ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރިގަދަ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ކުރިއަށް ގެންދަނީ ކޮމަންޑޫ ދާއިރާގެ 3 ރަށުގެ އިތުރުން މާލޭގައެވެ. މިއަދުގެ ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވަނީ ށ. އަތޮޅު ތައުލީމީ މަރުކަޒާއި ށ. ކޮމަންޑޫ ޕްރީ ސްކޫލްގައެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 365 މީހުންނަށެވެ. އަދި ށ. ކޮމަންޑޫ ޕްރީ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 347 މީހުންނަށެވެ.
ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވާއިރު މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮއްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.
މިއިންތިޚާބުގައި މިތިން ރަށުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުންގެ ތެރޭގައި ހިމެނެނީ ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ.
ވޯޓުލުން ށ. ކޮމަންޑޫގައި ފަށާފައިވާއިރު, އިލެކްޝަންގެ ކަންތައްތައް އިންތިޒާމުކުރުމަށް ށ. ފޯކައިދޫއަށް ފޮނުވާފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން އިންތިޚާބަށް ނުފޫޒު ފޯރުވާކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް އީސީން ވަނީ މިކަން ދޮގު ކޮށްފައެވެ. އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ, އޮފިޝަލުން ތިބީ (އިދިކޮޅު ޕީޕީއެމްވެސް ހިމެނޭގޮތަށް) ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، އެފަރާތްތަކުގެ އެއްވެސް މައްސަލައެއް ނެތުމުން ކަމަށެވެ.
މިއިންތިޚާބަކީ ފޯރިގަދަ ކެމްޕެއިނެއްކޮށް ވާދަވެރިކަން ބޮޑުވެފައިވާ އިންތިޚާބަކަށްވާއިރު މިއިންތިޚާބުގެ ނަތީޖާއަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ނިޔާވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.