ އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު އިފުތިތާހު ކޮށްދެއްވި ޖަމުޢިއްޔާއެކެވެ.